މަޑިފުށި ރިސޯޓު ތަރައްގީކުރަން ރުއްގަސް ކަނޑައި، ވަޅުލާކަމުގެ ތުހުމަތު

މަޑިފުށީގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ކަނޑާލުމަށް ފަހު ވަޅުލާފައިވާ ރުކެއް--

މ. މަޑިފުށީގައި ތަރައްގީކުރާ ރިސޯޓުގެ ލޭންޑްސްކޭޕިން މަސައްކަތް ކުރުމަށް ޓަކައި ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމަށް ފަހު ވަޅުލާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މަޑިފުށީގައި 200 އެނދުގެ ޖާގަ ހިމެނޭ ރިސޯޓެއް ތަރައްގީކުރަން މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2013 ވަނަ އަހަރުގެ އޮގަސްޓް މަހުގަ އެވެ.

"ސަން"އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަނީ ރުއްގަސް ކެނޑުމަށް ފަހު ވަޅުލާ މަންޒަރެވެ. އަދި ކަނޑާލި ރުއްގަހުގެ ބަދަލުގައި އިތުރު ރުއްގަސް އިންދުމުގެ މަސައްކަތް ނުކުރާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

މ. މަޑިފުށީގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްަދަނީ--

މިކަމާ ގުޅޭ ގޮތުން "ސަން"އިން މޯލްޑިވްސް އިންފްލައިޓް ކޭޓަރިން އަދި ހުޅުލެ އައިލެންޑް ހޮޓެލްގެ ޖެނެރަލް މެނޭޖަރު ސްޓީވް އެންޖީއަށް ގުޅުމުން އޭނާ ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ރުއްގަސް ކެނޑުމުގެ ބަދަލުގައި ލޭންޑްސްކޭޕިންގެ މަސައްކަތުގައި ރުއްގަސް ހުރިތަނުން އެހެން ތަން ތަނަކަށް ބަދަލުކުރަނީ ކަމަށެވެ.

"ރުއްގަސް ކަނޑާ ވާހަކަ އެއީ ދޮގެއް. އަޅުގަނޑުމެން ގަސް ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރަނީ. އެ މަސައްކަތުގައި ކޮންމެ ގަހެއް ރީލޮކޭޓް ކުރަން 300 ޑޮލަރު ހަރަދުވޭ." ސްޓީވް ވިދާޅުވި އެވެ.

ނަމަވެސް ސަން ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ރަށުގައި ވަޅުގަނޑެއް ކޮނުމަށް ފަހު ރުއްތައް ބުރިބުރިކޮށް ވަނީ ވަޅުލައިފަ އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "ސަން"އަށް ވިދާޅުވީ، ރުއް، ގަސް ރީލޮކޭޓް ކުރާނަމަ ކުރެވޭނީ އީއައިއޭގައި އެގޮތަށް ބަޔާންކޮށްފައިވާނަމަ ކަމަށެވެ.

ފަތުރުވެރިކަމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގައި ކޮންމެހެން ރުއްގަސް ކަނޑަން ޖެހިއްޖެ ހާލަތެއްގައި އަމަލުކުރަންވީ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.

އެ ގަވާއިދުގެ 2.5ގައި ބަޔާންކޮށްފައިވާ ގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަން ތަރައްގީކުރުމުގެ ގޮތުން ކުރަން ޖެހޭ އިމާރާތްތައް ކުރުމަށް ނުވަތަ އެނޫން ވެސް
ބޭނުމަކަށް ރުއްގަސް ކަނޑަން ވާނީ ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ލިއުމަކުން ލިބިގެންނެވެ.

ހަމައެއާ އެކު ގަހެއް ނުވަތަ ރުކެއް ކަނޑައިފި ނަމަ އޭގެ ބަދަލުގައި އެ ރަށެއްގައި ދެ ގަސް ނުވަތަ ދެ ރުއް އިންދައި ހައްދަން ޖެހޭނެ ކަމަށް އެ ގަވާއިދުގެ 2.6ގައި ބަޔާންކޮށްފައިވެ އެވެ. ކަނޑާލާ ރުކެއް ނުވަތަ ގަހެއްގެ ބަދަލުގައި ދެ ގަސް ނުވަތަ ދެ ރުއް އިންދާނެ ޖާގަ އެ ރަށެއްގައި ނެތް ހާލަތެއްގައި އެކަން ބަޔާންކޮށްދޭ ހެކި ހުށަހަޅުމުން މިނިސްޓްރީން ދޭ ހާއްސަ ހުއްދައަކުން އެކަމުން އިސްތިސްނާ ވެވިދާނެ އެވެ.

އެހެން ނަމަވެސް ބިޔަ އަދި ދުވަސްވީ ގަސްތަކާއި އާންމުކޮށް ރާއްޖެއިން ނުފެންނަ ގަސް ކެނޑުމަކީ މަނާކަމެއް ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

މ. މަޑިފުށީގައި ތަރައްގީކުރާ ރިސޯޓުގެ ލޭންޑްސްކޭޕިން މަސައްކަތް ކުރުމަށް ރުއް ކަނޑައި ވަޅުލ ކަމަށް ތުހުމަތު ކުރެވިފައިވާ އިރު، ގިލި ލަންކަން ފުށީ ކައިރީ އޮންނަ ފިނޮޅުގަނޑެއް އެ ރިސޯޓްގެ ފަރާތުން ނައްތާލުމުގެ މަސައްކަތެއް ކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އަދި އެއާއެކު އެ ރިސޯޓްގެ ޖީއެމް ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.

comment ކޮމެންޓް