ދެ ހަފްތާއަށް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަނީ ކޮވިޑް19ގެ އެއްވެސް ކަހަލަ ރިސްކެއް އޮވެގެން ނޫން ކަމަށް އެ ސްކޫލުން ބުނެފި އެވެ.
އެ ސްކޫލުގެ ކިޔެވުން ދެ ހަފްތާ ވަންދެން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމާފައި ވާއިރު، ސްކޫލުގެ ޓީޗަރަކު ވަނީ ކޮވިޑް19 އަށް ވަނީ ޕޮޒިޓިވްވެފަ އެވެ.
ޕޮޒިޓިވްވެފައިވަނީ ގްރޭޑް އަށަކަށް ކިޔަވައިދޭ ޓީޗަރެކެވެ. އެ ސްކޫލުގެ އޮފިޝަލަކު ވިދާޅުވީ ސްކޫލުގެ ގްރޭޑް އަށަކަށް ކިޔަވައިދޭ ހުރިހާ ޓީޗަރުން ކޮވިޑަށް ޓެސްޓުކުރީ ސްކޫލް ދަރިވަރެއްގެ ވެސް އަދި ޓީޗަރެއްގެ ވެސް ބަލީގެ އަލާމާތް ހުރެގެން ނޫން ކަމަށާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
ޕޮޒިޓިވްވި ޓީޗަރާ ކޮންޓެކްޓުވީ ވަރަށް މަދު ދަރިވަރުންތަކެއް ކަމަށާއި، އަދި ކޮންޓެކްޓްވި ގޮތަށް ބަލާއިރު އެއްވެސް ކަހަލަ ރިސްކެއް އޮތް ކަމަށް ނުބެލެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެއްވެސް ކަހަލަ ރިސްކެއް އޮވެގެނެއް ނޫން ދެ ހަފްތާއަށް އޮންލައިންކޮށް ކިޔަވައިދޭގޮތަށް ބަދަލުކުރީ،" އޮފިޝަލް ވިދާޅުވި އެވެ.
އޮންލައިންކޮށް ހުރިހާ ސެޝަންތަކެއްގައި ދެ ހަފްތާއަށް ކިޔަވައިދޭގޮތަށް ބަދަލުކުރީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަމަށާއި މި ހަފްތާ ނިމުމާއެކު ފިޒިކަލްކޮށް ކިޔަވައިދޭން ފަށާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ޕޮޒިޓިވްވި ޓީޗަރުގެ ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި ޓީޗަރުންނާއި ދަރިވަރުން ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޮފިޝަލް ވިދާޅުވީ މިހާތަނަށް އެއްވެސް މީހަކު ޕޮޒިޓިވްވެފައި ނުވާއިރު، އެއްވެސް މީހެއްގެ ގައިން ބަލީގެ އަލާމާތެއް ވެސް ފެނިފައި ނުވާ ކަމަށެވެ.
މީގެކުރިން އެ ސްކޫލުގެ ހަތަރު ދަރިވަރަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ނަމަވެސް އެދަރިވަރުން ސްކޫލަށް ހާޒިރުވެފައެއް ނުވެ އެވެ.