އިނގިރޭސިވިލާތަށް ދާ މީހުން ކަރަންޓީން ގަވާއިދުތަކާ ހިލާފުވުމުން 10 އަހަރުގެ ޖަލު ހުކުމެއް

އިނގިރޭސިވިލާތުން ވަނީ ކަރަންޓީނުގެ ގަވާއިދުތަކާ ހިލާފުވާ މީހުންނަށް 10 އަހަރުގެ ޖަލު ހުކުމެއް ކުރެވިދާނެ ކަމަށް ބުނެފަ -- ފޮޓޯ: ރޮއިޓާސް

ލަންޑަން (ފެބްރުއަރީ 10): ކޮވިޑް-19އިގެ ނުރައްކާ ބޮޑު ގައުމުތަކުގެ ގޮތުގައި އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ސަރަހައްދުތަކުން ދާ މީހުން، އެގައުމުތަކަށް ދަތުރު ކުރިކަން ހާމަ ނުކުރާ ނަމަ ގިނަވެގެން 10 އަހަރުގެ ޖަލު ހުކުމެއް ކުރެވޭނެ ކަމަށް އިނގިރޭސި ހެލްތު ސެކްރެޓަރީ މެޓް ހޭންކޮކް ވިދާޅުވެއްޖެ އެވެ.

ހޭންކޮކް ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތަށް ދިޔުމުގެ 10 ދުވަސް ކުރިން، "ރެޑް ލިސްޓު"ގައި ހިމެނޭ 33 ގައުމުގެ ތެރެއިން ގައުމަކަށް ޒިޔާރަތްކޮށްފައިވާ މީހަކު އެކަން އަންގަން ދެކޮޅު ހަދާ ނަމަ ގިނަ ވެގެން 13،800 ޑޮލަރުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ މީހުންނާ ދެކޮޅަށް ދައުވާކޮށް، ގިނަ ވެގެން 10 އަހަރަށް ޖަލަށް ލާން ހުކުމްވެސް ކުރެވިދާނެ އެވެ.

އިނގިރޭސިވިލާތުން "ރެޑް ލިސްޓު" ގައުމުތަކުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ކޮރޯނާވައިރަސް ވަރަށް ބޮޑަށް ފެތުރެމުންދާ ގައުމުތަކާއި އަވަހަށް ފެތުރޭ ވޭރިއެންޓުތައް ފެނިފައިވާ ގައުމުތަކެވެ. އޭގެ ތެރޭގައި ޕޯޗުގަލް އާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް އާއި އެފްރިކާ އާއި ދެކުނު އެމެރިކާގެ ގައުމުތައް ހިމެނެ އެވެ.

ހޭންކޮކް ވިދާޅުވި ގޮތުގައި އަންނަ ހޯމަ ދުވަހުން ފެށިގެން އިނގިރޭސިވިލާތުން އަމަލު ކުރަން ފަށާ އާ ގަވާއިދުތަކުގެ ދަށުން، ނުރައްކާ ބޮޑު ގައުމަކަށް ޒިޔާރަތް ކުރުމަށް ފަހު އިނގިރޭސިވިލާތަށް ދާ މީހުން ސަރުކާރުން ކަނޑައަޅާ ހޮޓަލެއްގައި 10 ދުވަހަށް ކަރަންޓީނު ވާން ޖެހޭނެ އެވެ. އަދި ޓެސްޓުތަކާއި ހޮޓެލުގައި ހުރުމުގެ ހަރަދަށް 13،800 ޑޮލަރު ދައްކަން ޖެހޭނެ އެވެ. އެގޮތަށް ސަރުކާރުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނު ވާން ދެކޮޅު ހަދާ މީހުން 6،900 ޑޮލަރުން ފެށިގެން 13،800 ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

މީގެ އިތުރުން ހުރިހާ ގައުމަކުންވެސް އިނގިރޭސިވިލާތަށް ދާ މީހުން އެގައުމަށް ދިޔުމަށް ފަހު 10 ދުވަހަށް ކަރަންޓީނުވާ އިރު ދެ ކޮވިޑް ޓެސްޓު ހަދަން ޖެހޭނެ އެވެ. އަދި ޓެސްޓު ހަދަން ދެކޮޅު ހަދާ މީހުންވެސް ޖޫރިމަނާ ކުރާނެ އެވެ.

އިނގިރޭސި ސަރުކާރުން ވަނީ މީހުން ކަރަންޓީނު ކުރުމަށް މިހާރު 16 ހޮޓަލެއްގެ 4،600 ރޫމް ކޮންޓްރެކްޓް އުސޫލުން ހޯދާފަ އެވެ.

އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި ހިމެނޭ ގައުމުތަކުން އެގައުމަށް ދާ ފްލައިޓުތައް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. އަދި އެހެން ގައުމުތަކުން އިނގިރޭސިވިލާތަށް ދެވެނީ އެގައުމުގެ ރައްޔިތުންނާއި އެގައުމުގައި ދިރިއުޅޭ މީހުންނަށް އެކަންޏެވެ.

comment ކޮމެންޓް