ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް އުފައްދާފައިވާ ސައްތައިންސައްތަ ސަރުކާރު ހިއްސާވާ މޯލްޑިވްސް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އިން މި ވަނީ "މޯލްޑިވްސް ބިޒްނަސް ނެޓްވޯކު"ގެ ނަމުގައި ޓީވީ ޗެނަލެއް އުފެއްދުމުގެ ހުއްދަ ހޯދައިފަ އެވެ. އެ ޗެނަލް އުފެއްދުމުގެ މަގުސަދެއް ކަމުގައި އެ ކޯޕަރޭޝަނުން ބުނަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ޕްރޮމޯޓް ކުރުން ކަމަށެވެ. އެ މީހުންނަށް އެހީއެއް ވެދިނުން ކަމަށެވެ.
އެކަމަކު މި މަސައްކަތާ އެކު ފެންމަތިވަނީ ވަރަށް ބައިވަރު ސުވާލުތަކެވެ. ސަރުކާރުގެ ކުންފުންޏަކުން ޓީވީ ޗެނަލެއް ހަދަން އުޅޭ އުޅުމުން ވަރަށް ބައިވަރު ވާހަކަ ބުނެދެ އެވެ.
ސަރުކާރުން ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާއެއް އޮއްސާލައިގެން ހިންގާ ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އޮއްވާ ސަރުކާރުގެ ކުންފުންޏަކުން އަނެއްކާ ވެސް ޗެނަލެއް އުފެއްދުމަށް ހަރަދުތަކެއް ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ޕީއެސްއެމްގެ ދަށުން ޒުވާނުންނާއި ކުޅިވަރުތަކަށް ހާއްސަ ޔެސް ޓީވީ އާއި ހަމައެކަނި ހަބަރަށް ހާއްސަ ޕީއެސްއެމް ނިއުސް އަދި ދީނީ މައުލޫމާތަށް ހާއްސަ މުންނާރު ޗެނަލް މިހާރުވެސް ވެސް ހިންގަ އެވެ. އަދި މިއަހަރުވެސް ޕީއެސްއެމް ހިންގަން 141 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދު ކުރާނެ އެވެ.
ޕީއެސްއެމްއަށް މިވަރު ބޮޑެތި ހަރަދުތަކެއް ކުރާއިރު ސަރުކާރުގެ ފުލް ހިއްސާއެއް އޮތް ކުންފުންޏަކުން އަނެއްކާ ވެސް ޓީވީ ޗެނަލަކަށް މިސްރާބު ހިފުމަކީ ކޮން ކަހަލަ ދެކޮޅު ޖެހޭ ސިޔާސަތެއް ހެއްޔެވެ؟ އަދި މީޑިއާގެ ވެށި ރާއްޖޭގައި ވަރަށް ކުޑަކުޑަކޮށް އޮތް އިރު ސަރުކާރުން ފައިސާ ހަރަދު ކުރަން ޖެހޭނޭ ފަދައަކުން ޓީވީ ޗެނަލެއް ހަދައިގެން ސަރުކާރު ހޯދަން އުޅެނީ ކޮން ފައިދާއެއް ހެއްޔެވެ؟ ސަރުކާރުގެ ޓީވީ ޗެނަލެއް އަނެއްކާ އުފަންވުމުން މިހާރުވެސް ހާލުގައި ހުރި ޕްރައިވެޓް ޗެނަލްތަކަށް އަސަރެއް ކޮށްފާނެ ހެއްޔެވެ؟
ސަރުކާރުގެ ކޯޕަރޭޝަނަކުން ޓީވީ ޗެނަލެއް ހިންގަން ފަށަން އުޅެގަތުމުން ހައްތަހާ ވެސް އުފެދެނީ މި ޒާތުގެ ސުވާލުތަކެވެ.
ޓީވީ ޗެނަލްގެ ތަޖުރިބާ ވަރަށް ގޯސް!
މީގެ ކުރީގެ ތަޖުރިބާއަށް ބަލާއިރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީއިން ޓީވީ ޗެނަލެއް ހެދުމަށް ނިންމާ ކުރި ހަރަދުތައް ގޮސް ނިމުނީ ކޮރަޕްޝަންގެ ތުހުމަތުތަކުންނެވެ. އޮޑިޓް ރިޕޯޓުގައި ތުހުމަތުކޮށްފައި އޮތީ އެ ޓީވީ ހެދުމަށް ގަތް ބައެއް ސާމާނަށް ވީނުވީއެއް ނޭނގުނު ކަމެވެ. އަދި އެކަމަށް ކަނޑައެޅި ބަޖެޓުން ކުރި ހަރަދުތަކުން އެތަކެތި ގަތްކަން ވެސް ޔަގީނެއް ނުކުރެވުނެވެ. އަދި ޕީއެސްއެމްއިން މީގެ ކުރިން އެތައް ކަމަކަށް ހާއްސަ ޗެނަލްތައް އުފެއްދި އެވެ. އެކަމަކު އެވަރަށް ތަރުހީބު ނުލިބި އެ ޗެނަލްތައް ހުއްޓުނީ އެވެ. ރާއްޖޭގެ އާބާދީ އެހާ ކުޑައިރު ކަންކަމަށް ހާއްސަކޮށް ޓީވީ ޗެނަލް އުފެއްދުމަކީ ދެކޮޅު ޖެހޭ ވިސްނުމެއް ކަމަށް ތަޖުރިބާއިން ނުދައްކަ އެވެ. ސަބަބަކީ އެވަރުގެ އޯޑިއަންސެއް ރާއްޖޭގައި ހޯދަން އުނދަގޫވުމެވެ.
ޓީވީ ޗެނަލް އުފައްދާ "ބީސީސީ"އަކީ އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ކޯޕަރޭޝަނެއް ކަމަށްވާއިރު އެ ކުންފުންޏަކީ އޭގެ އަމިއްލަ ޒާތުގައި ލިބޭ އާމްދަނީއަކުން ހިންގާ ކުންފުންޏެއް ނޫނެވެ. އެ ކުންފުނި އަމިއްލައަށް އޮޕަރޭޓް ކުރެވޭ ވަރަށް އާމްދަނީ ނުލުބޭތީ މިއަހަރު ވެސް 11 މިލިއަން ރުފިޔާ އެ ކުންފުންޏަށް ސަރުކާރުން ދޭން ޖެހެ އެވެ.
މިހުރިހާ ކަންކަން އެހެން ހުރި ނަމަވެސް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވަނީ އެ ޓީވީ ޗެނަލް ހެދުން ދިފާއު ކުރައްވައިފަ އެވެ. މިނިސްޓަރު ވިދާޅުވަނީ މިއީ ޕްރައިވެޓް ފަރާތްތަކުން ހިންގާ ކަހަލަ އާންމު ޗެނަލެއް ނޫން ކަމަށާއި މިއީ ވިޔަފާރިތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭ ހާއްސަ ޗެނަލެއް ކަމަށެވެ.
"މީ ހަމަ ވިޔަފާރީގެ މަސައްކަތް، އެސްއެމްއީތަކުގެ ވިޔަފާރިތައް ކުރިއަރުވަން. އެ ޗެނެލްއިން ލިބޭނެ އެކްސްޕެޓް ކަންކަމުގެ މައުލޫމާތު، ޓިއުޓޯރިއަލްތަކުގެ މައުލޫމާތު، އެސްއެމްއީ ބޭންކުތަކުގެ ލޯނުގެ މައުލޫމާތު ކަހަލަ ކަންކަން. މިއީ ހަމަ ނޮލެޖް ބޭސްޑް ޕްރޮޖެކްޓްއެއް،" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.
އެ ޗެނަލް ހެދުން މިނިސްޓަރު ދިފާއު ކުރެއްވިޔަސް އެކަން ޖަސްޓިފައިއެއް ނުކޮށްދެވެ އެވެ. އެކަމަށް ދެއްކެވި ހުއްޖަތް އެއީ ބޮޑު ޓީވީ ޗެނަލެއް އުފައްދަން ޖެހޭވަރުގެ ކަންކަމެއް ނޫނެވެ.
މި ޗެނަލް ހެދުމަށް ކޮންސަލްޓެންޓެއްގެ ގޮތުގައި އިސްކޮށް ހަރަކާތްތެރިވާ އިބްރާހިމް ޒިޔާއު މުހައްމަދު ވެސް ވިދާޅުވީ މިއީ ޕްރޮމޯޝަން ބޭނުންވެފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހުޅުވާލާ ފުރުސަތެއް ކަމަށެވެ. އަދި ވިޔަފާރީގެ ދާއިރާގައި ކުރިއަށް ދާން ތިބި ފަރާތްތަކަށް ހުޅުވާލާ ފުރުސަތެއް ކަމަށެވެ. އޭނާގެ ނަޒަރުގައި މިހާރު ހުރި ޕްރައިވެޓް ޓީވީތަކުން އަދި އެހެން މީޑިއާތަކުން ވެސް ކުދި ވިޔަފާރިތަކަށް ފުރުސަތެއް ނުދެ އެވެ. މި ޗެނަލުން ހޯދައިދެނީ އެ ފުރުސަތު ކަމަށް އޭނާ ވިދާޅުވ އެވެ.
"އަމާޒަކީ ހަމަ ކުދި ވިޔަފާރިތަކަށް އެހީތެރިވުމަށް. މިހާރު ރާއްޖޭގެ އެކި އަތޮޅުތަކުގެ އެކި ރަށްތަކުގައި ހުންނަ ކުދި ވިޔަފާރިތަކުގެ ވެރި ފަރާތްތަކަށް ކޮންމެ ފަހަރަކުމެ މާލެއަށް އަންނަން އުނދަގޫ ވެދާނެ. އެހެންވެ މި ޗެނެލް މި ލޯންޗުކުރަނީ އެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ފުރުސަތު ދިނުމަށް، އެޑިއުކޭޝަން އާއި ކޮންސަލްޓެންސީގެ ދާއިރާއިން،" މި ޗެނަލްގެ ހަގީގީ ބޭނުމާ ގުޅޭ ގޮތުން ޒިޔާއު ވިދާޅުވި އެވެ.
ރަނގަޅެވެ. ރާއްޖޭގައި ވިޔަފާރިއަށް ހާއްސަ ޓީވީ ޗެނެލްއެއް ނެތެވެ. އަދި ރަށްރަށުގެ ކަންމަތީ ފިހާރަތަކާއި ކުދި ވިޔަފާރިތަކަށް ކޮންމެ ފަހަރަކު މާލެ އައުމަކީވެސް ދަތި ކަމެކެވެ. އެކަމަކު މިކަމަށްޓަކައި ވަކިން ހާއްސަ ޗެނަލެއް، ދައުލަތުގެ ބޮޑު މީޑިޔާއެއް އޮވެމެ ލޯންޗުކުރުމަކީ އިސްރާފެއްކަމަށް ބުނާނެ ޖާގަ ވަރަށް ބޮޑެވެ.
ޕަބްލިކް ސާވިސް މީޑިޔާގެ އެތައް ޗެނެލްއެއް އޮންނަ އިރު އޭގެން ޗެނެލްއަކުން ވަކި ސެގްމެންޓެއްގެ ގޮތުގައި ވިޔަފާރީގެ ކަންކަމަށް ހާއްސަ ވަކި ވަގުތެއް ނުވަތަ ހާއްސަ ޕްރޮގްރާމެއް ނުގެނެސްދެވެންވީ ކީއްވެ ހެއްޔެވެ؟
މި ސުވާލަށް ޒިޔާއު ޖަވާބެއް ދެއްވި އެވެ؛ "ވަކި ޗެނަލްއެއް ލޯންޗުކުރީ މިއީ ޕީއެސްއެމްއާ ތަފާތު ކޮންސެޕްޓެއްކަމަށްވާތީވެ، މި ޗެނަލް ވިޔަފާރިތަކަށް އެއްކޮށް ހާއްސަ ވާނެތީވެ"
ޒިޔާއު އަދި ވިދާޅުވީ ޕީއެސްއެމްގައިވެސް އިޝްތިހާރާއި، މައުލޫމާތު ފޯރުކޮށްދެނީ ފައިސާ ދީގެންކަމުގައިވާތީވެ، އެކަމުގެ ފުރިހަމަ ކޮންޓްރޯލް އާ ޗެނަލަށް ހޯދުމަކީ ވެސް އަމާޒެއް ކަމަށެވެ. ކުދި ވިޔަފާރިތަކަށް ފަހި ފުރުސަތެއް ހޯދައިދިނުމުގެ އަމާޒެވެ.
ވޯލްޑު ބޭންކުގެ އެހީއެއް، ކުރިމަގު ވާނީ ކިހިނެއް؟
މި ޗެނަލް އުފެއްދުމަށް ހަރަދު ކުރަން ނިންމާފައި އޮތީ ވޯލްޑް ބޭންކުގެ އެހީގަ އެވެ. އެކަމަށް ވޯލްޑް ބޭންކުން މިހާރު ވަނީ ފަންޑުވެސް ހަމަޖައްސައިފަ އެވެ. ވޯލްޑް ބޭންކުން ވެސް ފައިސާ ދެނީ ޗެނަލް ފެށުމަށެވެ. އެއީ ދިގު މުއްދަތެއްގައި ހިންގަން ދޭނެ ފައިސާއެއް ނޫނެވެ. އެހެންވީއިރު ދެމެހެއްޓެނިވި ގޮތެއްގައި ޗެނަލެއް ހިންގުމަށް އޮތީ ކޮން ޕްލޭނެއް ހެއްޔެވެ؟ އަނެއްކާ ވެސް ބަޖެޓަށް މިކަމުން ބާރު ބޮޑުވާނެ ހެއްޔެވެ؟
ބިޒްނަސް ކޯޕަރޭޝަނުގެ ޕްރޮޖެކްޓް ޑިރެކްޓާ ސާމިހު އާދަމް ވިދާޅުވި ގޮތުގައި މިއީ އުންމީދެއް އޮތް ވަރަށް ދިރާސާކޮށްގެން ހިންގާ ފީޒިބަލް ޕްރޮޖެކްޓެކެވެ. ޗެނެލް ލޯންޗުކުރުމަށްފަހު އޮޕަރޭޓްކުރާނީ އަމިއްލައަށް ލިބޭ ފައިދާއިންކަމުގެ ޔަގީންކަން ސާމިހު ދެއްވި އެވެ.
"ޗެނެލް އޮޕަރޭޓް ކުރާނީ ޑޯނާރ ބޭސިސް އެއްގެ ދަށުން. ދެން ދާނީވެސް ސަސްޓެއިނެބަލް ރެވެނިއު ބޭސިސްއަކަށް ދިޔުމަށް. އެ ޗެނެލްއަށް ލިބޭ ފައިދާއިން ހިންގަން. އެއީ އަޅުގަނޑުމެން ވަރަށް ބަލާފަ މިކަން ކާމިޔާބު ވާނެކަމަށް ބަލާފަ މި ލޯންޗު ކުރަނީ." ސާމިހް ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވި ނަމަވެސް މިއީ ސުވާލު އުފެދޭ ކަމެކެވެ. "ސެލްފް ސަސްޓެއިނިންގް" ޗެނެލްއަކަށް ވާނެކަމަށް ބީސީސީއިން ބުނި ނަމަވެސް ޓީވީ ޗެނެލްއެއް ހިންގާނީ ގިނަ ފަހަރަށް ސްޕޮންސަރުންގެ ފަރާތުން ލިބޭ ފައިސާއިންނެވެ. ރާއްޖޭގެ އާންމު މާކެޓުން ސްޕޮންސާޝިޕްގެ ގޮތުގައި މާ ބޮޑު ފައިސާއެއް ނުހޯދޭނެ އެވެ. ސަބަބަކީ ރާއްޖޭގެ މާކެޓް ކުޑަވުމެވެ. ދެން ބަރޯސާވާން ޖެހެނީ ސަރުކާރުގެ ކުންފުނިތަކަށެވެ. ސަރުކާރުގެ ކުންފުނިތަކުން މިހާރުވެސް ބޮޑެތި އަދަދަުތަކުން މީޑިއާތަކަށް ސްޕޮންސާ ދެ އެވެ. އެހެންވީއިރު އަނެއްކާ އާ ޗެނަލާ އެކު ކުންފުނިތަކުގެ އެ ހަރަދު ބޮޑުވެ ކުންފުނިތަކުގެ ފައިދާއަށް އަސަރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ނޫން ނަމަ، ޕްރައިވެޓް މީޑިއާތަކަށް އެ ކުންފުނިތަކުން ދޭ ސްޕޮންސަ ފައިސާ މަދުކުރަން ޖެހޭނެ އެވެ.
ސަރުކާރު ދަރަނިވެރިވެފައި އޮތް އިރު އަދި ކުރިއަށް އޮތްތަނުގައި އިގްތިސާދު ރުޖޫއަކުރަން ޖެހިފައި އޮތް ސަރުކާރަކުން މިޒާތުގެ ހަރަދުތައް ކުރުން މިއީ ރަނގަޅު ކަމެއް ހެއްޔެވެ؟ މިކަމަކީ ރައްޔިތުންގެ ފައިސާއިން ހިންގާ އިނދަޖެހިފައި އޮތް ސަރުކާރަކުން ސަރުކާރުގެ އަމިއްލަ ޗެނެލްއަކަށް ހަރަދުކުރުމެއް ނޫން ހެއްޔެވެ؟
އެހެން ތުހުމަތެއް!
މޯލްޑިވްސް ބިޒްނަސް ކޯޕަރޭޝަންގެ ބޯޑުގައި ހަތަރު ޑައިރެކްޓަރުން ތިއްބަވާއިރު އޭގެ ތެރެއިން އެއް ބޭފުޅަކީ ރާއްޖޭގައި އެންމެ ވަރުގަދަ އެއް މާކެޓިން ކުންފުނިކަމުގައިވާ ތިންކް އެޑްވާޓައިޒިންގް ގެ ސީއީއޯ އަދީލް އިސްމާއިލް އެވެ. ޓީވީ ޗެނެލް އަކާއި ތިންކްގެ މާކެޓިންގް މަސައްކަތްތަކާއި ފުދޭ ވަރަކަށް ގުޅުން ބޮޑުވާނެ އެވެ. މި އާ ޓީވީ ޗެނަލަކީ އަމިއްލަ ވަކި ވިޔަފާރިއެއްގެ މަސްލަހަތާ ގުޅޭ ކަމަކަށް ވުމުގެ ޖާގަވެސް އޮތީ އެވެ.
ނަމަވެސް އަދީލް ވިދާޅުވީ، ތިންކް އާއި މޯލްޑިވްސް ބިޒްނަސް ނެޓްވޯކްއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
"ތިންކް އަކީ އެއްވެސް ވަރަކަށް ކޮންޓެންޓް ކްރިއޭޓް ކުރާ ކުންފުންޏެއް ނޫން. އެހެންވީމަ، ތިންކުން އެއްވެސް ވަރަކަށް އިންވޯލްވް އެއް ނުވާނެ ޗެނެލްގައެއް. ޗެނެލްގެ ބޭނުމަކީ ހަމަ ކުދި ވިޔަފާރިތަކަށް އެހީތެރިވުން." އަދީލް ވިދާޅުވި އެވެ.
މިފަހަކަށް އައިސް ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ގިނަ ޕްރޮޖެކްޓްތަކެއްވެސް ތިންކަށް ލިބޭކަމަށް ދެކެވޭ ވާހަކަތަކަށްވެސް އަދީލް ވިދާޅުވީ އެއީ ހަގީގަތެއް ނޫންކަމަށެވެ. އަދި ލިބޭ ޕްރޮޖެކްޓެއްނަމަ ލިބެނީ ކުންފުންޏަކީ "ކޮމްޕެޓިޓިވް" ކޮށް މަސައްކަތްކުރާ، ދާއިރާގެ އެންމެ ދުވަސްވީ އެއް ކުންފުންޏަށް ވުމުންކަމަށް އަދީލް ވިދާޅުވި އެވެ. ބޮޑު އަގުގައި ތިންކަށް އެ ބުނާ ޕްރޮޖެކްޓްތަކެއް ނުލިބޭކަމަށް އަދި ކުންފުންޏަށް ލިބެންޏާވެސް ލިބެނީ އެންމެ އަގުހެޔޮކޮށް ބިޑްކޮށްގެންކަމަށް އަދީލް ވިދާޅުވި އެވެ.
