އަމިއްލަ އެކައުންޓްގައި ހުރި ޑޮލަރު ސަރުކާރަށް ނެގުމަކީ ކުރާނެ ކަމެއް ނޫން: އެމްއެމްއޭ

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަމިއްލަ ފަރާތްތަކުގެ އެކައުންޓުގައި ހުރި ޑޮލަރު ސަރުކާރަށް ނެގުމަކީ ކުރާނެކަމެއް ނޫން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އަމިއްލަ އެކައުންޓުތަކުގައި ހުރި ޑޮލަރު ސަރުކާރަށް ނަގަން އުޅޭކަމަށް ތުހުމަތުކޮށް މިއަދު އޮންލައިން ނޫހަކުން ވަނީ ރިޕޯޓެއް އާންމުކޮށްފަ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ އަމިއްލަ ފަރާތްތަކުގެ އެކައުންޓުގައި ހުރި ޑޮލަރު، ދިވެހި ރުފިޔާއަށް ބަދަލުކުރަން މަޖުބޫރު ކުރުވުމާއި، އަމިއްލަ އެކައުންޓުތަކުގައި ހުރި ޑޮލަރު ވަކި މުއްދަތެއް ވަންދެން ނުނެގޭ ގޮތަށް ހަދަން ސަރުކާރުން ސިޔާސަތު ބަދަލުކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިފަދަ ރިޕޯޓެއް ޝާއިއުކޮށްފައި ވާއިރު، ރައްޔިތުންގެ މަޖިލިސް ހުޅުވައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައްޔިތުން ބޭނުންވާ ވަރަށް ދަތިނުވެ ޑޮލަރު ލިބޭނެ ގޮތް ހެދުމަށްޓަކައި، ސިޔާސަތުތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

އެ ރިޕޯޓުގައި ހުރި ވާހަކަތައް ދޮގުކޮށް އެމްއެމްއޭ އިން މިއަދު ބުނީ އަމިއްލަ އެކައުންޓްގައި ހުރި ޑޮލަރު ސަރުކާރަށް ނެގުމަކީ އެއްވެސް އިރެއްގައި އެ އޮތޯރިޓީން ކުރާނެ ކަމެއް ނޫން ކަމަށެވެ.

ހަމައެއާއެކު ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ބާޒާރުގެ ގާނޫނީ އޮނިގަނޑު އިސްލާހު ކުރުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށާއި އެ ބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭރުފައިސާ ހޯދުމުގައި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

ކޮވިޑް19ގެ ސަބަބުން ބޭރު ފައިސާގެ އާމްދަނީ ދަށްވެ، އިމްޕޯޓަށް ބޭނުންވާ ޑޮލަރު ހޯދުމުގައި، އާންމުންނަށާއި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ދަތިވި އެވެ.

އެކަން ހައްލުކުރުމަށް ބޭންކުތައް މެދުވެރިކޮށް، ފޮރިން އެކްސްޗޭންޖް ބާޒާރަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު، އެމްއެމްއޭ އިން މިދިޔަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން އިތުރުކޮށްދިނެވެ.

އޭގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ވަރަށް ޑޮލަރު ލިބުނު ނަމަވެސް، ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ޑޮލަރު ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އަދިވެސް އެބަހުރިކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ރާއްޖެއަށް ވަންނަ ބޭރު ފައިސާ، ރާއްޖޭގެ އިގްތިސޯދުގެ ތެރޭގައި ދައުރުކުރުވުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސަރުކާރުން ކުރަންޖެހިފައި އޮތް ކަމެއް ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން އިގްތިސާދަށް ކުރިމަތިވި ދައްޗާއެކު، ޑޮލަރުގެ ދަތިކަން ކުރިމަތިވެ، ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ އެ ބޭންކުގެ ކާޑުތަކުން ބައިނަލްއަގުވާމީ މުއާމަލާތް ކުރެވޭ ލިމިޓް މަހަކަށް 250 ޑޮލަރަށް ބަދަލުކޮށްފަ އެވެ.

comment ކޮމެންޓް