ދީނީ އިލްމުވެރިން ޖިންސީ ގުޅުންތަކުގެ އިރުޝާދު ދޭތީ ކަންބޮޑުވެއްޖެ

މަޖިލިސް ރައީސް ނަޝީދު ރިޔާސަތުގައި -- ފޮޓޯ/ މަޖިލިސް

އިސްލާމިކް މިނިސްޓްރީން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދީފައިވާ ބައެއް ދީނީ އިލްމުވެރިން ޖިންސީ ގުޅުންތަކާ ގުޅޭ އިރުޝާދުތައް އާންމު ކުރައްވައި ދެއްވަމުން ގެންދަވާތީ އެއީ އާންމުންގެ ހިތްތަކުގައި ސުވާލު އުފެދޭ ކަމެއް ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް އިސްލާމް މިނިސްޓްރީއަށް ފާޑު ވިދާޅުވެއްޖެ އެވެ.

ލަވަ އާއި މިޔުޒިކު ކުޅޭނޭ ޖަގަހަތަކެއް މާލޭގައި ހެދުމާ ގުޅޭ ގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ގަރާރާ ގުޅޭ ގޮތުން މަޖިލީހުގެ މެންބަރުން އިއްޔެ ކުރެއްވި ބަހުސްތަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީއިން ވަނީ "ދީނީ ހުކުމްތައް އޮޅުން ފިލުވައިދިނުމަކީ ދީނީ އިލްމުވެރިންގެ ޒިންމާއެއް" ކަމަށް ބުނެ ބަޔާނެއް އާންމުކޮށްފަ އެވެ.

އެ ބަޔާނަށް ރައްދު ދެއްވައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ އިއްޔެގެ ބަހުސްގައި ބައެއް މެންބަރުންގެ ވާހަކަތަކުން ފާހަގަވި އެއް ކަންބޮޑުވުމަކީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައިވާ ބައެއް ބޭފުޅުން ޖިންސީ ގުޅުމާ ގުޅޭ އިރުޝާދުތައް އާންމުންނަށް ދެއްވަމުން ގެންދެވުން ކަމަށެވެ.

"އިއްޒަތްތެރި މެންބަރުން ފާހަގަ ކުރެއްވި ވައުލު [ދީނީ ނަސޭހަތްިދނުމުގެ] ހުއްދަ ލިބިވަޑައިގެން ތިއްބެވި ބައެއް ބޭފުޅުން ދެއްވާ ބައެއް އިރުޝާދަކީ ޖިންސީ ގުޅުމުގެ އިރުޝާދޭ. އެހެންވީމާ އެބޭފުޅުންގެ އެ އިރުޝާދުތައް ކޮން މިންވަރަކަށްތޯ ރައްޔިތުން ބަލައިގަންނާނީ؟ އެއީ އަޅުގަނޑުމެންނަށް އުނދަގޫވެފައި އޮތް ކަމެއްގެ ގޮތުގައި މި މަޖިލީހުގައި އިއްޔެގައި ބަހުސް ހިނގަމުން ދިޔައިރު [މެންބަރުން] ފާހަގަ ކުރެއްވި،" ރައްޔިތުން މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީއަށް އިތުރަށް ރައްދު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުން މަޖިލީހުގައި ދީނުގެ އަސްލަކާ ހިލާފު އެއްވެސް ވާހަކައެއް ނުދެކެވޭނެ ކަމަށެވެ.

"އިސްލާމް ދީނާ ހިލާފު އެއްވެސް ވާހަކައެއް މިތާކު [ރައްޔިތުން މަޖިލީހަކު] ނުދެކެވޭ،" ނަޝީދު ވިދާޅުވި އެވެ.

އިއްޔެ މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވަނީ ލަވަޔާއި މިޔުޒިކުގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ. އަދި މިޔުޒިކާއި ލަވަ ހަރާމު ކަމަށް ނުބުނެވޭނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

އެހެން ނަމަވެސް އިދިކޮޅު ބައެއް މެންބަރުން ތުހުމަތު ކުރެއްވި ގޮތުގައި މިހާރުވެސް ލަވަޔާއި މިޔުޒިކް ކުޅެ މަޖާކުރަން ޒުވާނުންނަށް ހުރަހެއް ނެތް އިރު ހަސަން ލަތީފުގެ ގަރާރުގެ މަގުސަދަކީ އިސްލާމް ދީނާ ހިލާފު ކަންކަން ރާއްޖޭގައި އާންމު ކުރުން ކަމަށެވެ. އަދި މިޔުޒިކާއި ލަވަ ހަރާމް ކަމަށް ބުނެ ވެސް ބައެއް މެންބަރުން އަޑުއުފުލެއްވި އެވެ.

އެ ބަހުސްތަކާ އެކު ރާއްޖޭގައި ތިއްބެވި ކޮންޒަވޭޓިވް ފިކުރުމުގެ ބައެއް ދީނީ އިލްމުވެރިން ވަނީ މެންބަރު އީވާ އާއި އިންތިގެ ވާހަކަތަކަށް ރައްދު ދެއްވައި އެ ވާހަކަތައް ކުށްވެރިކުރައްވައިފަ އެވެ. އަދި މިޔުޒިކާއި ލަވަ ހަރާމްކަމަށް ބުނާ ވާހަކަތައް އެބޭފުޅުން ތަކުރާރު ކުރައްވައި އެމްޑީޕީ މެންބަރުންނަށް ރައްދުދެއްވި އެވެ.

comment ކޮމެންޓް