ޖޭއެސްސީގެ މެންބަރުކަމަށް ޝަރުތު ހަމަނުވާތީ ދެ ބޭފުޅެއްގެ ނަން ބޭރުކޮށްފި

ޖޭއެސްސީގެ މެންބަރުކަމަށް ކުރިމަތިލި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޒުބައިރު މުހައްމަދު--

ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ކުރިމަތިލި މެމްބަރުންގެ ތެރެއިން ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޒުބައިރު މުހައްމަދުގެ ކިބައިގައި އެ މަގާމަށް ޝަރުތު ކަމަށް ބާ ކައުންސިލުން ނިންމައި، އެ ދެބޭފުޅުންގެ ނަން ބޭރުކޮށްފިއެވެ.

ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އިންތިޚާބުކުރާ މެންބަރެއްގެ މަގާމު ހުސްވީ ކޮމިޝަނުގެ މެންބަރުކަމުން މިދިޔަ މަހު އަބްދުލް މާނިއު ހުުސެއިން އިސްތިއުފާ ދެއްވުމުންނެވެ.

އެހެންވެ އެ މަގާމަށް މެންބަރަކު އިންތިޚާބުކުރުމުގެ ގޮތުން ބާ ކައުންސިލުން ނިންމީ އެ ކަމަށް ބާއްވާ އިންތިޚާބު އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށެވެ.

އެގޮތުން އެ މަގާމަށް ވާދަކުރަން ހުޅުވައިލި ފުރުސަތު މިދިޔަ އަންގާރަ ދުވަހަށް ހަމަވިއިރު، ތިން ބޭފުޅަކުވަނީ މަގާމަށް ކުރިމަތިލައިފައެވެ.

އެއީ ޒުބައިރާއި ޝުޖާއުގެ އިތުރުން މިހާރު ބާ ކައުންސިލުގެ އެކްސޯ މެންބަރު އަލީ އަބްދުއްލަތީފެވެ.

ނަމަވެސް ޝަރުތު ހަމަނުވާތީ ޝުޖާއުއާއި ޒުބައިރުގެ ނަން ބޭރުކުރުމުން އެ އިންތިޚާބުގައި މިހާރު ވާދަކުރައްވަން ހުންނެވީ ހަމައެކަނި އަބްދުއްލަތީފެވެ.

ޝުޖާއު ހައިކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާދެއްވައިފައި ވަނީ 2020 ވަނަ އަހަރެވެ. މަގާމުން އޭނާ އިސްތިއުފާ ދެއްވައިފައިވަނީ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލައެއްގެ ތުހުމަތުގައި އޭނާ މަގާމުން ވަކި ކުރުމަށް ޖޭއެސްސީން ނިންމައިފައިވަނިކޮށްނެވެ.

ޒުބައިރު ސިވިލް ކޯޓުން އިސްތިއުފާ ދެއްވީ، 2022ވަނަ އަހަރެވެ. އޭނާ ގާތްގަނޑަކަށް 14 އަހަރު ފަނޑިޔާރުކަން ކުރެއްވިއިރު، އޭނާ ވަނީ ބައެއް ރަށްރަށުގެ ކޯޓުތަކުގެ މެޖިސްޓްރޭޓުކަން ވެސް ކުރައްވައިފައެވެ.

comment ކޮމެންޓް