ރާއްޖޭގެ ނެޓްޒީރޯ އަމާޒަށް އިނގިރޭސިވިލާތުގެ މަރުހަބާ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ލޯޑް އަހުމަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ދެހާސް ތިރީސް ވަނަ އަހަރުގެ ނިޔަލަށް ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުމަށް ދިވެހިރާއްޖެއިން އަމާޒު ހިފާފައިވާތީ އިނގިރޭސިވިލާތުން އެކަމަށް މަރުހަބާ ކިޔައިފިއެވެ.

ދިވެހިރާއްޖެއިން ނެޓްޒީރޯއަށް ވާސިލްވުމަށް މަސައްކަތްކުރާކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހާމަކުރެއްވީ ޑިސެމްބަރު 22، 2020ގައި އދ. އިން އިންތިޒާމްކޮށްގެން ބޭއްވި ކްލައިމެޓް އެމްބިޝަން ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފޮރިން މިނިސްޓްރީއިން ބުނި ގޮތުގައި، މިނިސްޓަރު އަބްދުﷲ ޝާހިދުއާއި އިނގިރޭސިވިލާތުގެ ހާރިޖިއްޔާގެ ދެކުނު އޭޝިއާ، ކޮމަންވެލްތު އަދި އދ.ގެ ކަންތައްތަކާ ބެހޭ ވަޒީރު ލޯޑް އަހުމަދު އާއެކު މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ލޯޑް އަހުމަދު ވަނީ ރާއްޖޭގެ ނެޓް ޒީރޯ އަމާޒަށް މަރުހަބާ ދަންނަވާފަ އެވެ.

އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުއާއި ލޯޑް އަހުމަދު ވަނީ މި އަހަރުގެ ނޮވެމްބަރު މަހު އިނގިރޭސިވިލާތުގެ ގްލެސްގޯގައި އޮންނަ ކޮޕް26 ސަމިޓާއި ބެހޭ ގޮތުންނާއި، މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.

ނެޓް ޒީރޯއަކީ ގައުމުން ޖައްވަށް ކާބަން ބޭރު ކުރާ މިންވަރާ އެއްވަރަށް އެ ގޭސްތައް ޖައްވުުގެ ތެރެއިން ސާފު ވާނެ ގޮތްތައް ގާއިމް ކުރެވިފައި ހުރުމެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ނެޓް ޒީރޯ ހާސިލު ކުރަން އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރުދުންގެ ބައިވެރިވުން ބޭނުންވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައިވެސް ރައީސް ވަނީ ނެޓް-ޒީރޯ އަމާޒަކީ ހާސިލު ކުރެވިދާނެ ލަނޑުދަނޑިއެއް ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް