ނާޒިމް ނުފޫޒު ފޯރުވާކަމަށް ބުނެ، ސްކްރީންޝޮޓް އާންމުކުރި މައްސަލަ ޑީޖޭއޭއަށް

ނާޒިމް ސައްތާރު -- ފޮޓޯ/ ޓްވީޓާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާކަމަށް ބުނެ، ހައި ކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާން ސްކްރީންޝޮޓްތަކެއް އާންމުކުރެއްވި މައްސަލަ ބަލައިދޭން ނާޒިމް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި އެދިވަޑައިގެންފިއެވެ.

ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ އަށް އެޑްރެސް ކުރައްވާ ޑީޖޭއޭއަށް ނާޒިމް ފޮނުއްވެވި ސިޓީއެއްގައި އޭނާ ވަނީ ހައި ކޯޓުގެ އިދާރީ މުވައްޒަފަކަށް އޭނާ ކުރެއްވި މެސެޖުތަކެއް ލީކުކޮށްލި މައްސަލަ ބަލައިދިނުމަށް އެދިފައެވެ.

ހައިކޯޓްގައި ހުރި މައްސަލަތަކަށް ނުފޫޒު ފޯރުވާ އެއް ބޭފުޅަކީ ނާޒިމް ކަމަށް ވިދާޅުވެ، ޝުޖާއު އުސްމާނު ކުރެއްވި ޓްވީޓެއްގައި އޭނާ ހިއްސާކުރައްވައިފައިވާ ސްކްރީންޝޮޓުތަކުގައި ނާޒިމް ވަނީ، ބައެއް މައްސަލަތައް ހިނގަމުން އަންނަ ގޮތުގެ މައުލޫމާތު ސާފުކޮށް، ވަކި މައްސަލައެއް ވަކި ފަނޑިޔާރަކަށް ނުދިނުމަށް އެދި މެސެޖު ކުރައްވާފައިއެވެ.

މީގެ އިތުރުން އެފަދަ މައްސަލަތަކުގައި ކޯޓުން އަމަލުކުރަނީ ވެސް ނާޒިމް އެދިލައްވާ ގޮތަށް ކަމަށް ޝުޖާއު ވަނީ ތުހުމަތު ކުރައްވާފައިއެވެ.

comment ކޮމެންޓް