ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅޭ ގޮތުން އޭސީސީ އާއި ފުލުހުންގެ އަތުގައި ހުރި ހުރިހާ ހެކިތައް ޕީޖީއަށް ފޯރުކޮށް ދިނުމަށް އެދުނު ނަމަވެސް އެ މައުލޫމާތު އެ އިދާރާތަކުން އެ އޮފީހަށް ދީފައި ނުވާތީ އެކަން މަޖިލީހުން ބެލުމަށް ނިންމައިފި އެވެ.
މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅޭ ހެކިތައް ދައުލަތުގެ އިދާރާތަކުން ހޯދައި އެ މައްސަލަ އަލުން މުރާޖައާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއިން ޕީޖީ އޮފީހުގައި އެދުމުން އެ މައުލޫމާތު ހޯދުމަށް މިދިޔަ ނޮވެމްބަރު 9 ވަނަ ދުވަހު ޕީޖީއިން އޭސީސީ އާއި ފުލުހުންނަށް ސިޓީ ފޮނުވި ކަމަށެވެ. ނަމަވެސް މިއަދާ ހަމަޔަށް ވެސް އެ ސިޓީއަށް ފުލުހުން ވެސް އަދި އޭސީސީއިން ވެސް އެއްވެސް ޖަވާބެއް ދީފައި ނުވާކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
"... އަޅުގަނޑު ޖުޑީޝަރީ ކޮމިޓީގައި މިއެދެނީ މި މުއައްސަސާތަކަށް އެއީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާއި ފުލުހުންގެ ކޮމިޝަނަރާއި މި ދެބޭފުޅުން ކައިރީ އަނެއްކާ ވެސް އައްސަވައިގެން ސާފުކުރައްވަން އެބޭފުޅުން އެ މައުލޫމާތު ސިއްރުކުރައްވައި ޕްރޮސިކިއުޓާ ޖެނެރަލަށް އެ މައުލޫމާތު ނުދެއްވާ އެ ތިއްބެވީ ކޮން ސަބަބަކަށްޓަކާ ތޯ ސާފުކުރުން. އެހެންވެ އެ ބޭނުމަށްޓަކައި މި ދެ ސިޓީ އަނބުރާ ޖުޑީޝަރީ ކޮމިޓީއަށް އެބަ ފޮނުވަން،" ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
ވެންޓިލޭޓަރު މައްސަލައިގައި އޭސީސީއިން އެންމެ ފަހުން މިދިޔަ މަހުގެ 26 ވަނަ ދުވަހު ބުނެފައި ވަނީ އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމައި ޕީޖީގެ ފަރާތުން ކޮމިޝަނަށް ފޮނުވި ކަންކަމުގައި އެ ކޮމިޝަނުން ދެކޭގޮތް ދެ ހަފްތާއެއް ތެރޭ ޕީޖީއަށް ފޮނުވާނެ ކަމަށެވެ.
ކޮވިޑުގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އޭސީސީން ޕީޖީއަށް ފޮނުވި އެވެ.
ޕީޖީ އިން އެ މައްސަލާގައި އޭރު ބުނީ ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށްފަހު، މައްސަލާގައި ދައުވާ ނުކުރުމަށް ނިންމައި، މައްސަލަ ޑިކްލައިން ކުރަން ޖެހުނީ ކޯޓެއްގައި ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށެވެ.
އެ ވެންޓިލޭޓަރުތަކުގެ ތެރެއިން އަދި ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ. ބާކީ ހުރި ވެންޓިލޭޓަރުތައް ލިބޭނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ.