ރާއްޖޭގެ ބޯޓް ބިލްޑިން އިންޑަސްޓްރީގައި އެންމެ ފާހަގަ ކުރެވޭ އެއް ނަމަކީ އަލްޝާލީ މެރިން އެވެ. ކަނޑުއުޅަނދު ފަހަރު ބަނުމުގެ ހިދުމަތް ދިނުމުގައި އެ ކުންފުނިން ވަނީ މާކެޓުގެ އިތުބާރު ހޯދައިފައެވެ. ދެހާސް ހަވަނަ އަހަރު އެ ކުންފުނިން މި އިންޑަސްޓްރީ އަށް ވަތްނަމަވެސް، އަލްޝާލީގެ އަޑު އިންޑަސްޓްރީގައި ގަދަވާން ފެށީ ރާއްޖެއަށް ބޯޓިން ޝޯތަކާއި މެރިން އެކްސްޕޯ ތައާރަފުކުރި ފަހުންނެވެ.
މި ނިމުނު ވަނަ އަހަރަކީ ދުނިހޭގެ ހުރިހާ އިންޑަސްޓްރީ އަކަށް ކޮވިޑުގެ އަސަަރު ކޮށް، އޮޕަރޭޝަންތަކަށް ބުރޫ އެރި އަހަރެކެވެ. އެގޮތުން ކޮވިޑުގެ ބަލިމަޑުކަމާއެކު އަލްޝާލީ އިން ވެސް ދެމުން ދިޔަ ހިދުމަތްތައް މެދުކަނޑާލަން ޖެހުނެވެ. ނަމަވެސް ހާލަތަށް އައި ބަދަލާއެކު މަޑުމަޑުން އޮޕަރޭޝަންތައް ފަށައި، މިހާރު އަލްޝާލީއިން ދަނީ އެކުންފުނިން ދެމުންދާ ހުރިހާ ހިދުމަތެއް ފޯރުކޮށްދެމުންނެވެ.
"މިވަގުތު އަލްޝާލީ ފުލީ އޮޕަރޭޝަނުގައި މިއޮތީ. ކޮވިޑަށް ހުއްޓާލިފަހުން މިހާރު ހުރިހާ ހިދުމަތެއްވެސް ދެމުން މި އަންނަނީ. އޭގެ ތެރޭގައި ރިފާބިޝްމެންޓާއި އައުޓްފިޓިން އާއި ފެބްރިކޭޝަން އާ ރިޕެއާ އެންޑް މެއިންޓެނެންސް އަދި ޕްރޮޑަކްޝަންގެ ހުރިހާ މަސައްކަތްތަކެއް އިރާދަކުރެއްވީތީ މިހާރު ހަމަ ބެކް ޓު ނޯމަލްގައި މި އުޅެނީ،" އަލްޝާލީގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފް ވިދާޅުވި އެވެ.
އަލްޝާލީ އިން ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި، މާކެޓަށް އެ ކުންފުނީގެ އާ އުފެއްދުންތައްވެސް ނެރެފައެވެ. އަލްޝާލީގެ ޑައިވިން އެންޑް އެކްސްކާޝަން ދޯންޏާއި ކޯސްޓް ކްރާފްޓް 38 އަކީ މިވަގުތު މާކެޓުގައި އެންމެ ބޮޑު ތަރުހީބު ލިބެމުންދާ ދެ އުފެއްދުމެވެ.
އަލްޝާލީ އިން ދަނީ 45 ފޫޓުގެ އެއް ރޫމް "ފްލައި ބްރިޖް" އެއް ބަނދެ ބޭލުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި އުފެއްދުުން އަންނަ އަހަރުގެ ތެރޭ މާކެޓަށް ނެރެވޭނެއެވެ. އެއް ކޮޓަރީގެ މި ލަގްޒަރީ ޔޮޓު އަންނަ އަހަރު ލޯންޗުކުރާނެއެވެ.
"މި ބޓަކީ އެއް ރޫމް ހުރެފަ، ކިޗަން އާ ލޮބީ އެއް ހިމެނޭ އުޅަނދެއް. އައުޓްބޯޑު ވީމަ ފުދޭވަރަކަށް އައިޑިއަލް ވާނެ ކައިރި ރިސޯޓުތަކުން އެއާޕޯޓާ ދޭތެރޭ ގެސްޓުންނަށް ހިދުމަތްދޭން ބޭނުން ކުރަން،" ޝަރީފް ވިދާޅުވިއެވެ.
އަލްޝާލީގެ އުފެއްދުންތަކުގެ ތެރޭގައި ފަސިންޖަރުން އުފުލާ ލޯންޗުގެ އިތުރުން ފިޝިން ވެސަލްސް ވެސް ހިމެނެއެވެ. އަލްޝާލީ އިން ބޯޓު ބަނުމުގެ ހިދުމަތް ދެނީ ކަސްޓަމަރު ބޭނުންވާގޮތަށް އުޅަނދުގެ އިންޓީރިއާ ޑިޒައިން ކުރުމާއެކުއެވެ.
"ކުރިއަށް އޮތްތަނުގައިވެސް މާކެޓަށް އާ އުފެއްދުންތައް ނެރޭނީ ރިކުއަމެންޓަށް ބަލާފައި. މާކެޓަށް ބޭނުންވަނީ ކޮން އުޅަނދުތަކެއްތޯ ބަލާފައި އުޅަނދުތައް ފަރުމާކޮށް މާކެޓަށް ނެރެނީ،" ޝަރީފް ވިދާޅުވިއެވެ.
ދެހާސް ނަވާރަވަނަ އަހަރު ބޭއްވި މޯލްޑިވްސް މެރިން އެކްސްޕޯގެ އެންމެ އިނޮވޭޓިވް ޕްރޮޑަކްޓުގެ އެވޯޑާއި ބޯޓިން އެވޯޑްސްގެ ޝަރަފުވެރި ތިން އެވޯޑެއް އަލްޝާލީ އަށް ވަނީ ލިބިފައެވެ. އެގޮތުން 2019ގެ އެވޯޑްސްގައި އަލްޝާލީ މެރިން އިން ވަނީ ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސެލް 5-10 މީޓަރުގެ އެވޯޑާއި ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސެލް 10-15 މީޓަރުގެ އެވޯޑާއި ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސެލް 45-15 މީޓަރުގެ އެވޯޑު ހާސިލްކޮށްފަ އެވެ.
ޓޫރިޒަމް ސިނާއަތުގައި އަލްޝާލީގެ ހިއްސާ އާއި ބައިވެރިވުން ފާހަގަކޮށް 2019 ވަނަ އަހަރުގެ ޓީޓީއެމް އެވޯޑްސްގައި އެ ކުންފުންޏަށް ވަނީ ހާއްސަ އެވޯޑެއް ލިބިފައެވެ. މީގެ އިތުުރުން ރާއްޖޭގެ އެންމެ ފާހަގަ ކުރެވޭ 100 ކުންފުނީގެ ތެރޭގައި ހިިމެނި 2019 ވަނަ އަހަރުގެ ގޯލްޑް 100 އެވޯޑް ވެސް އަލްޝާލީ އަށް ވަނީ ލިބިފައެވެ.