އެމްބީބީއެސް ދަރިވަރުންނަށް ބަންގްލަދޭޝްގެ އިތުރު 5 ކޮލެޖަކުން އިންޓާންޝިޕްގެ ފުރުސަތު ހަމަޖައްސައިފި

އެމްބީބީއެސް ދަރިވަރުންނަށް ބަންގްލަދޭޝްގެ އިތުރު 5 ކޮލެޖަކުން އިންޓާންޝިޕްގެ ފުރުސަތު ހަމަޖައްސައިފި -- ފޮޓޯ/ ސަރުކާރު

ރާއްޖޭން ބޭރުން މެޑިސިން (އެމްބީބީއެސް) ހަދާ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް، ބަންގްލަދޭޝްގެ އިތުރު ފަސް ކޮލެޖެއްގައި ދިވެހި ދަރިވަރުންނަށް އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު ހަމަޖައްސައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ މީގެ ކުރިން ދިވެހި ދަރިވަރުން ބަންގްލަދޭޝްއިން އެމްބީބީއެސް އިންޓާންޝިޕް ފުރުސަތު ލިބެނީ ހަމައެކަނި ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ނުވަތަ ޝޭރް-އޭ-ބަންގްލާ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ކަމަށެވެ.

ނަމަވެސް ހެލްތު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީގެ މަސައްކަތުން ބަންގްލަދޭޝްގެ އިތުރު ފަސް ކޮލެޖެއްގައި ދިވެހި ދަރިވަރުންނަށް އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު މިހާރު ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ފަސް ކޮލެޖަކީ:

  • ސިލްހެޓް އެމްއޭޖީ އޮސްމަނީ މެޑިކަލް ކޮލެޖު
  • މައިމެންސިން މެޑިކަލް ކޮލެޖު
  • ރަޖްޝާނި މެޑިކަލް ކޮލެޖު
  • ޝަހީދު ޒައުރް ރަހްމާން މެޑިކަލް ކޮލެޖު
  • ކޮޒް'ސް ބަޒަރް މެޑިކަލް ކޮލެޖު

މިނިސްޓްރީން ބުނީ މި ފަސް ކޮލެޖަކީ ވެސް ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ ކޮލެޖްތަކެއް ކަމަށެވެ.

އެހެންކަމުން ބަންގްލަދޭޝްއިން އިންޓާންޝިޕް ޕްލޭސްމަންޓް ހޯދަން ބޭނުންވާ ދަރިވަރުން މިނިސްޓްރީގެ [email protected] އީމެއިލްއަށް ރިކުއެސްޓް ފޮނުވުމަށް ވަނީ އެދިފައެވެ.

މިނިސްޓްރީން ބުނީ އިންޓާންޝިޕް ފުރުސަތު ރާއްޖެއިން ވެސް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް މިހާރު ކުރާ ކަމަށެވެ. އަދި މިއަހަރު އިތުރު ސަރުކާރު ހޮސްޕިޓަލް ތަކުގައި އިންޓާންޝިޕް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިންޓާންޝިޕްގެ އިތުރު ފުރުސަތުތަކާއެކު މެޑިސިން ކިޔަވާ ދަރުވަރުންނަށް ހުރި ދަތިތަކަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ގައުމީ ޔުނިވާސިޓީން އެމްބީބީއެސް ކިޔަވައިދޭން ފެށީ 2018 ވަނަ އަހަރު މެލޭޝިއާގެ ގައުމީ ޔުނިވާސިޓީ ކަމަށްވާ ކެބެންސާންއާ ގުޅިގެންނެވެ. އެ ކޯހުގެ ފީއަކީ މަހަކަށް 1000 ޑޮލަރެވެ. ނަމަވެސް، ސަރުކާރުގެ ހިލޭ ޑިގްރީގެ ދަށުން އެ ޔުނިވާސިޓީގައި ޑޮކްޓަރުކަން ކިޔަވައިދެއެވެ.

comment ކޮމެންޓް