"މޯލްޑިވްސް ބިޒްނަސް ނެޓްވޯކް" އާ އެކު ތިންކަށް ތުހުމަތުތަކެއް އޮތަސް، އަދީލް އެ ހުރިހާ ތުހުމަތެއް ދޮގު ކުރައްވަ އެވެ. އަދި ކުންފުނިން ހަދާ ޓީވީގެ ޕްރޮޖެކްޓަކުން ތިންކަށް ފައިދާއެއް ނުވާނެ ކަމުގެ ޔަގީންކަން ވެސް އޭނާދެ އެވެ.
ވިޔަފާރިވެރިން ތިބީ ޗެނެލްގެ ވާހަކަ އަޑުއެހިތަނުގަ!
ޗެނަލްއެއް ލޯންޗުކުރުމާ ގުޅޭ ގޮތުން މި ރިޕޯޓަށް ވާހަކަދައްކާލި ބައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ތިބީ އަދި އެފަދަ ކަމެއްގެ ވާހަކަ އަޑުއިވުނު ތަނުގަ އެވެ. ބައެއް ވިޔަފާރިތަކުން ޗެނަލް އަކީ ވިޔަފާރިތަކަށް ރަނގަޅު ފުރުސަތެއްކަމަށް ދެކުނުއިރު އަނެއްބައި ވިޔަފާރިތަކުން ދެކޭ ގޮތުގައި މިއަށްވުރެ މާ މުހިންމު ކަންތައްތައް ސަރުކާރުން ކުރަން އެބަ ހުއްޓެވެ.
ކްރާފްޓް ސްޓޫޑިއޯއެއް ހިންގާ ފަރާތަކުން މި ޗެނަލްއާ ގުޅޭ ގޮތުން ހިޔާލުފާޅުކުރަމުން ބުނީ މިއީ ވިޔަފާރިތަކަށް ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. އެއީ ގިނަ ވިޔަފާރިތަކަށް މި ޗެނަލް މެދުވެރިކޮށް އެކްސްޕޯޝާ ލިބިގެންދާތީ އެވެ. ސަރުކާރުގެ ފަރާތުން މިހާރު މިފަދަ ވިޔަފާރިތަކަށް ދެމުންދާ އެހީތެރިކަމާމެދު ވެސް އެ ފަރާތުން ހުރީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. އަދި މިފަދަ ޗެނެލްއެއް ވިޔަފާރީގެ ދާއިރާއަށް ވަރަށް މުހިންމުކަމަށްވެސް އެ ފަރާތުން ބުންޏެވެ.
އެހެންނަމަވެސް ދެން ވާހަކަދައްކާލި އެހެން ބައެއް ބޭފުޅެއްގެ ވިސްނުން ހުރިީ މިގޮތަކަށް ނޫނެވެ.
ވަކަރުން ފަރުނީޗަރު ފަދަ ތަކެތި އުފައްދާ ވިޔަފާރިވެރިޔަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ މިވަގުތު ވިޔަފާރީގެ އެއްވެސް ކަމެއް އޮތީ ފަސޭހަ ގޮތަކަށް ނޫނެވެ. އަދި ބިދޭސީންގެ ކޯޓާ މައްސަލައަށް ފަސޭހަ ލުއި ގޮތްތަކެއް ހަދައިދިނުމަކީ ޓީވީ ޗެނެލްއަކަށްވުރެ މާ އެދޭ ކަމެއްކަމަށް އެބޭފުޅާ ވިދާޅުވި އެވެ.
"ފަސޭހަ ރަނގަޅު ކަންކަންވެސް ހުރޭ، އެކަމަކު ދަތިވާ ކަންކަންވެސް ހުރޭ. ދެން ޗެނެލްއެއް ލޯންޗުކުރުމަކީ ރަނގަޅަށް ކޮށްފިއްޔާ ރަނގަޅު ކަމެއް ކަންނޭނގެ. އެހާ ފުންކޮށް އެކަމާއި ދޭތެރޭ ނުވިސްނަން. އެކަމަކު މާކެޓް ކުރަން ފަސޭހަ ވެގެންދާނެ ކަންނޭނގެ." އެ ބޭފުޅާ ވިދާޅުވި އެވެ.
މަދޮށި ސްޓޫޑިއޯގެ އެއް ހިއްސާދާރުކަމުގައިވާ ޝާމިން ނިޒާމް ބުނި ގޮތުގައި މި ޗެނަލްގެ މައުލޫމާތު އެސްއެމްއީ ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން ލިބިފައި ނެތްނަމަވެސް އެއީ ރަނގަޅަށް ގެންގޮސްފިއްޔާ ވިޔަފާރިތަކަށް ދެވޭނެ ވަރަށް ބޮޑު އެހީއެކެވެ.
"މިސާލަކަށް އަޅުގަނޑުމެން ކަހަލަ ވިޔަފާރިތަކަށް ވަރަށް ބޮޑު ފުރުސަތެއް އެއީ ކޮންޓެންޓް އުފައްދަން ލިބުނިއްޔާ. އެކަމަށް އަގެއް ކިޔާފަ. ދެން އޭގެން ބޭރުން އިޝްތިހާރުކުރަން ލިބެންޏާ، އެހެން ވިޔަފާރިތަކަށްވެސް ފަސޭހަވާނެ. އެކަމަކު ފައިދާއެއް ވާނެތޯ ބުނާކަށް ނޭނގެ." ޝާމިން ބުންޏެވެ.
އިތުރަށް ވާހަކަދައްކަމުން ޝާމިން ބުނިގޮތުގައި ޗެނަލެއް ރަނގަޅު ކަމަކަށް ވުމުގެ ފުރުސަތު އޮތް ނަމަވެސް، އެޔަށްވުރެ މާ މުހިންމު ކަންކަން އެސްއެމްއީ ވިޔަފާރިތަކަށް ސަރުކާރުން ކޮށްދެވެން އެބަ ހުއްޓެވެ.
"މިހާރު، އެ އޮންނަ އެސްއެމްއީ ލޯނުތައް ކަހަލަ ކަންކަން. އެއީ އެހާ އެޓްރެކްޓިވްކޮށެއް ނޫން އެ އޮންނަނީ. އެއީ ޗެނެލްއަކަށް ވުރެ މާ މުހިންމު ކަމެއް ކަންނޭނގެ ކުރަން. އެކަމަކު ޗެނެލް ލޯންޗުކޮށްގެންވެސް ވާ ފަސޭހަ ފެންނާނެ، ކުރިޔަށް އޮތްތަނުގައި. ދެން ބަލަންޖެހޭނެތާ، ޗެނެލްގެ ފަންޑިންގްއާއި އެހެން ކަންކަން. ގޯހެކޭ އަދި ރަނގަޅެކޭވެސް ނުއެއް ދެންނެވޭނެ. ހަމަ އަޑުއެހި ތަނުގަ މިހުރީ އަދި،" ޝާމިން ބުންޏެވެ.
މީގެ އިތުރުންވެސް ވާހަކަދައްކާލި ބައެއް ވިޔަފާރިތަކުން ބުނަނީ މިފަދަ ޗެނެލްއެއް ލޯންޗުކުރާކަން ނޭނގޭ ކަމަށާއި އެކަމަށް އެބޭފުޅުންގެ ހިޔާލު ހޯދާފައި ނުވާކަމަށެވެ. މި ޗެނެލްގެ ވާހަކަ ބައެއް ވިޔަފާރިވެރިންގެ ކަންފަތަށް އިވިފައި ނުވާތީވެ، މިއީ ވިޔަފާރިވެރިންގެ ހިޔާލާ އެކު ލޯންޗު ކުރާ ޗެނެލްއެއްކަމަށް ބުނުމުގެ ފުރުސަތެއް ވެސް ނެތެވެ.
ސަރުކާރު މީޑިއާ؛ ގޯސް ސަގާފަތެއް!
