އިތުބާރުގެ މައްސަލާގައި ޖަވާބު ދާރީވުމަށް މަލީހަށް ނޯޓިސް ފޮނުވައިފި

ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޮމިއުނިކެޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީގެ ޕީޖީ ގުރޫޕުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބު ދާރީވުމަށް އޭނާއަށް ނޯޓިސް ފޮނުވައިފި އެވެ.

މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ 14 މެމްބަރުންގެ ސޮޔާއެކު އެވެ.

މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް އެވެ. މިއަދު ޖަލްސާގައި އެ މައްސަލައާ ގުޅިގެން މިހާރު ކަން ގޮސްފައިވާ އޮތް ހިސާބެއް ސާފު ކުރުމަށް އަލީ އާޒިމް ވަނީ މަޖިލީހުގެ ރިޔާސަތާ ސުވާލު ކުރައްވާފަ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖަވާބު ދާރީވުމަށް ސިޓީއަކުން މިނިސްޓަރު މަލީހަށް ދަންނަވާފައިވާނެ ކަމަށެވެ.

މަޖިލިސް ގަވައިދުގެ 207 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި ނަމަ އެ މައްސަލައެއްގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެކަން އެ ވަޒީރަކަށް އަންގަން ވާނެ އެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ޖަވާބު ދާރިވުމުގެ ފުރުސަތު އެ ވަޒީރަކަށް ދޭން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ ވޯޓުގެ އަޣުލަބިއްޔަތު ލިބިގެން ކަމަށް މަޖިލިސް ގަވައިދުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް