ފްލައިންގް ސުކޫލެއް ހިންގުމުގެ ގާބިލުކަން އޭއޭއޭގައި ނެތް: ކޮމިޓީ

އައްޑޫ ފްލައިން ސްކޫލުގައި ބޭނުންކުރާ ބޯޓުތަކެއް--ފޮޓޯ: އައްޑޫ ލައިވް

ފްލައިންގް ސުކޫލެއް ހިންގުމުގެ ގާބިލުކަމާއި އެކަމަށް އެކަށީގެންވާ ފެންވަރުގެ ވަސީލަތްތައް އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިްކްސް (އޭއޭއޭ) ގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތައްރައްގީއާ ތަރިކައިގެ ކޮމިޓީއިން ނިންމައިފި އެވެ.

އައްޑޫ ފްލައިގް ސުކޫލުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ނަފްސާނީ ގޮތުންނާއި މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެންދުން ދާތީ އެމައްސަލަ ކޮމިޓީއިން ބަލައި ނިންމާފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އެމައްސަލަ ބަލައި ނިންމި ގޮތުގެ ރިޕޯޓުގައި ކޮމިޓީއިން ވަނީ ގިނަ ކަންތައްތަކެއް ފާހަގަކޮށްފަ އެވެ.

ރިޕޯޓުގައި ބުނެފައިވަނީ އޭއޭއޭ ހިންގުމުގައި ނިޒާމީ ގިނަ މައްސަލަތެއް ހުރިކަމަށެވެ. އެކަމުގެ ސަބަބުން އެ އެކެޑަމީގައި ކިޔެވުން ފުރިހަމަ ކުރުމަށް ކަނޑައެޅިގައިވާ މުއްދަތުގެ ތެރޭގައި ދިވެހި ދަރިވަރުންގެ ކިޔެވުން ނިންމުމަށް ހުރަސްއެޅި ދަރިވަރުންނާއި ބެލެނިވެރިންގެ އަތުން ބޭކާރު އެތައް ހަރަދެއް ހިނގާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ އަދި ދަރިވަރުންގެ އުމުރުން އެތައް ދުވަހެއް ގެއްލެމުން ދާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އޭއޭއޭ ހިންގުމަށް ހުރި ހުރަސްތައް

  1. ބައިނަލްއަގްވާމީ މިންގަނޑުތަކާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުގައި ލާޒިމްކުރާ މިންވަރަށް އިންސްޓްރަކްޓަރުން ނެތުން
  2. ދަރިންވަރުންނަށް ތަމްރީނު ދިނުމަށް ބޭނުންވަ މިންވަރަށް އެއާކްރާފްޓް ނެތުން
  3. އެނޫންވެސް ވަސީލަތްތައް ނެތުން
  4. ތައުލީމުދޭ މަރުކަޒެއްގައި ހުންނަން ޖެހޭ އެންމެ އަސާސީ ކަންކަން ފުރިހަމަ ނުވުން
  5. ދަރިވަރުންގެ ކަންކަން ބަލާނެ ރަނގަޅު ނިޒާމެއް ގާއިމްވެފައި ނެތުން

ކޮމިޓީ ރިޕޯޓުގައި ބުނެފައިވަނީ އޭއޭއޭގައި ކިޔަވާ ދިވެހި ދަރިވަރުންނާއި ބޭރު ދަރިވަރުންނާ ދެމެދު ތަފާތު ކުރުން ގެންގުޅެފައިވާކަން އެނގެން އޮންނަ ކަމަށެވެ. އަދި ދިެވހި ދަރިވަރުންނަށް ބިރުދެއްކުމާއި ފުރައްސާރަކުރުން ފަދަ ކަންކަން ހިނގާފައިވާކަންވެސް ކޮމިޓީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

"ދިވެހި ދަރިވަރުންނަށް ބިރުދެއްކުމާއި ފުރައްސާރަ ކުރުން ފަދަ އަމަލުތައް ހިނގާފައިވާ ކަމަށާއި ތަކުރާރުކޮށް އިހާނެތިކޮށް ހިތައި ބޭއިންސާފުން އަމަލުކުރަމުން ގޮސްފައިވާ ކަމަށް ދަރިވަރުން ކޮމިޓީއަށް މައުލޫމާތު ދީފައިވާކަން. އަދި 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ދަރިވަރުންނާ މެދު އެންމެ ގޯސްކޮށް ކަންހިނގާފައިވާ ދުވަސްވަރު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެންމެ ޒިންމާދާރުކޮށް މަސައްކަތް ކޮށްފައި ނުވާކަން." ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.

ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ އޭއޭއޭގެ ސަބަބުން ގިނަ އަދަދެއްގެ ދިވެހި ދަރިވަރުންތަކަކަށް ނަފްސާނީ ގޮތުންނާއި މާލީގޮތުން ލިބިފައިވާ ގެއްލުންތަކަށް އެ އެކެޑަމީއިން ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.

ކޮމިޓީއިން ބުނީ ގިނަ ދަރިވަރުންގެ ހައްގުތަކެއް ގެއްލެން މެދުވެރިވީ ދައުލަތުގެ ކަމާގުޅޭ އިދާރާތަކުންވެސް އަދާކުރަން ޖެހޭ ޒިންމާ އަދާކޮށްފައި ނުވާތީ ކަމަށެވެ. އެގޮތުން ގަވައިދުން ތަން އިންސްޕެކްޓް ކުރުމާއި އޮޑިޓް ކުރުން ފަދަ ކަންކަން ކޮށްފައިވާކަމަށް ކޮމިޓީއިން ގަބޫލުނުކުރެވޭ ކަމަށް ވަނީ ބުނެފަ އެވެ.

އެމައްސަލަަތައް ބަލައި ކޮމިޓީއިން ވަނީ ހުށަހެޅުންތަކެއްވެސް ހުށަހަޅާފަ އެވެ. އެގޮތުން ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރުމަށް މިހާރުން މިހާރަށް އެޅެން ހުރި ފިޔަވަޅުތައް ސަރުކާރުން އެޅުމަށް ވަނީ ގޮވާލާފަ އެވެ. އަދި ދަރިވަރުންގެ ކިބައިން ނިގުޅައިގެން ހައްގުތަކާއި ލިބުނު ގެއްލުމުގެ ބަދަަލު އޭއޭއޭގެ ކިބައިން ހޯދައިދޭން ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.

"ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖޭގައި މިފަދަ އިންސްޓިޓިއުޓެއް ހިންގުމަށް ހުއްދަ ދޭން ޖެހޭނީ ހަރުދަނާ ގަވައިދުތައް ހެދުމަށްފަހު އެ ގަވައިދުތަކުގެ ތެރެއިން." ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓަށް ވޯޓަށް އަހަން މާދަމާގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ.

comment ކޮމެންޓް