ސިފައިންނަށް ރިޓަޔާ ކުރެވޭ އުސޫލަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހެއް

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) --- ފޮޓޯ/ މަޖިލިސް

ސިފައިންގެ ވަޒީފާގައި އުޅުމަށް ފަހު ރިޓަޔާ ކުރަން ބޭނުންވާ ފަރާތްތަކުން އަމަލުކުރަން ޖެހޭ ގަވައިދުގައި އިތުރު ކަންތައްތަކެއް ހިމެނުމަށް ސިފައިންގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ސިފައިންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ. އޭނާ އިސްލާހު ހުށަހެޅުއްވީ ސިފައިންގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަކުރުތަކެއް އިތުރު ކުރުމަށެވެ.

މިހާރު ސިފައިންގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ސިފައިންގެ މީހަކަށް ރިޓަޔާ ކުރެވޭނެ ހަތަރު ގޮތެއް ސިފައިންގެ ރިޓަޔަމެންތް ގަވައިދުގައި ބަޔާން ކުރަން ވާނެ ކަމަށެވެ. އެއީ ރޭންކަށް ކަނޑައެޅިފައިވާ އުމުރު ހަމަވުމާއި ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އެއް މަގާމެއްގައި ހުރުމާއި ސިއްހީ ހާލަތު ތަން ނުދިނުމާއި އަމިއްލައަށް އެދުމެވެ.

ބޮންޑޭ ހުށަހެޅުއްވީ އޭގެ ތެރެއަށް ދެކަމެއް އިތުރުކުރާށެވެ. އެއީ ސިފައިންގެ ފޯސް ސްޓްރަކްޗާ ދެމެހެއްޓުމަށް ރިޓަޔާ ކުރެވޭ ގޮތް ހެދުމާއި ސިފައިންގެ ވަޒީފާގައި އެންމެ ގާބިލު މީހުން ބޭތިއްބުމަށް އިސްކަން ދިނުމަށް ރިޓަޔާ ކުރެވޭ ގޮތް ހެދުމެވެ.

އެ އިސްލާހުގެ ބޭނުމަކީ ސިފައިންނަށް ރިޓަޔާ ކުރެވޭނެ ގޮތްތައް އިތުރަށް ހަރުދަނާ ކުރުން ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި އިއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.

comment ކޮމެންޓް