ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވާކަމަށް ބުނުމުން ޝުޖާއު ބާ ކައުންސިލަށް

ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރުކަމުން ޝުޖާއު އުސްމާން -- ސަން ފޮޓޯ/ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްސަލައަށް ޖޭއެސްސީއިން ނުފޫޒު ފޯރުވާކަމަށް ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަދި ގާނޫނީ ވަކީލު ޝުޖާއު އުސްމާން ވިދާޅުވެފައިވާތީ، އޭނާގެ މައްސަލަ ބާ ކައުންސިލުން ބަލަން ފަށައިފި އެވެ.

ހައިކޯޓުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާ ކައުންސިލަށް ޝަކުވާ ހުށަހެޅީ ރައީސް ޔާމީންގެ މައްސަލަ ހިނގަމުންދާ ގޮތާ މެދު ޝުޖާއު ކުރެއްވި ޓުވީޓަކަށް ހޯރަ އޮންލައިންގައި ގައި ޝާއިއުކުރި އާޓިކަލްއަކާ ގުޅިގެންނެވެ.

ޝުޖާއު ކުރެއްވި ޓްވީޓުގައި ވަނީ ޖޭއެސްސީއިން ނުފޫޒު ފޯރުވާހާ ހިނދަކު ރައީސް ޔާމީނަށް އިންސާފެއް ނުލިބޭނޭ ކަމަށެވެ.

ހައިކޯޓުން ޝަކުވާ ހުށަހެޅީ އެފަދައިން ޓުވީޓެއްކޮށް، ވާހަކަ ދެއްކުމަކީ އޭގެ ސަބަބުން އާންމު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދި، ކޯޓުތަކުގެ އިތުބާރު ގެއްލޭފަދަ އަމަލެއް ކަމަށާއި އެއީ ގާނޫނީ ވަކީލުން އަމަލުކުރަންޖެހޭ ސުލޫކާ ހިލާފު އަމަލެއް ކަމަށް ބުނެ އެވެ.

އެ ޝަކުވާ ބަލަން ބާ ކައުންސިލުން ނިންމީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. އަދި އެ މައްސަލައިގެ ބަޔާން ނަގަން މާދަމާ ހަވީރު 5:15ގައި ބާ ކައުންސިލަށް ހާޒިރުވާން އަންގައި، ޝުޖާއުއަށް ވަނީ ޗިޓު ފޮނުވާފަ އެވެ.

comment ކޮމެންޓް