ރާއްޖޭގެ އެންމެ ފުރަތަމަ އޭއާރު (އޮގްމަންޓަޑް ރިއަލިޓީ) ގޭމް، އާރުބީ ކުއެސްޓް އަލުން ތައާރަފުކުރަން ބޭއްވި މުބާރާތުގެ ގަދަ ތިން ފަރާތް އިއުލާންކޮށްފި އެވެ.
މިދިޔަ ޑިސެމްބަރު މަހު ދެވަނަ ފަހަރަށް އާރުބީ ކުއެސްޓް ތައާރަފުކުރީ ހާއްސަ ފީޗާތަކާއި ގިނައިނާމު ތަކެއް ހިމެނޭ ޕްރޮމޯޝަނަކާއެކުގަ އެވެ.
ދިރާގުގެ ހުރިހާ ކަސްޓަމަރުނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދިޔަ އެ މުބާރާތުގައި ވާދަވެރި ރައުންޑްތަކަކަށް ފަހު ލީޑާބޯޑްގެ އެންމެ ކުރީގައިވާ ތިން ބައިވެރިން ވަނީ އިއުލާންކޮށްފަ އެވެ.
އެގޮތުން 21،917 ޕޮއިންޓާއެކު އެއްވަނައަށް ހޮވިފައިވަނީ "މާވަޑި"ގެ ނަމުން ގޭމްގައި ބައިވެރިވި މުހައްމަދު ހަސަނެވެ. އެއްވަނައަށް ދީފައިވާ އިނާމަކީ އައިފޯން 12 ޕްރޯ މެކްސް (128ޖީބީ) އެވެ.

އެއްވަނައަށް ހޮވުނު މުހައްމަދު ހަސަން--
ދެވަނައަށް ހޮވިފައިވަނީ 21،528 ޕޮއިންޓާއެކު "ލަކުޑިބޯ"ގެ ނަމުން ގޭމްގައި ބައިވެރިވި މުހައްމަދް ޖުމާން ރަޝީދެވެ. ދެވަނައަށް ދީފައިވަނީ ސެމްސަންގް ގެލެކްސީ އެސް20 އަލްޓްރާ ފޯނެކެވެ.

ދެވަނައަށް ހޮވުނު މުހައްމަދު ޖުމާން ރަޝީދު--
ތިންވަނަ އަށް ހޮވުނު ފަރާތަކީ 17،259 ޕޮއިންޓާއެކު "ކަރަންފޫ" ނުވަތަ މުހައްމަދު ޝާކިރް އަލީ އެވެ. ތިންވަނައަށް ދީފައިވާ އިނާމަކީ ސެމްސަންގް ގެލެކްސީ އެސް20 ޕްލަސް ފޯނެކެވެ.

ތިންވަނައަށް ހޮވުނު މުހައްމަދު ޝާކިރު--
ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ދިރާގު ހެޑް އޮފީހުގައި އިނާމުތައް ވަނީ ހަވާލުކޮށްފަ އެވެ.
އެ މުބާރާތް ނިމުނު ކަމުގައި ވިޔަސް، އާރްބީ ކުއެސްޓް ގޭމް ޑައުންލޯޑްކޮށް، މަމެން ކަސްޓަމަރުންނަށް އެ ގޭމް ކުޅެގެން ބޯނަސް ޑޭޓާ ހޯދައިގެން މަމެން މޮބައިލް އެޕްލިކޭޝަނަށް ޓްރާންސްފާ ކުރުމުގެ ފުރުސަތު އެބައޮތެވެ. އެ ފުރުސަތު މާޗު ހައެއްގެ ނިޔަލަށް އޮންނާނެ އެވެ.
އާރްބީ ކުއެސްޓް ގޭމަކީ އައިއޯއެސް ގައި "އޭއާރް ކިޓް" އަދި އެންޑްރޮއިޑްގައި "އޭއާރް ކޯ" ނަމަކަށް ކިޔާ ޓެކްނޮލޮޖީ ބޭނުންކުރާ ޒަމާނީ މޮބައިލް ގޭމެކެވެ. އެ ގޭމް މި ދެ ވައްތަރުގެ ޑިވައިސްތަކަށްވެސް ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ،