އޮމަދޫގައި ހިނގި ހަމަނުޖެހުމެއްގައި އަނިޔާވި ކުއްޖަކު މާލެ ގެނެސްފި

އދ. އޮމަދޫ:

އދ. އޮމަދޫގައި ހިނގި ހަމަނުޖެހުމެއްގައި އަނިޔާވި ކުއްޖަކު މާލެ ގެނެސްފިއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 6:10 އެހައިކަންހާއިރު އެރަށު ދަނޑުމަތީ ކުޅެން އުޅުނު ކުދިބަޔެއްގެ މެދުގައި ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށެވެ. އަދި އެ ހަމަނުޖެހުމުގައި 18 އަހަރުން ދަށުގެ ކުއްޖަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަނިޔާވި ކުއްޖާ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށެވެ.

އެ މައްސަލަ ފުލުހުންް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެ ހަމަނުޖެހމުގެ ތަފްސީލެއް ނުދެއެވެ.

އަދި އެ ކުއްޖާ އަށް ލިބުނު އަނިޔާގެ ތަފްސީލެއްވެސް ނުދެއެވެ.

އޮމަދޫ ގައި ކުއްޖަކަށް އަނިޔާވެ މާލެ ގެނެސް ފަރުވާ ދެމުންދާއިރު ގއ. މާމެންދޫގައި މިދިޔަ ހޯމަ ދުވަހު ހިނގި މާރަމާރިޔެއްގައި 18 އަހަރުން ދަށުގެ ކުއްޖަކަށް ވަޅިން ހަމަލާދީ ވަނީ މަރާލައިފައެވެ.

comment ކޮމެންޓް