24 އަހަރުގެ ލޯބި ރޮޒޭގެ ލަވައަކުން

ރޮޒޭ އާއި ނާޝިޒް-- ފޮޓޯ:ފޭސްބުކް

މި ފެބްރުއަރީ މަހުގެ 13 އަކީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އާއި ފިރިކަލުން ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒަށް ވަރަށް ހާއްސަ ދުވަހެކެވެ. ކައިވެންޏަށް 24 އަހަރު ފުރި މި ގުނަން ފެށި ރިހި ޔޫބިލް ރޮޒޭ ނާޝިޒްއަށް ހާއްސަ ކޮށްދިނީ ވަރަށް ވެސް ލޯބި ހަދިޔާ އަކުންނެވެ. ރޮޒޭ އަމިއްލަ އަށް ލިޔެ، ކިޔާފައިވާ އަމިއްލަ ރާގުގެ ލަވައަކުންނެވެ.

މީގެކުރިންވެސް ސިޔާސީ ބައެއް ލަވަތައް ލިޔުއްވާ އަދި އަމިއްލަ ދެ ކެމްޕެއިންލަވައެއްވެސް ކިޔުއްވާފައިވާ ރޮޒޭ ވިދާޅުވީ މިއީ މުޅިން އަލަށް ކުރެއްވި މަސައްކަތެއް ކަމުގަ އެވެ.

"އަޅުގަނޑުމެން މި ފެށީ އަނެއްހެން ބުނަންޏާ 25 ވަނަ އަހަރު އެއްކޮށް. ދެން ކަރޯކޭ ކިޔަން ހުރެފައި އަސްލު ތި ލަވައަކީ އަޅުގަނޑު އާކުއްޖެކޭ ރާގަށް ފުރަތަމަ ލިޔުނު ލަވައެއް. ދެން ހިތަށް އެރީ މިފަހަރު އެނިވާސަރީ އަށް އަސްލު ޕާމަނަންޓްކޮށް ފެންނާނެ ހެން އޮންނަ ގޮތަށް ލަވައެއް ތައްޔާރުކުރަން ވެއްޖެއޭ." ލަވައިގެ ޚިޔާލު އައި ގޮތާއި ގުޅޭގޮތުން ރޮޒޭ ވިދާޅުވިއެވެ.

މުޅީން އަލަށް ކުރެއްވި ކަމެއް ނަމަވެސް ލަވައިގެ ޅެން ނުވަތަ ލިރިކްސް ތައްޔާރުކުރުމަށް ހޭދަވީ ރޮޒޭ ބުނާގޮތުންނަމަ އެންމެ ބައިގަޑިއިރެވެ. އެހާ ފަސޭހައިން މިކަން ކުރެވުނު ސަބަބެއްގެ ގޮތުގައި ރޮޒޭ ވިދާޅުވީ ލަވައިގެ ކޮންމެ ލަފްޒަކީވެސް އޭނާގެ ހިތުގެ ޝުއޫރުތަކަށް ވާތީއެވެ.

ރޮޒޭއާއި ނާޝިޒް--ފޮޓޯ:ފޭސްބުކް

ރޮޒޭގެ އުމުރުން 16 އަހަރުގައި ނާޝިޒް ބައްދަލުވީ ސްރީލަންކާއިންނެވެ. ކިޔަވަން އުޅުއްވިއިރު ބައްދަލުވެ ދެބޭފުޅުންގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަވެ ލޯތްބަށް ބަދަލުވީ 1993 ގައި ކަމަށް ރޮޒޭ ވިދާޅުވިއެވެ.

ވާލޯތްބަކަށް ބަދަލެއް ނާންނަ ކަމުގައި ވިދާޅުވެ، އެކުގައި ދެކުނު ހުވަފެންތައް މިއަދު ސީދާވެފައިވާކަމަށް ރޮޒޭގެ ލަވައިގައި ވަނީ ވިދާޅުވެފައެވެ. ލަވައިގެ ލިރިކްސް ވީޑިއޯގައި ރޮޒޭޢާއި ފިރިމީހާ އަދި ދެ ކުދިންގެ ބައެއް ފޮޓޯތައް ހިމަނާފައި ވެއެވެ. އަދި އެންމެ ހާޢްސަ ކަމެއްގެ ގޮތުގައި ނާޝިޒް އެންމެ ފުރަތަމަ ރޮޒޭއަށް ދެއްވި ރަތް ފިނިފެންމާގެ ފޮޓޯއަކާއި ދެބޭފުޅުންގެ ކައިވެނީގެ ދައުވަތު ކާޑުގެ ފޮޓޯއެއްވެސް ވަނީ ހިމަނާފައެވެ.

ރޮޒޭއާއި ނާޝިޒް ދެ ކުދިންނާއި އެކު-- ފޮޓޯ:ފޭސްބުކް

ލަވަ ރިކޯޑްކޮށް މިޔުޒިކ ހަދާދީފައިވަނީ ޓޮނިކް ލައިވް ސްޓޫޑިއޯއިން ކުޑަ އިއްބެއެވެ. އަދި ވީޑިއޯގެ ބައެއް މަންޒަރުތައް ނަގައިދީފައިވަނީ މަޝްހޫރު ފޮޓޯގްރާފަރު މައުރޫފް ޚަލީލު (މާޕު)އެވެ.

ލަވައިގެ މަސައްކަތަކީ މުޅިއަކުން ނާޝިޒްއަށް ސަޕްރައިޒެއް ނޫނެވެ. ނަމަވެސް ފުރަތަމަ ފަހަރަށް ލަވަ ނާޝިޒަށް ފެނިވަޑައިގަތީ އެނިވާސަރީ ދުވަހުގެ ރޭ 12 ޖެހިއިރު އެވެ.

ރޮޒޭއާއި ނާޝިޒްއަކީ އަބަދުވެސް ވަރަށް އެކުގައި 'ރޮމޭންޓިކް'ކޮށް އުޅުއްވާ ދެ ބޭފުޅުންނެވެ. އެހާ ލޯބިން އެކުގައި އުޅުއްވުމުގެ ސިއްރަކީ ކޮބައިތޯ އަހާލުމުން ރޮޒޭ ވިދާޅުވީ ސިޔާސީ މަސައްކަތާއި، ރަސްމީ ދިރިއުޅުމުގައި ކިތަންމެ ބުރަކޮށް އުޅުނުނަމަވެސް ދެބޭފުޅުން އަބަދުވެސް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވަނީ ދެ ބޭފުޅުންނަށް ކަމަށެވެ. އަދި އަބަދުވެސް އެކުގައި ވަގުތު ހޭދަކުރައްވަން ސަމާލުކަން ދެއްވާކަމަށް ރޮޒޭ ވިދާޅުވިއެވެ.

comment ކޮމެންޓް