ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު މަރުވެއްޖެ

ގއ. ވިލިނގިލި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ކޮވިޑުގެ ބަލިމީހަކު މިއަދު މަރުވެއްޖެ އެވެ. މިއީ މާލެއިން ބޭރުން ކޮވިޑް ބަލީގައި މަރުވި ދެވަނަ މީހާ އެވެ.

މަރުވެފައި ވަނީ ގއ. ދެއްވަދޫ، އުތުރުގެ، ތުއްތު އިބްރާހިމް، 77 އެވެ. މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 56 ވަނަ މީހެވެ.

ވިލިނގިލީ ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހުމަދު މިއަދު "ސަން"އަށް ވިދާޅުވީ އެ މީހާ އަކީ ދެއްވަދޫއިން ކޮވިޑް ޖެހިގެން މިދިޔަ މަހުގެ 13 ވަނަ ދުވަހު އެ ރަށަށް ގެނައި ބަލި މީހެއް ކަމަށެވެ.

އޭނާ އަކީ ސްޓްރޯކެއް ޖެހުމުގެ ސަބަބުން އެނދުމަތީގައި އޮންނަތާ ވަރަށް ގިނަ ދުވަސްވެފައިވާ މީހެކެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އެ މީހާ ގެނައި ގޮތަށް ވެސް އޮތީ ވެންޓިލޭޓަރުގެ އެހީގައި ކަމަށާއި ގެނައި އިރުވެސް އޭނާގެ ފުއްޕާމެއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ.

ދެއްވަދޫއިން ކޮވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން އެ ރަށް މޮނިޓަރިންގްއަށް ގެނައީ ޖެނުއަރީ 7 ވަނަ ދުވަހު އެވެ.

ދެއްވަދޫއިން އެކަނި 69 މީހަކު ޕޮޒިޓިވްވި އިރު އެރަށުގެ ކްލަސްޓާއިން 95 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވި އެވެ.

ދެއްވަދޫ ކްލަސްޓާއާއި ގުޅުން ހުރި 101 ހައި ރިސްކު މީހަކު ފާހަގަ ކުރެވުނުއިރު އެ ކްލަސްޓާއާއި ގުޅުން ހުރި ކޭސްތަކެއް އެހެން ރަށްތަކުންވެސް ވަނީ ފެނިފަ އެވެ.

އެ ކްލަސްޓާއިން ބައްޔަށް ޕޮޒިޓިވްވި ގިނަ ބަޔަކު ވަނީ ބަލިން މިހާރު ރަނގަޅުވެފަ އެވެ. ބަލީގެ ހާލަތު ރަނގަޅުވުމާއެކު ފެބްރުއަރީ 1 ވަނަ ދުވަހު ދެއްވަދޫގެ މޮނިޓަރިންގް ހާލަތުވެސް ވަނީ އުވާލާފަ އެވެ.

ރާއްޖެއިން މިހާތަނަށް 16،909 ކޮވިޑް ކޭސް ފެނިފައިވާއިރު މިވަގުތު ބަލި ޖެހިފައި ތިބީ 2،075 މީހަކަށެވެ.

comment ކޮމެންޓް