ކޮވިޝީލްޑް ވެކްސިންގެ ފަސް ލައްކަ ޑޯޒް އިންޑިއާއިން ކެނެޑާއަށް ފޮނުވަނީ

އިންޑިއާއިން ވަނީ ކެނެޑާއަށް ކޮވިޝީލްޑް ވެކްސިންގެ ފަސް ލައްކަ ޑޯޒް ފޮނުވަން އެއްބަސްވެފަ -- ފޮޓޯ: ރޮއިޓާސް

ދިއްލީ (ފެބްރުއަރީ 15): އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް-19 ވެކްސިންގެ ފޯމިއުލާ ބޭނުންކޮށްގެން ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތައްޔާރު ކުރާ ކޮވިޝީލްޑް ވެކްސިންގެ ފަސް ލައްކަ ޑޯޒް މި މަސް ތެރޭ ކެނެޑާއަށް ފޮނުވަން އިންޑިއާއިން އެއްބަސްވެއްޖެ ކަމަށް ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފި އެވެ.

ހިންދުސްތާން ޓައިމްސްގައިވާ ގޮތުން އިންޑިއާއިން ކެނެޑާއަށް ވެކްސިން ފޮނުވަން އެއްބަސްވީ މިދިޔަ ބުދަ ދުވަހު ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޯނުން ގުޅުއްވި ފަހުންނެވެ. އަދި ދެ ބޭފުޅުން ކޮވިޑް ވެކްސިންގެ ސަޕްލައިއާ ބެހޭ ގޮތުން ވާހަކަ ދައްކަވާ، ކެނެޑާއަށް އެހީވުމުގެ ގޮތުން އިންޑިއާއިން ވެކްސިން ފޯރުކޮށްދޭނެ ކަަމަށް މޯދީ ވިދާޅުވި ފަހުންނެވެ.

ސެރަމް އިންސްޓިޓިއުޓްގެ ސީއީއޯ އަދަރު ޕޫނަވާލާ ވިދާޅުވި ގޮތުގައި އެ ކުންފުނިން ކެނެޑާއަށް ކޮވިޝީލްޑް ވެކްސިން ފޮނުވަން ދެން މަހެއްހާ ދުވަސްވެސް ނުނަގާނެ އެވެ.

"ކެނެޑާގެ ހުއްދައަށް އަޅުގަނޑުމެން މަޑު ކުރާ އިރު، މަހަކަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސެރަމް އިންސްޓިޓިއުޓުން ކެނެޑާއަށް ކޮވިޝީލްޑް ފޮނުވާނެކަމުގެ ޔަގީންކަން އަޅުގަނޑު ދެން،" ޕޫނަވާލާ ވިދާޅުވި އެވެ.

ހިންދުސްތާން ޓައިމްސްގައިވާ ގޮތުން މީގެ ކުރިން މި މަހުގެ ފަހެއްގައި ކެނެޑާއިން ވަނީ ކޮވިޝީލްޑް ވެކްސިންގެ އެއް މިލިއަން ޑޯޒްއަށް އެދިފަ އެވެ.

ކެނެޑާއިން އެގައުމުގައި ބޭނުން ކުރަން މިހާތަނަށް ހުއްދަ ދީފައި ވަނީ ފައިޒާ އާއި މޮޑާނާގެ ކޮވިޑް ވެކްސިންއަށެވެ. އަދި މިދިޔަ ހުކުރު ދުވަހު ޓްރޫޑޯ ވިދާޅުވި ގޮތުގައި އަންނަ ސެޕްޓެމްބަރު މަހާ ހަމަޔަށް އެގައުމަށް އެ ދެ ވެކްސިންގެ 84 މިލިއަން ޑޯޒް ލިބޭނެ އެވެ.

ކެނެޑާގައި މިހާތަނަށް 825،000އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 21،306 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް