އިންޒާރުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޕީޕީއެމް އެކްޓިވިސްޓު ދޫކޮށްލައިފި

ސަމަދުގެ ޗެނަލް 13 އަށް އިންޓަވިއު ދެނީ: އެ އިންޓަވިއުގައި އިންޒާރުދީ ބިރުދެއްކި ކަމުގެ ތުހުމަތުގައި އޭނާ ވަނީ ހައްޔަރުކޮށްފައި

ފުލުހުންނަށް ހެކިބަސްދޭ މީހުންނަށް އިންޒާރުދީ ބިރުދެއްކި ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ޕީޕީއެމްގެ އެކްޓިވިސްޓު އަބްދުއްސަމަދު (ސަމަދުބެ) ދޫކޮށްލައިފި އެވެ.

އޭނާ ދޫކޮށްލީ ބަންދުކޮށްދިނުމަށް ފުލުހުން ކޯޓުގައި އެދުމުން، ކޯޓުންނެވެ.

އޭނާ ހައްޔަރުކުރީ ޗެނަލް 13 އަށް ދިން އިންޓަވިއުއެއްގެ ކުރު ވީޑިއޯކޮޅެއް ސޯޝަލް މީޑިއާގައި އާންމުވެ، އެ ވީޑިއޯގައި އޭނާ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

އޭނާގެ ދިފާއީ ވަކީލު އާދަމް އަސީފު ވިދާޅުވީ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވަނީ ސަމަދުބެ ޗެނަލް 13އަށް ދިން އިންޓަވިއުއެއްގެ ކުޑަ ތަންކޮޅެއް ކަމަށެވެ. އެގޮތުން އޭނާ ދެއްކި ހުރިހާ ވާހަކައެއް އެ ވީޑިއޯގައި ހިމަނާފައި ނުވާ ކަމަށާއި އޭނާ ދެއްކި ވާހަކަ ނުބައި ގޮތަކަށް ބަދަލުވެގެން ދިޔައީ އެހެންވެގެން ކަމަށް އާސިފު ވިދާޅުވި އެވެ.

އާންމުކޮށްފައިވާ ވީޑިއޯގައި ސަމަދު ދެއްކި ވާހަކައަކީ އޭނާ މީގެ ކުރިން ބަންދުން ދޫކޮށްލުމުން ފުލުހުން ދޮގު ހެކި ދިނުމާއި ދޮގު ބަޔާން ދިނުމާ ބެހޭގޮތުން ޗެނަލް13އަށް ދިން އިންޓަވިއުއެއް ކަމަށް އާސިފު ވިދާޅުވި އެވެ.

"އޭގައި މި ބުނަނީ ﷲ ތައާލާގެ ރަހުމަތްފުޅުން އަޅުގަނޑުމެންގެ ވެރިކަމެކޭ 2023 ގައި އަންނާނީ. އެ ވެރިކަން އައުމަށްފަހު ވަކިވަކިން އެންމެން ކޮށަލާނަމޭ. ދެން ނޫސްވެރިޔާ ސުވާލު ކުރޭ ކޮށާލުން ތި މާނަކުރަނީ ކިހިނެއްހޭ. އެހީމަ އެބަ ބުނޭ އެއީ ގާނޫނު އަރާ ހަމަ ކުރުމޭ، އެއީއޭ ކޮށާލުމަކީ،" އާސިފު ވިދާޅުވި އެވެ.

"މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ 12ވަނަ މާއްދާގެ (ރ)ގައި ވެސް ޖިނާއީ އިޖުރާއަތު ގާނޫނުގެ ދެވަނަ މާއްދާވެސް މި އޮންނަނީ މާނަކުރަން ޖެހެނީ އެމީހެއްގެ މަސްލަހަތުގައޭ. މީގައި އަނެއްކާ އެބައޮތޭ އިތުރު މާނަކުރުމަކަށް ނުވަތަ ރަދީފު މާނަކުރުމަކަށް ދާން ނުޖެހޭ ވަރަށް ސިފައިންގެ ތެރޭގައި ކުރީ ޒަމާނުގައި މީހުން ފިޔަކޮށާލުން، ވަރަ ކޮށާލުން މިހެން ބުނެ އުޅެޔޭ. ސަމަދު ބުނީ އަސްލު އެ ވާހަކަ." އާސިފު ވިދާޅުވި އެވެ.

އާސިފު ވިދާޅުވީ ސަމަދުބެ ދިން ފުލް އިންޓަވިއު މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފުލުހުންނާއި ސަމަދުބެގެ ފަރާތުން ހުށަހެޅި ވީޑިއޯވެސް ގާޒީ ބެއްލެވި ކަމަށް އާސިފު ވިދާޅުވި އެވެ.

"އެއީ ގާނޫނު އަރާ ހަމަކުރާނޭ އެބަބުނޭ. 'ކޮށާލުމަކީ' އެއީ ގާނޫނު އަރާ ހަމަކުރުން. ގާނޫނު އަރާ ހަމަކުރާނެ ގޮތް އެބަ ތަފްސީލުކޮށް ބުނެދޭ. އެންމެން ހުރަގޭގައި ތިބޭ ވާހަކައާއި ކޮށްފައިހުރި ކަންކަމުގެ އަދަބު ލިބޭ ވާހަކަ، މި ދައުރު ބަދަލުވީމަ. އެއީ އެއްވެސް މީހެއްގެ ޖިސްމަށް ނޫނިއްޔާ ނަފުސަށް ގެއްލުން ދޭ ވާހަކައެއް ނޫން،" އާސިފް ވިދާޅުވި އެވެ.

ސަމަދުބެ ކޯޓަށް ހާޒިރުކުރުމުން ހެއްކަށް ނުފޫޒު ފޯރުވާފާނެތީ އޭނާ ބަންދުކޮށްދިނުމަށް ފުލުހުން އެދުނު ނަމަވެސް، ކޯޓުން އޭނާ ވަނީ ދޫކޮށްލާފަ އެވެ.

"ހެކީގެ ގޮތުގައި ހުށަހަޅާފައި އޮތީ އިންޓެލިޖެންސް ރިޕޯޓެއް. އެއީ އަޅުގަނޑުމެންނަށް ފެންނާނެ އެއްޗެއް ނޫން. ދެން މައްސަލައިގައި ހިމެނޭ އޯޑިއޯއާ ވީޑިއޯ ދެން ހުރީ. އެއަކަށް ބަދަލެއް ނުގެނެވޭނެ. ދެން ކިހިނެތްތޯ އެ ހެކިތަކަށް ނުފޫޒު ފޯރުވަނީ،" އާސިފް ވިދާޅުވި އެވެ.

ސަމަދުބެ އަކީ 30 އަހަރުގެ މުއްދަތަކަށް ސިފައިންގެއާއި ފުލުހުންގެ ވަޒީފާގައި ހިދުމަތް ކޮށްދިނުމަށްފަހު ޝަރަފުވެރިކަމާއެކު ރިޓަޔާވެފައިވާ ފަރާތެކެވެ.

comment ކޮމެންޓް