ފުލުހުން ގޮސް ވެޑިން ޕާޓީއެއް ހުއްޓުވައި، ސޯލްޓް ކެފޭ ޖޫރިމަނާކޮށްފި

މިއަދު ސޯލްޓް ކެފޭގައި ބޭއްވި ވެޑިން ޕާޓީގެ ތެރެއިން --

އެޗްޕީއޭގެ އެންގުމާ ހިލާފަށް ސޯލްޓް ކެފޭގައި މިއަދު ކައިވެނި ޕާޓީއެއް ބޭވުމުން، ފުލުހުން އެތަނަށް ގޮސް އެ ޕާޓީ ހުއްޓުވައި، ސޯލްޓް ކެފޭ ޖޫރިމަނާކޮށްފި އެވެ.

މާލޭގައި ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް އިތުރުވެ، ތިން ވަނަ ރާޅަކާ ކުރިމަތިލާން ޖެހިފައިވާއިރު، އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން ކައިވެނި ޕާޓީތައް ފަދަ އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިއަދު ހަވީރު 17:30ގައި ސޯލްޓް ކެފޭގައި އޮތް ވެޑިން ޕާޓީއަކަށް ފުލުހުން ގޮސް އެ ޕާޓީ ހުއްޓުވާފައިވާ ކަމަށެވެ. އަދި ޕާޓީ ބޭއްވުމުން ސޯލްޓް ކެފޭ ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވަނީ، ފުރަތަމަ އެންގުމުން ޕާޓީ ހުއްޓާލާފައި ނުވާ ކަމަށެވެ. ނަމަވެސް، އެކަން އެނގިގެން ފުލުހުން ދެވަނަ ފަހަރަށް އެތަނަށް ގޮސް ޕާޓީ ހުއްޓުވާފައިވާ ކަމަށް ބުންޏެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތަކާ ހިލާފުވާ ގާނޫނީ ޝަހްސުތަކަށް ފުރަތަމަ ފަހަރު ކުރަނީ 5000 ރުފިޔާގެ ޖޫރިމަނާއެކެވެ. ފުލުހުން ބުނީ ސޯލްޓް ކެފޭ ޖޫރިމަނާ ކުރި އެ އަދަދުން ކަމަށެވެ.

ސިއްހީ ދާއިރާގެ މާހިރުން ބުނާ ގޮތުގައި މިހާރު ޕޮޒިޓިވް ކޭސްތައް އިތުރުވާތީ މާލެ އޮތީ ވަރަށް ނާޒުކު ހާލަތެއްގަ އެވެ.

ޕޮޒިޓިވް ކޭސްތައް އިތުރުވަމުންދާ ވަރަކަށް، ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނަ ކަމަށާއި ފެސިލިޓީތައް ފުރި މުޅި ސިއްހީ ނިޒާމަށް ބުރަވެގެންދާނެ ކަމަށް މާހިރުން ބުނެފައިވެ އެވެ. އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް ދަނީ ގޮވާލަމުންނެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު މާލޭގައި ބޭއްވި ކައިވެނި ޕާޓީއަކަށް ދިޔަ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެ، އެ ޕާޓީއިން ކޮވިޑް-19ގެ ބޮޑު ކްލަސްޓާއެއް އުފެދިފައިވެ އެވެ.

comment ކޮމެންޓް