މާލޭ ސުކޫލުތަކުގެ ގްރޭޑް އެކަކުން ފެށިގެން ހަޔަކާ ހަމައަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފި

ޖުލައި 1، 2020: ކޮވިޑް19ގެ ނުރައްކަލާއެކު ސްކޫލްތައް ބަންދު ކުރުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލްތައް އަލުން ހުޅުވުން: އަދި ސްކޫލްތަކުގައި ކިޔަވައިދޭން ފެށީ ގްރޭޑް 9-12 އަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް 19 އިގެ ކޭސްތައް އިތުރުވެފައިވާތީ މާލޭ ސަރަހައްދުގެ ސުކޫލުތަކުގެ ގްރޭޑް އެކަކުން ފެށިގެން ހަޔަކާ ހަމައަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފި އެވެ.

މިނިސްޓްރީން މިރޭ ނެރުނު ކުރު ބަޔާނުގައި ބުނީ، އެގޮތަށް ނިންމެވީ މާލެ ސަރައްހަދުގައި ކޮވިޑް19ގެ ކޭސްތައް އިތުރުވަމުންދާތީ ކަމަށެވެ.

އެ ފިޔަވަޅު އަަޅަން ނިންމީ ދެ ހަފްތާގެ މުއްދަތަށެވެ. އެހެންކަމުން އާދިއްތަ ދުވަހުން ފެށިން މިމަހު 25 ވަނަ ދުވަހާ ހަމައަށް ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ހައެއްގެ ދަރިވަރުންގެ ކްލާސް އޮންނާނީ އޮންލައިންކޮށެވެ.

ސްކޫލްތައް ބަންދުކުރުމަށްފަހު، ހާއްސަ ފިޔަވަޅުތަކާއެކު ސްކޫލްތައް ހުޅުވީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ.

ދުވާލެއްގެ މައްޗަށް 100 އަށްވުރެ ގިނަ މީހުން އަންނަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. އެގޮތުން މިއަދުވެސް ރާއްޖެއިން 120 މީހުން ޕޮޒިޓިވްވި އިރު، 99 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ.

ބަލި ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން މިއަދު ވަނީ އިތުރު ފިޔަވަޅުތަކެއްވެސް އަޅާފައެވެ. އެެގޮތުން މިއަދުން ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް މާލެ ސަރައްހަދުގައި އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި މާދަމާ އިން ފެށިގެން އެއްވަގުތެއްގައި 10 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުންވެސް ވަނީ މަނާކޮށްފައެވެ.

comment ކޮމެންޓް