ސީއޭ މޯލްޑިވްސްގެ ލޯގޯއާއި ވެބްސައިޓު އިފްތިތާހުކޮށްފި

ސީއޭ މޯލްޑިވްސްގެ ލޯގޯއާއި ވެބްސައިޓު އިފްތިތާހުކުރުން-- ފޮޓޯ/އޭޖީ އޮފީސް

ރާއްޖޭގެ ޗާޓާޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓު (ސީއޭ މޯލްޑިވްސް)ގެ ލޯގޯއާއި ވެބްސައިޓް އިފްތިތާހު ކޮށްފިއެވެ.

މިއަދު ހެނދުނު އޮޑިޓާ ޖެނެރަލްގެ އޮފީހުގައި ބޭއްވި ހަފްލާގައި ސީއޭ މޯލްޑިވްސްގެ ލޯގޯ އާއި ވެބްސައިޓް އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ސީއޭ މޯލްޑިވްސްގެ ވައިސް ޕްރެޒިޑެންޓް ހަސަން މުހައްމަދު ވިދާޅުވީ ސީއޭ މޯލްޑިވްސްއިން މިހާރުވެސް މުހިންމު ބަދަލުތަކެއް ދާއިރާއަށް ތައާރަފުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން އޮޑިޓް ލައިސަންސް ދިނުމުގައި ދިވެހިންނަށް ލުއިތަކާއި ފުރުސަތު ފަހިކޮށްދީފައިވާ ކަމަށާއި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ސީޕީޑީ ފޯރުކޮށްދިނުމަށާއި މިދާއިރާއަށް ދިވެހިން ނެރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ގެންދެވިފައިވާކަން ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި އެކައުންޓިން ދާއިރާއިން މިހާރުވެސް 4500 އެއްހައި ބިދޭސީން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން މިނިސްޓްރީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ސީއޭ މޯލްޑިވްސްއާއި ގުޅިގެން މިި ވަޒީފާތަކަކަކީ ދިވެހިންނަށް އޮތް ފުރުސަތުތަކަކަށް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް