ހެރީ އާއި މޭގަންގެ ބޭބީ އެނައުންސްމަންޓް އިން ޑަޔާނާއަށް ޓްރިބިއުޓެއް

ހެރީ އާއި މޭގަންގެ ދެވަަނަ ދަރިފުޅުގެ އެނައުންސްމަންޓް --

ހޯމަ ދުވަސް މުޅި ދުނިޔޭގެ މީޑިއާތަކަށް ހާއްސަވީ ޕްރިންސް ހެރީ އާއި މޭގަން މާކަލްއަށް ދެ ވަނަ ދަރިއެއް ލިބެން އުޅޭކަމުގެ އުފާވެރި ޚަބަރުތަކާއި އެކުގަ އެވެ. މިދިޔަ އަހަރު ޖުލައި މަހު މޭގަން ބައިގެން ދިޔަ ޚަބަރުތަކަށް ފަހު މި ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ޕޯސްޓްކުރި މި އެނައުންސްމަންޓަކީ ހެރީގެ މަންމަ ޑަޔާނާ އަށް ހާއްސަ ޓްރިބިއުޓެކެވެ.

ލޮކޭޝަން ހާމަނުކޮށް ޕޯސްޓްކޮށްފައިވާ ފޮޓޯގައި މޭގަން އޮންނަނީ ހެރީގެ އުނގުގައި ބޯއަޅައިގެންނެވެ. އަދި ކަޅާއި ހުދުގެ މި ފޮޓޯގައި ޑަޔާނާގެ ހަނދާންތައް އެއްގޮތަށްވުރެ ގިނަ ގޮތުން ފާހަގަވެ އެވެ.

މިގޮތުން ހެރީ އާއި މޭގަންއަށް އަނެއްކާ ވެސް ދަރިއެއް ލިބޭކަން ހާމަކޮށްފައި މި ވަނީ މީގެ 37 އަހަރުކުރިން ހެރީގެ މަންމަ ޕްރިންސަސް ޑަޔާނާ، އޭނާއަށް ބަލިވެ އިންް ވާހަކަ ނޫސްތަކުގައި ޝާއިރުކުރެވުނު ތާރީޚުގަ އެވެ.

ޑަޔާނާ ދެވަނަ ދަރިފުޅަށް ބަލިވެ އިން ކަމަށްބުނެ އޭރުގެ އިނގިރޭސިވިލާތުގެ ނޫސްތަކުން ޝާއިރު ކުރި ޚަބަރުތަކުގެ ފޮޓޯތައް ވެސް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑީއާގައި ހިއްސާކުރަމުންނެވެ.

މިގޮތުން 'އެ ހިނިތުންވުމުން ހުރިހާ ވާހަކައެއްވެސް ބުނެދޭ' އަދި ލޯބިވެރިންގެ ދުވަހު ޑަޔާނާ އާއި ޗާލްސްއަށް އިތުރު އުފާވެރިކަމެއް ފަދަ އެތަށް ސުރުޚީތަކެއް އޭރުގެ ޚަބަރުތަކުން ފެނެ އެވެ.

ތާރީހުގެ އިތުރުން ވެސް ޕްރިންސް ހެރީ މި ހާއްސަ މުނާސަބަތުގައި އެނާގެ މަންމަގެ ހަނދާން އާކުރާކަން ހާމަވެގެންދަނީ އަތުގައި އަޅާފައިވާ ބްރޭސްލެޓުންނެވެ.

ބޭރުގެ މީޑީއާތަކުން ރިޕޯޓުކުރާ ގޮތުގައި، މިއީ ޑަޔާނާ ނިޔާވިފަހުން އެ އަހަރު ހެރީ އެފްރިކާއަށް ކުރި ދަތުރެއްގައި ލިބުނު އެއްޗެކެވެ. މީގެ ކުރިން ވެސް އެކި ހާއްސަ މުނާސަބަތުތަކުގައި ހެރީ މި ބްރޭސްލެޓްއާއި އެކުގައި ފެނިފައިވާ އިރު، މި ފޮޓޯގައިވެސް ބްރޭސްލެޓް ބޭނުންކޮށްފައިވާކަމީ ޑަޔާނާގެ ހަނދާންތައް އޭނާއާ އެކު އަބަދުވެސް ވާކަން އަންގައިދޭ ކަމެކެވެ.

މި އަހަރުގެ މެއި މަހު ހެރީ އާއި މޭގަންގެ ފުރަތަމަ ދަރިފުޅު އާޗީ އަށް ދެ އަހަރު ވާނެ އެވެ. ދެވަނަ ދަރިފުޅުގެ ޖިންސާއި، އުފަންވާނެ ކަމަށް ބެލެވޭ ތާރީޚެއް ވެސް އަދި މިހާތަނަށް ހާމަ ކޮށްފައެއް ނުވެ އެވެ.

ހެރީ އާއި މޭގަންގެ ބޭބީ އެނައުންސްމަންޓް ފޮޓޯ ނަގާދީފައިވާ ރޯޔަލް ފޮޓޯގްރާފަރެއް ކަމުގައިވާ މިސާން ހެރިމަން ވަނީ ފޮޓޯއާއި ބެހޭ އިތުރު ތަފްސީލްތަކެއް ވެސް ދީފަ އެވެ. މިގޮތުން އޭނާ ބުނެފައި ވަނީ މިއީ ވަރަށް އާދައިގެކޮށް އައިޕެޑްއަކުން ނަގާފައިވާ ފޮޓޯއެކެވެ. އަދި ވާޗުއަލް ކޮށް ފޮޓޯ ނަގާފައި ވަނީ ލަންޑަންގައި ހުރެގެންނެވެ. ހެރީ އާއި މޭގަން މިވަގުތު ދިރިއުޅެމުންދަނީ އެމެރިކާގެ ކެލިފޯނިއާގަ އެވެ.

comment ކޮމެންޓް