ސަރުކާރުން ސަރުކާރުގެ ޗެނެލްއަކަށް ހަރަދުކުރާނީ ޓެކްސް ފައިސާ އެވެ. މި ޗެނެލްއާއި އެކު ސަރުކާރުގެ މަދު ވަސީލަތްކޮޅު އަނެއްކާވެސް އިތުރު އެހެން ދިމާލަކަށް އަމާޒުވަނީ އެވެ.
މިކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވީ ޗެނެލްއަށްޓަކައި ކޮންމެވެސް ވަރަކަށް ވަސީލަތާއި ފައިސާ ހަރަދުކުރަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް މިއީ އޭގެން ނިކުންނަ ފައިދާ މާ ބޮޑު ވާނޭ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަންކަން ފެންނާނީ ޗެނަލް ލޯންޗުކުރުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިހާރުވެސް ސަރުކާރުގެ ޗެނެލްތައް މަދެއް ނޫނެވެ. ސަރުކާރާއި ގުޅިފައިވާ ފަރާތްތަކުން ހިންގާ މީޑިޔާތައް ވެސް މަދެއް ނޫނެވެ. ޕަބްލިކް ސާވިސް މީޑިޔާގައި ޗެނެލްތަކެއް އެބަ ހުއްޓެވެ. ބޮޑު ހަރަދުވެސް އެތަންތަނަށް ކުރެ އެވެ. އެކަމަކު ޕްރައިވެޓް މީޑިއާތަކުގެ ވެށި އޮތީ ވަރަށް ހާލުގަ އެވެ. އަދި ކުރިމަގުވެސް އޮތީ ބަނަކޮށެވެ. ސަރުކާރުގެ ސްޕޮންސާތަކާ ހުރެ ޕްރައިވެޓް މީޑިއާތައް ތިބެނީ ހުރިހާ ޒަމާނެއްގައި ފިތިފަ އެވެ.
މިހާރުވެސް ރާއްޖޭގައި 200 އެއްހާ މީޑިޔާ ރެޖިސްޓާކޮށްފައި އޮވެ އެވެ. އެކަމަކު އޮޕަރޭޓްކުރާ މީޑިޔާތަކުގެ އަދަދު އަތުން ގުނާ ލެވޭހާ މަދެވެ. އުންމީދާއެކު ލޯންޗުކޮށްފައިވާ ބައެއް ޓީވީ ޗެނަލްވެސް ވަނީ އަހަރެއް ދެ އަހަރެއްކޮށްފައި ސިގްނަލް ގެއްލިފަ އެވެ. ބްރޯޑްކާސްޓު މީޑިޔާއެއްގެ ގޮތުގައި އާ ޗެނަލެއް ބިޒްނަސް ކޯޕަރޭޝަނުން ލޯންޗުކުރާއިރު މިއީވެސް ދެ ތިން މަހަށްފަހު ހުއްޓާލަން ޖެހިދާނެ ޗެނަލަކަށް އަނެއްކާ ވާނެ ހެއްޔެވެ؟
ޒިޔާއު ވިދާޅުވީ މި ޗެނެލަކީ ބޭކާރު އިންވެސްޓްމަންޓަކަށް ނުވެ ފައިދާ ކުރާނެ ޗެނަލެއް ކަމަށެވެ.
ޗެނަލްގެ ވެރިންގެ އުންމީދު ގިތަންމެ ބޮޑު ނަމަވެސް ޑިމޮކްރެޓިކް ވެއްޓެއްގައި ސަރުކާރުން މީޑިއާ ހިންގުމަކީ ގޯސް ސަގާފަތެކެވެ. ސަރުކާރުގެ ކުންފުންޏަކުން ޗެނަލް ހަދަން އަމާޒު ހިފުމުން އެ ސަގާފަތަށް ނިމުމެއް ނެތްކަން އެބަ އެނގެ އެވެ. ސަރުކާރާއި ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުން ޗެނަލްތައް ހަދައި ހިންގުމަކީ އެއްވެސް ގޮތަކުން ހެޔޮ ވިސްނުމެއް ނޫނެވެ. އަދި ދެކޮޅު ޖެހެން ވެސް އޮތް ކަމެއް ނޫނެވެ.