ޗައިނާގެ ޕާރެސަލް ޖަޒީރާތަކުގެ ކަރީގައި އެމެރިކާ އަސްކަރީ ތަމްރީންތަކެއް ބާއްވައިިފި

އެމެރިކާގެ އަސްކަރީ ތަމްރީންތަކެއް ދެކުނު ޗައިނާ ކަނޑުގައި ހިންގަނީ

ވޮޝިންޓަން (ފެބްރުއަރީ 9) : ދެކުނު ޗައިނާ ކަނޑުގައި ޗައިނާ މިލްކުވެރިކަމަށް ދައުވާކުރާ ޕަރެސެލް ޖަޒީރާތަކާ ކައިރި ހިސާބެއްގައި އެމެރިކާގެ ކަނޑުގެ ސިފައިން އަސްކަރީ ތަމްރީންތަކެއް ކުރިޔަށް ގެންގޮސްފިއެވެ.

މިކަން ހާމަކުރަމުން އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ބުނީ މި ތަމްރީންތައް ކުރިޔަށްގެންދިޔައީ އެމެރިކާގެ ކަނޑުގެ ދެ ފްލީޓެއް ގުޅިގެންނެވެ. މި ތަމްރީންތަކުގެ ބޭނުމަކީ ދެކުނު ޗައިނާ ކަނޑުގައި ބައިނަލްއަގްވާމީ ކަނޑުގެ ދަތުރުތައް ކުރުމުގެ މިނިވަންކަން ކަށަވަރުކޮށް ދިނުންކަމަށްވެސް ޕެންޓަގަން އިން ބުނެފައިވެއެވެ.

މިދިޔައަހަރުގެ ޖުލައި މަހަށްފަހު ދެކުނު ޗައިނާ ކަނޑުގައި އެމެރިކާ ހިންގި ފުރަތަމަ އަސްކަރީ ތަމްރީނެވެ. ޗައިނާގެ ބަނޑުދަށުގައި އޮންނަ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދާ ގާތްގަނޑަކަށް 11 ހާސް ކިލޯމީޓަރު ދުރުގައި އޮންނަ އެމެރިކާއިން އެސަރަހައްދަށް އައިސް އަސްކަރީ ތަމްރީންތައް ބޭއްވުމަކީ ބައިނަލްއަގްވާމީ ކަނޑުގެ ދަތުރުތައް ކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުން ކަމަށް ޕެންޓަގަން އިން ބުނި ނަމަވެސް މިއީ ޗައިނާއަށް ޖެއްސުން ކުރުމުގެ ސިޔާސީ ނުބައި މަގްސަދުގައި އެމެރިކާ ހިންގި ޒިންމާދާރުކަންނެތް އަމަލެއް ކަމަށް ޗައިނާގެ މިޑިއާއިންވަނީ ސިފަކޮށްފައެވެ.

ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން މިލްކުވެރކަމަށް ދައުވާކުރާ ޕަރެސެލް ޖަޒީތައް

ދުނިޔޭގެ އިގްތިސާދީ ބުރަދަން ޔޫރަޕާއި އެމެރިކާއިން އޭޝިއާއަށް ބަދަލުވާން ފަށާފައިވާއިރު އަދި ކައިރި މުސްތަގްބަލެއްގައި އެމެރިކާއަށްވުރެ އިގްތިސާދީގޮތުން ޗައިނާ ކުރިޔަށް ޖެހިލާނެކަމަށް އަންދާޒާކުރުންތައް ބުނާއިރު ދެކުނު ޗައިނާ ކަނޑަކީ އޭޝިއާގެ އިގްތިސާދީ ނާރެހުގެ މައި މަރުކަޒެވެ. ބައިނަލްއަގުވާމީ ކަނޑުގެ ވިޔަފާރީގެ ގާތްގަނޑަކަށް ތިންބައިކުޅައެއްބައި ހިއްސާކުރަނީވެސް ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދެވެ. އެއީ އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 5.8 ޓްރިލަޔަން އެމެރިކާ ޑޮލަރުގެ ވިޔަފާރިއެވެ.

ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން މިލްކުވެރކަމަށް ދައުވާކުރާ ޕަރެސެލް ޖަޒީތަކުގެ ފަޅުގައި ޗައިނާއިން ހިއްކައިގެން އުފައްދާފައިވާ ރަށެއް.

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ ގާތްގަނޑަކަށް 89 އިންސައްތައިގެ މިލްކުވެރިކަމަށް ދައުވާކުރަނީ ޗައިނާއިންނެވެ. މިމައްސަލާގައި ދެކުނު ޗައިނާ ކަނޑުގެ އައްސޭރިފަށުގެ އެހެން ގައުމުތަކާއި ޗައިނާއާ ދެމެދުވަނީ އަރާރުން އުފެދިފައެވެ. މިއަރާރުން ހައްލުކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި އެމެރިކާ ގެންދަނީ މިކަމަށް ދަރުއަޅައި ޗައިނާއާއި އެގައުމުތަކާ ދެމެދު ދޭތެރެޖައްސަން މަސައްކަތް ކުރަމުން ކަމަށް ޗައިނާ ބުނެއެވެ.

އަދި ބައިނަލްއަގްވާމީ ކަނޑުގެ ދަތުރުތައް ކުރުމުގެ މިނިވަންކަން ކަށަވަރުކުރުމުގެ ނަމުގައި މިސަރަހައްދުގައި އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތަކުގެ ބޭނުމަކީވެސް ހަމަނުޖެހުން އުފެއްދުމާއި ޗައިނާއަށް ޖެއްސުންކުރުން ކަމަށް ޗައިނާ ދެކެއެވެ. މިފަދަ އަމަލުތައް ހިންގި ނަމަވެސް ޗައިނާއަށް އިސްވެ ހަމަލާދޭން އެމެރިކާއަށް ނުކެރޭނެތީ އާއި އެމެރިކާއާ ޚިލާފަށް ޗައިނާއަކީ އެގައުމާދުރު ސަރަހައްދުތަކަށް ގޮސް ހަންފަތުރަން މަސައްކަތްކުރާ ގަައުމެއް ނޫންކަމުން އެދެގައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުމެއް ހިނގުމުގެ ފުރުސަތު ކުޑަކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް