ޓޫރިސްޓު އެރައިވަލްގައި އިއްޔެ އަނެއްކާވެސް ރެކޯޑެއް

ވީއައިއޭ ގައި ފަތުރުވެރިންތަކެއް--- ސަން ފޮޓޯ: އިބްރާހިމް އިފާޒް

ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހަކީ އިއްޔެ ކަމަށް ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ހިއްސާކުރި ތަފާސް ހިސާބަށް ބަލާއިރު އިއްޔެ 4,856 ޓޫރިސްޓުން އައިސްފައިވެއެވެ.

އޭގެ ކުރިން އެންމެ ގިނަ ޓޫރިސްޓުން އައި ކަމަށް ރެކޯޑު ކޮށްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެދުވަހު 4,809 ޓޫރިސްޓުން އައިސްފައިވެއެވެ. އަދި މިމަހުގެ 13 ވަނަ ދުވަހު 4،480 ޓޫރިސްޓުން އައިސްފައިވާ ކަމަށްވެސް ހިސާބުތައް ދައްކައެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ ފަސް ގައުމު

  1. ރަޝިއާ - 30،499 ޓޫރިސްޓުން
  2. އިންޑިއާ - 30،295
  3. ޔޫކްރެއިން - 9،955
  4. ކަޒަކިސްތާން - 6,376
  5. ރޯމޭނިއާ - 5,672

މީގެ އިތުރުން ޖަރުމަނު، ފްރާންސް، ސްވިޒަލޭންޑް، އިނގިރޭސިވިލާތް އަދި ޗެކްރިޕަބްލިަކީ އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭ ހިމެނޭ މާކެޓުތަކެވެ.

މިއަހަރުގެ މިހާތަނަށް 138,912 ޓޫރިސްޓުން އައިސްފައިވާއިރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 3،000 އެއްހައި ޓޫރިސްޓުން އަންނަ ކަމަށް މިނިސްޓްރީގެ ހިސާބުތައް ދައްކައެވެ.

މިވަގުތު ޓޫރިސްޓުންނަށް ހިދުމަތްދޭ 641 ފެސިލިޓީ ހިންގަމުންދާއިރު އެއީ ޖުމްލަ 43,976 އެނދެވެ.

މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މިވަގުތު ދުނިޔޭގެ އެކި ހިސާބުތަކުން 28 އެއާލައިނަކުން ރާއްޖެއަށް ދަތުރު ކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޓާގެޓަކީ މި އަހަރުގެ ތެރޭ 1.5 މިލިއަން ޓޫރިސްޓުން ގެނައުން ކަމަށެވެ.

comment ކޮމެންޓް