ސީއެޗްއެސްއީގެ ދަރިވަރަކު ޕޮޒިޓިވްވެއްޖެ

ސީއެޗްއެސްއީ --- ސަން ފޮޓޯ

ސީއެޗްއެސްއީގެ ދަރިވަރަކު ކޮވިޑް19އަށް ޕޮޒިޓިވްވުމުން އެ ދަރިވަރު ނިސްބަތްވާ ކުލާހުގެ ހުރިހާ ދަރިވަރުން ކަރަންޓީނުކޮށްފި އެވެ.

ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސަފޫރާ މިރޭ "ސަން"އަށް ވިދާޅުވީ ޕޮޒިޓިވްވީ އެންމެ ދަރިވަރެއް ކަމަށެވެ.

"އޮންލައިން ބައްދަލުވުންތަކުގައި ހުރިހާ ގްރޭޑެއްގެ ބެލެނިވެރިންނަށް މެސެޖުދެމުން މި އަންނަނީ، ދަރިވަރަކު ވިޔަސް، ގޭގައި އުޅޭ އެހެން މީހެއްވެސް ބަލީގެ އަލާމާތެއް ހުރިއްޔާ، ދަރިވަރު ސްކޫލަށް ނުފޮނުވާށޭ. ސްޓާފުން ވެސް ހަމަ އެގޮތަށް އަމަލުކުރަނީ،" ސަފޫރާ ވިދާޅުވި އެވެ.

ސޮފޫރާ ވިދާޅުވީ ޕޮޒިޓިވްވި ކުއްޖާ ނިސްބަތްވާ ކްލާހަށް ކިޔަވައިދޭނީ ވަގުތީ ގޮތުން އޮންލައިންކޮށް ކަމަށެވެ. އަދި ހުރިހާ ކްލާހެއްވެސް އެ ކްލާހެއްގެ ވަގުތުގައި ކުރިއަށްދާނެ ކަމަށެވެ.

އެ ދަރިވަރާ ކޮންޓެކްޓްވެފައި ވަނީ ތިން ދަރިވަރުން ކަމަށާއި ނަމަވެސް ހުރިހާ ދަރިވަރުން ކަރަންޓީނުކޮށް، އޮންލައިންކޮށް ކްލާސްތައް ކުރިއަށްގެންދަން ނިންމީ މިދަނޑިވަޅުގައި އެކަން ކުރަން އެންމެ ރަނގަޅުގޮތަކީ އެއީ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވި އެވެ.

ސްކޫލުން ވެސް އަމަލު ކުރަނީ އެޗްޕީއޭގެ އިރުޝާދުތަކަށް ކަމަށާއި އެހެންކަމުން އެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް ސަފޫރާ ވަނީ ހުރިހާ ބެލެނިވެރިންނަށް އިލްތިމާސް ކުރައްވާފަ އެވެ.

ރާއްޖެއިން މިހާތަނަށް 16،909 މީހަކު ކޮވިޑް19އަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި މިވަގުތު ބަލި ޖެހިފައި ތިބި 2،075 މީހުން އެބަތިއްބެވެ.

comment ކޮމެންޓް