ގެއްލޭ ޕާސްޕޯޓުތަކުގެ މައުލޫމާތު އިންޓަޕޯލްގައި ހިމަނަނީ

ބަޔޯމެޓްރިކް ދިވެހި ޕާސްޕޯޓުގެ ސާންޕަލެއް ދައްކާލަނީ--

ގެއްލޭ ޕާސްޕޯޓު ނުވަތަ ވަގަށް ނަގާ ޕާސްޕޯޓުތަކުގެ މައުލޫމާތު އިންޓަޕޯލް އާއި ހިއްސާކުރަން ނިންމައި އެފަދަ ޕާސްޕޯޓުތަކާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ އިތުޝާދު މޯލްޑިވްސް އިމިގްރޭޝަނުން ހިއްސާ ކޮށްފި އެވެ.

އިމިގްރޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އިމިގްރޭޝަނާއި އިންޓަޕޯލްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ގެއްލުމުން، ވަގަށް ނެގުމުން ނުވަތަ އެހެނިހެން ސަބަބަކާއި ގުޅިގެން ކެންސަލް ކުރެވޭ ޕާސްޕޯޓާއި ދަތުރުކުރުމުގެ އެހެނިހެން ލިޔުންތައް އިންޓަރޕޯލް އާ ހިއްސާކުރަން ޖެހޭ ކަމަށެވެ.

އެހެންކަމުން ދިވެހި ޕާސްޕޯޓާއި ދަތުރު ކުރުމުގެ ވަގުތީ ލިޔުން ގެއްލިގެން ނުވަތަ ވަގަން ނެގުމާ ގުޅިގެން ރިޕޯޓު ކުރުމުން އެ މަޢުލޫމާތު އިންޓަޕޯލްގެ "ސްޓޯލަން އެންޑް ލޮސްޓް ޓްރެވަލް ޑޮކިއުމެންޓް" (އެސްއެލްޓީޑީ) ޑޭޓާބޭސްގައި 25 ފެބުރުއަރީ 2021 އިން ފެށިގެން ހިމަނަން ފެށަން ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓް ގެއްލިގެން ނުވަތަ ވަގަށް ނަގައިގެން ރިޕޯޓު ކުރާ ވަގުތުން ފެށިގެން ޕާސްޕޯޓަކީ ދަތުރު ކުރުމަށް ބޭނުން ކުރެވޭ ސައްހަ ލިޔެކިއުމަކަށް ނުވާތީ، ރިޕޯޓު ކުރާ ފަހުން ޕާސްޕޯޓް ފެނިއްޖެ ހާލަތެއްގައި ވެސް ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ގައުމުތަކުން އެތެރެވެ ބޭރުވުމަށް ސައްހަ ލިޔެކިއުމެއްގެ ގޮތުގައި އެފަދަ ޕާސްޕޯޓެއް ބޭނުން ނުކުރެވޭނެ ކަމަށެވެ.

އެސްއެލްޓީޑީގައި ޕާސްޕޯޓު ގެއްލިފައިވާ ކަމަށް ނަވަތަ ވަގަށް ނަގާފައިވާ ކަމަށް މަޢުލޫމާތު ހިމެނިއްޖެ ނަމަ، އިންޓަޕޯލުގެ މެމްބަރު194 ގައުމަކަށް އެ މައުލޫމާތު ފެންނަން ހުންނާނެތީ، ރިޕޯޓު ކުރާފަހުން ޕާސްޕޯޓު ފެނިގެން އެ ޕާސްޕޯޓު ދަތުރު ކުރުމަށް ބޭނުން ކޮށްފި ނަމަ، ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ގައުމުތަކުގެ އިމިގްރޭޝަނުން ހުއްޓުވަމުން ދާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ގެއްލިގެން ނުވަތަ ވަގަށް ނެގުމާއި ގުޅިގެން ރިޕޯޓު ކުރުމަށް ފަހު ޕާސްޕޯޓު ފެނިއްޖެ ހާލަތެއްގައި، ކުރިމަތިވެދާނެ ދަތިއުނދަގޫ ހާލަތަކުން ރައްކާތެރިވުމަ އެފަދަ ޕާސްޕޯޓު ދަތުރުފަތުރު ކުރުމަށް ބޭނުން ކުރުމުގެ ބަަދަލުގައި އިމިގްރޭޝަނަށް ރައްދު ކޮށްދިނުމަށް އިމިގްރޭޝަނުން ވަނީ އެދިފަ އެވެ.

comment ކޮމެންޓް