އެސްޓީއޯއިން މި ގުރު ނަގަނީ ކިހިނެއް؟

ޕްރޮމޯޝަންތަކުގައި ގުރުއަތުން ހޮވައިގެން އިނާމު ދިނުމަކީ އާންމު ކަމެކެވެ. ގުރު ނެގުމުގައި މިފަހަކަށް އައިސް ލެޕްޓޮޕަކުން ޑިޖިޓަލްކޮށް ނަންބަރުތައް ސްކްރޯލް ކޮށްލުމަށް ފަހު ހޮވުމާއި ފޮއްޓެއް ނުވަތަ ގުޅިއެއް ފަދަ އެއްޗަކަށް ކޫޕަންތައް އެޅުމަށް ފަހު ނެގުމަކީ އެންމެ އާންމުކޮށް މިކަން ކުރާ ގޮތްތަކެވެ.

ގުރު ނެގުމުގައި އާންމުކޮށް ބޭނުންކުރާ ގޮތްތަކާ ހިލާފަށް އެސްޓީއޯ އިން ވަނީ ގުރު ނެގުމުގައި ހުރިހާ އުމުރުފުރާއަކަށް ވެސް ޝައުގުވެރިވާނެ ގޮތްތަކެއް މިދިޔަ އަހަރު ވަރަށް ފުރިހަމައަށް ދައްކާލަދީފަ އެވެ.

އެ ކުންފުނީގެ 2020 ވަނަ އަހަރުގެ ކަލަންޑަރުގައި ކޮންމެ މަހަކު ވެސް ކުއިޒެއް ހިމަނާފައިވާ އިރު އެ ކުއިޒްގެ ޖަވާބު ދިމާކުރި ފަރާތްތަކަށް އިނާމުދީފައި ވަނީ އެ ގުރުއަތުގެ ތެރެއިންނެވެ. ކޮންމެ މަހަކު ތިން ފަރާތަކަށް އަގުބޮޑު އިނާމުތައް ދީފައިވާއިރު ކޮންމެ މަހެއްގެ ގުރުނެގުން ވެސް ކުރިއަށް ގެންގޮސްފައި ވަނީ މީހުން ޝައުގުވެރިވާ ފަދަ ގޮތަކަށެވެ.

ގުރު ނަގަން އެއްފަހަރު ބޭނުންކުރި ގޮތެއް ދެވަނަ ފަހަރަށް ބޭނުން ނުކުރެއެވެ. މުޅިން ވެސް އާ ގޮތްތަކެވެ. އެއް މަހު ޑާޓް ބޯޑެއްގައި ނަމްބަރުތައް ޖަހައިގެން ޑާޓު އުކާފައި ހުއްޓެވެ. އަނެއް މަހަކު ފުޅިއެއްގެ ތެރެއަށް ބްލޯވަރަކުން ވައި ފޮނުވައިގެން އުދުހެމުންދިޔަ ނަމްބަރުތަކުގެ ތެރެއިން ނަސީބުވެރިޔާ ހޮވާފައި ހުއްޓެވެ.

އެންމެ ހާއްސަވެގެން ދިޔައީ ޑިސެމްބަރު މަހުގެ ގުރު ނެގުމެވެ. ޑިސެމްބަރު މަހުގެ ނަސީބުވެރި ފަރާތްތައް ހޮވި ގޮތް އެ ކުންފުނީގެ ޓްވިޓާ އަދި ފޭސްބުކް އެކައުންޓުގައި ޝެއާކޮށްފައިވާއިރު އެހެން ހުރިހާ މަސްތަކެއްގައި ގުރު ނަގަން ކޮށްފައި ހުރި މަސައްކަތަށްވުރެ ތަފާތު، އުނދަގޫ އަދި ކަވި މަސައްކަތްތަކެއް އެފަހަރު ވަނީ ކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ވައިރަލް ވީޑިއޯއެއް ކަމަށްވާ ރޫބް ގޯލްޑްބާގް މެޝިނަކުން ގުރު ނެގުމަކީ ރާއްޖެއިން މިހާތަނަށް ނުފެންނަ ކަމަކަށްވާއިރު، އެސްޓީއޯ 2020 ކަލަންޑަރު ކުއިޒްގެ ގުރު ނަގާފައިވަނީ މި އުކުޅުތަކުގެ ތެރެއިންނެވެ.

"ގިނައިން ހުންނާނީ ޑިޕާޓްމަންޓް ކުދިންގެ ގޭގޭގައި އުޅޭ ކުޑަކުދިންގެ ގެންގުޅޭ ކުޅޭ އެއްޗެހި" އެސްޓީއޯގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ބޮޑެތި ހަރަދުތަކެއް ނުދިޔަ ނަމަވެސް އެ ގުރު ނެގުމުގައި ޑޮމިނޯ ވެއްޓުމާއި ވަކި ތަރުތީބަކުން ބޯޅަ ވެއްޓުން ފަދަ އެތައް ކަމެއް ހިމެނިފައިވުމާއެކު އެއީ ކަވި މަސައްކަތެއްކަން އެނގެ އެވެ.

comment ކޮމެންޓް