އުތުރު ތިލަފަޅުގެ އެކްސްކުލޫސިވިޓީ އިންޑިއާ އަށް އޮތުމަށް ކުރީގެ ސަރުކާރުން ގަބޫލު ނުކުރީ: ކުރީގެ ސަފީރު

މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް 2016 ފެށުމުގެ ރަސްމިއްޔާތުގެ ތެރޭން: -- ސަން ފައިލް ފޮޓޯ/ މާހިލް މުހައްމަދު

އުތުރު ތިލަފަޅުގައި ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާގެ އެހީތެރިކަމަށް ކުރީގެ ސަރުކާރުތަކުން ހުށަހެޅި ވާހަކައަކީ ރަނގަޅު ވާހަކައެއް ކަމަށާއި ނަމަވެސް އެ މަޝްރޫއު އިންޑިއާގެ އެހީއާ އެކު ކުރިއަށް ގެންދިއުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޭރު އިއުތިރާޒު ކުރީ އެޑޮކް ޔާޑުން ހިދުމަތް ހޯދުމުގައި އިންޑިއާ އަށް އެކްސްކުލޫސިވް ރައިޓްސް އޮތުމަށް އިންޑިއާ އިން ވަކާލާތު ކުރުމުން ކަމަށް ކުރީގެ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން އިންޑިއާ އަށް ކަނޑައެޅުއްވި ސަފީރު އަހުމަދު މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ ރައީސް ޔާމީން 2016 ވަނަ އަހަރު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ސަރުކާރުން މަޝްވަރާ ކުރި ކަންތައްތަކުގެ ލިސްޓްގައި އުތުރު ތިލަފަޅުގައި ޑޮކްޔާޑެއް ތަރައްގީ ކުރުމުގެ ވާހަކަ ހިމެނު ކަމަށެވެ.

"ނަމަވެސް އޭގެ ފަހުން 2018 ވަނަ އަހަރުގެ ޖެނުއަރީ ތެރޭގައި އަޅުގަނޑާއި ފޮރިން މިނިސްޓްރީގެ އިތުރު އޮފިޝަލުންނާ އެކު އިންޑިއާގެ އޮފިޝަލުންނާ ދިއްލީގައި ބައްދަލުކޮށް، ޑޮކްޔާޑުގެ އެކްސްކުލޫސިވިޓީ ހަމަ އެކަނި އިންޑިއާ އަށް އޮންނަ ގޮތަށް އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރުން ބޭނުން ނޫން ކަމަށް ވާނީ ދަންނަވާފައި،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބައްދަލުވުމުގައި އިންޑިއާގެ ކުރީގެ ފޮރިން ސެކްރެޓަރީ އަދި މިހާރުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާއި އުތުރު ތިލަފަޅު މަޝްރޫއާ ގުޅޭ ގޮތުން ކުރީ ސަރުކާރުގެ ސްޓޭންޑް އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓަރަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ކުރީގެ ސަފީރު ވިދާޅުވީ އެ ބައްދަލުވުމުގައި އިންޑިއާގެ ހެލިކޮޕްޓަރަރުގެ ކޮންޓްރެކް އާކުރަން ބޭނުން ނޫން ވާހަކަ އާއި ހެލިކޮޕްޓަރު އަނބުރާ ގެންދިއުމަށް ވެސް އެ ބައްދަލުވުމުގައި އިންޑިއާގެ އޮފިޝަލުން އަރިހުގައި ދަންނަވާފައިވާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް