އަލީ ވަހީދު ހާޒިރު ނުވިޔަސް، ފުރި މައްސަަލަ ކުރިއަށް ގެންދަން ގާނޫނީ ހުރަހެއް ނެތް: ޝަމީމް

ޕީޖީ ހުސައިން ޝަމީމް މަޖިލީހުގެ ކޮމިޓީއެއްގައި — ސަންފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ކުރިމިނަލް ކޯޓުން ދޫކުރަން ކުރި އަމުރުގެ އިސްތިއުނާފު މައްސަލަ އޭނާ ހާޒިރު ނުވިޔަސް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު ފުރި މައްސަލައާ ގުޅިގެން ކަން ހިނގާ ދިޔަގޮތް ބެލުމަށް މަޖިލީހުގެ ހަތަރު މެމްބަރުން ސޮއިކޮށް ހުށަހެޅި މައްސަލައާ ގުޅިގެން ސުވާލު ކުރުމަށް ޕީޖީ ޝަމީމް މިއަދު ވަނީ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކޮށްފަ އެވެ.

މިއަދު ކޮމިޓީގައި މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ މީހާ ހާޒިރު ނުވި ނަމަވެސް ހައިކޯޓުގައި މައްސަލަ ކުރިއަށް ގެންދަން ހުރަހެއް ނޯންނާނެ ކަމަށެވެ.

"ހައިކޯޓުން އެބައޮތް ވަރަށް ފަހުންވެސް ބަންދު އަމުރު މައްސަލައެއްގައި މީހަކު ހާޒިރު ނުވެ މަހަށް ދިޔައިމާ އޭނާގެ މައްސަލަ ނިންމަވާފައި. މި ދެންނެވީ އޭނާ ބަންދު ކުރަން ޖެހޭ ކަމަށް ނިންމިއިރުގައި އޭނާ ކޯޓަށް ހާޒިރު ނުވުމަކީ އޭނާ ގަސްތުގައި ކުރި ކަމެއް ކަމަށް ބަލާފައި އެގޮތަށް ނިންމާފައި އެބައޮތް." ޝަމީމް ވިދާޅުވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ ޖާމިނުވުން ނުވަތަ ޖާމިނު ކުރުވުމާ ބެހޭގޮތުން ހުރި ލިޔުންތައް ބެލިއިރު ބަންދުން ދޫކޮށްލާފައި ތިބޭ މީހުން ބޭރަށް ދިއުމަކީ ގާނޫނު ދަންނަ އުސޫލެއް ނޫން ކަމަށެވެ.

"ޖާމިނުވެގެން މީހުން ފޮނުވުމަކީ ގާނޫނުގައި ލިޔެފަ އޮންނަ އުސޫލެއްވެސް ނޫން. ގާނޫނު ދަންނަ އުސޫލެއްވެސް ނޫން. އަޅުގަނޑުމެން އެ ލިޔުންތައް ބެލިއިރުގައި މި މައްސަލާގައި ޖާމިނުވި ކަމަށް ބުނާ މީހާ ޖާމިނުވާން ހުށަހަޅާފައި އޮންނަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާއާ ހަވާލާ ދެއްވާ،" ޝަމީމް ވިދާޅުވި އެވެ.

https://sun.mv/149130

އަލީ ވަހީދު ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ގޮސްފައިވަނީ އޭނާގެ ގާތް އެކުވެރިޔާ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށެވެ.

ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުން އޭނާ ޖާމިނު ކުރުވާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގައި ބުނާ ޝަރުތުތައް ފުރިހަމަވާ ކަމަށް ބުނެ ކަމަށެވެ. އެހެން ނަމަވެސް އެ މާއްދާގައި އޮންނަނީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ބަންދުން ދޫކުރުމަށްޓަކައި ޖާމިނުވާ ވާހަކަ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އެހެންވީމަ ބަންދުން ދޫކޮށްފައި ހުންނަ މީހަކު ޖާމިނުވާ އުސޫލެއް ޖިނާއީ އިޖުރާއަތުގެ ގާނޫނެއް ނުދަނޭ،" ޝަމީމް ވިދާޅުވި އެވެ.

ބަންދުން ދޫކޮށްފައި ހުރި މީހަކު އެމާއްދާއިން ޖާމިނު ކުރުވައިގެން ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފޮނުއްވީ ކޮން އުސޫލަކުން ކަމެއް ނޭންގޭ ކަމަށް ޝަމީމް ވިދާޅުވި އެވެ.

އޭގެ އިތުރުން ވަރަށް ފަހުން ސުޕްރީމް ކޯޓުން ކުރި އަމުރެއްގައި ޕާސްޕޯޓު ހިފެހެއްޓުން ފަދަ އަމުރުތަކަށް އެދެވޭނީ ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ކަމަށް ބުނެފައިވާތީ އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން އެދުނީ ކިހިނެތްތޯ މެމްބަރުން ސުވާލު ކުރެއްވި އެވެ.

ޝަމީމް ވިދާޅުވީ އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓާފައި ވާނީ ފުލުހުން އެދުނު އަމުރަކަށް ކަމަށެވެ. އަދި އެ އަމުރު ތިން ފަހަރެއްގެ މަތިން މުއްދަތު އިތުރު ކުރިއިރު އެ ތިން ފަހަރުވެސް މުއްދަތު އިތުރު ކުރަން އެދިފައިވާނީ ފުލުހުން އެކަމަށް އެދޭ ފޯމުން ފުލުހުން ކަމަށް ޝަމީމް ވިދާޅުވި އެވެ. އެހެންވެ ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން އެ މައްސަލާގައި އެއްވެސް ކަމެއް ދިމާ ނުވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޕާސްޕޯޓު ދޫކުރަން ކުރި އަމުރު މިހާރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އެމައްސަލަ ބަލައިގެންފައިވާކަން އަދި ހައިކޯޓުން އަންގާފައި ނުވާ ކަމަށް ޝަމީމް މިއަދު ވިދާޅުވި އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށްތަކުގެ ޝަރިއަތަށް ކްރިމިނަލް ކޯޓަށް ހާޒިރު ވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަލީ ވަހީދުގެ މައްޗަށް ދައުލަތުން ހަތް ދައުވާއެއް އުފުލާފައި ވަނީ އޭނާ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އިރު، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ ޕާސްޕޯޓު ކުރިން އޮތީ ހިފަހައްޓާފަ އެވެ. ނަމަވެސް، މިދިޔަ ހޯމަ ދުވަހު އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން މި މަހުގެ 10 ވަނަ ދުވަހު އޭނާ ވަނީ އިނގިރޭސި ވިލާތަށް ފުރައިގެން ގޮސްފަ އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާއާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ. އޭނާ ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

comment ކޮމެންޓް