ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓު ކުރަނީ އަނިޔާ ލިބުނު މީހާ އަށް ބޮޑު ހިތްވަރެއް ލިބިގެން ކަމަށާއި އެފަދަ މައްސަލަތަކުގައި އެންމެންގެ މެދުގައި ގާނޫނު ހިންގަން ޖެހޭނީ ހަމަހަމަކޮށް ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖިންސީ އަނިޔާ އާއި ގޯނާގެ މައްސަލަތަކުގައި ހުރިހާ އިދާރާތަކެއް ގުޅިގެން، އިންސާފު ގާއިމްކުރަން ޖެހޭ ކަމަށެވެ.
"ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ފަރާތްތަކާ އަދި އެ ފަދަ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު އިންސާފު ގާއިމުކުރުމުގެ މައިގަނޑު އަސާސަކީ ވަކިފަރާތަކަށް ނުޖެހި، ދެގޮތެއްނުވެ، ހަރުދަނާގޮތެއްގައި އެ ފަދަ މައްސަލަތައް ބަލައި ހިންގޭނެ އިޖުރާއަތުތަކެއް ގާއިމުކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަޅާނުލާ ދޫކޮށްލެވޭ ކޮންމެ ކަމަކީ އިންސާފު ލިބޭނެ ކަމާމެދު ސުވާލު އުފެދޭނެ ކަމެއް ކަމަށާއި މިއީ ސިސްޓަމާ މެދު އޮންނަ އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ.
"ހުރިހާ ފަރާތްތަކާމެދުވެސް އެއް ހަމައަކުން ގާނޫނު ހިންގަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޖެންޑާ މިނިސްޓަރު މިހެން ވިދާޅުވިއިރު ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ކޯޓުން ދޫކޮށްލުމާއެކު އޭނާ އިނގިރޭސިވިލާތަށް ފުރާ ވަޑައިގަތް މައްސަލަ ވަނީ ހޫނުވެފަ އެވެ.
އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ އަނިޔާ ކުރުމުގެ ދައުވާއާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާއާއި ރޭޕް ކުރަން އުޅުމުގެ ދައުވާއާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާއާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އުފުލާފައިވެ އެވެ. އަލީ ވަހީދު ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އަލީ ވަހީދު ފުރައިގެން ގޮސްފައިވާއިރު އޭނާ އަށް ހުއްދަ ދީފައިވަނީ ހަތަރު މަސް ތެރޭ އެނބުރި އަންނަ ގޮތަށެވެ.
ހަތަރު މަސްދުވަހުގެ ތެރޭގައި އަލީ ވަހީދު އަނބުރާ ނައިސްފިނަމަ، އޭނާގެ މައްޗަށާއި، އޭނާ ޖާމިނު ކޮށްފައިވާ އަޑުބަރޭގެ މައްޗަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް، އެކަމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކުރާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.