މިޔަންމާގެ މުޒާހަރާއެއްގައި ފުލުހުން ބަޑި ޖަހާ ދެ މީހަކު މަރާލައިފި

މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާއެއް ރޫޅާލުމަށް ފުލުހުން ބަޑި ޖެހުމުން ދެ މީހަކު ވަނީ މަރުވެފަ -- ފޮޓޯ: ރޮއިޓާސް

ނޭޕިޑޯ (ފެބްރުއަރި 21): މިޔަންމާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މަންޑަލޭގައި އިއްޔެ އެގައުމުގެ އަސްކަރީ ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާއެއް ރޫޅާލުމަށް ފުލުހުން ބަޑި ޖެހުމުން ދެ މީހަކު މަރުވެއްޖެ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އިއްޔެ މިޔަންމާގެ ފުލުހުން އެއްވުމެއް ރޫޅާލުމަށް ބާރުގެ ބޭނުން ކުރީ މަންޑަލޭގެ ޝިޕްޔާޑެއްގެ މުވައްޒަފުން ހަޅުތާލު ކުރަމުން ދަނިކޮށެވެ. އަދި އެ މީހުން ހައްޔަރު ކުރަން އުޅުމުން، އެ ސަރަހައްދުގައި މުޒާހަރާ ކުރަމުން ދިޔަ އެހެން މީހުން ފުލުހުންނާ ދިމާލަށް ގާ އުކަން ފެށުމުންނެވެ.

އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ކަރުނަ ގޭހާއި ބަޑި ޖެހުމުން 20 މީހަކަށް އަނިޔާވި އެވެ. އަދި ދެ މީހަކު މަރުވި ކަމަށާއި އޭގެ ތެރޭގައި ފުރާވަރުގެ ކުއްޖަކު ހިމެނޭ ކަމަށް މަންޑަލޭގެ އެމާޖެންސީ ރެސްކިއު ޓީމަކުން ބުންޏެވެ.

މިޔަންމާގެ އަސްކަރިއްޔާއިން މި މަހުގެ އެކެއްގައި ބަޣާވާތްކޮށް، ވެރިކަމާ ހަވާލުވި ފަހުން އެގައުމުގައި ބާއްވަމުންދާ މުޒާހަރާތަކުގައި މީގެ ކުރިން 20 އަހަރުގެ އަންހެނަކު މަރުވެފައިވެ އެވެ.

މާޔާ ތުވޭ ތުވޭ ކުއަންގް ކިޔާ އެ މީހާ މަރުވީ މި މަހުގެ ނުވައެއްގައި މުޒާހަރާއެއްގައި ބައިވެރިވަމުން ދަނިކޮށް ބޮލަށް ވަޒަނެއް އެރުމުން ކަމަށް ޑޮކްޓަރުން ބުންޏެވެ. ނަމަވެސް ފުލުހުން ވަނީ އެ ދުވަހު އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ބާރެއްގެ ބޭނުން ނުކުރާ ކަމަށް ބުނެފަ އެވެ.

މިޔަންމާގައި މުޒާހަރާ ކުރާ މީހުން ދަނީ މި މަހުގެ އެކެއްގައި ހައްޔަރު ކުރި، ކުރީގެ ލީޑަރު އަންގް ސަން ސޫޗީ ދޫކޮށްލުމަށާއި އަސްކަރީ ވެރިކަމަށް ނިމުން ގެނައުމަށް ގޮވާލަމުންނެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ވަނީ ވެރިކަން ބަދަލު ކުރަން ޖެހުނީ މިދިޔަ ނޮވެމްބަރު މަހު އެގައުމުގައި ބޭއްވި އާއްމު އިންތިހާބުގެ ނަތީޖާ އޮޅުވާލާފައި ވާތީ ކަމަށް ބުނެފަ އެވެ. އަދި އާ އިންތިހާބެއް ބާއްވާނެ ކަމަށް ބުނި ނަމަވެސް އެ ވޯޓު ނަގާނެ ތާރީހެއް އަދި ހާމަ ކޮށްފައި ނުވެ އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ އަށެއްގައި މިޔަންމާގައި ބޭއްވި އިންތިހާބުގައި އެގައުމުގެ ޕާލިމެންޓުގެ 476 ގޮނޑިއަށް މެމްބަރުން ހޮވި އިރު އޭގެ ތެރެއިން 396 ގޮނޑި ކާމިޔާބު ކުރީ ސޫޗީގެ ޕާޓީންނެވެ. އަދި އަސްކަރިއްޔާއިން ތާއިދު ކުރާ ޕާޓީއަށް ލިބުނީ އެންމެ 33 ގޮނޑި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް