ފުރަތަމަ ބުރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އައްޒާމަށް

ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި ދަ ގްރާންޑޭ ކުޅުނު މެޗެއްގެ ތެރެއިން ޓީސީގެ ކެޕްޓަން އައްޒާމް ބޯޅައާ އެކު --- ފޮޓޯ/އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ މޮޅު ކުޅުންތެރިއަކަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކެޕްޓަން މުހައްމަދު އައްޒާމް ހޮވިއްޖެ އެވެ.

އެފްއޭއެމުން މިއަދު ވަނީ ނިމިގެން ދިޔަ ލީގު ބުރުގެ މޮޅު ކުޅުންތެރިންނާއި، ކޯޗުން ހޮވައިފަ އެވެ. ލީގުގެ ފުރަތަމަ ބުރު ނިންމާ ދެވަނަ ބުރުގެ ދެވަނަ މެޗު ވީކުގެ ކުޅުން މިއަދު ފަށާއިރު، ލީގުގެ ފުރަތަމަ ބުރަކީ މިފަހުގެ ތާރީހުގައި ވެސް އެންމެ ވާދަވެރި ގިނަ މެޗުތަކެއް ކުޅެ، ލީގު ތާވަލުގެ ވާދަވެރިކަން އެންމެ ބޮޑުވެގެން ދިޔަ ބުރެވެ.

ލީގުގެ ފުރަތަމަ ހަތް މެޗާ އެކު ފުރަތަމަ ބުރުގެ ކުޅުން ނިންމާލި އިރު، އެ ބުރުގެ މޮޅު ކުޅުންތެރިއަކަށް އެފްއޭއެމުން ހޮވާފައިވަނީ ޓީސީގެ ކެޕްޓަން އައްޒާމް އެވެ. މުހައްމަދު ޝާޒްލީ (ޝާޒް) ގެ އިރުޝާދުގެ ދަށުން ޒުވާން ގިނަ ކުޅުންތެރިންތަކަކާ އެކު ލީގާއި ކުރިމަތިލީ ޓީސީން އެ ބުރު ހަތަރުވަނައިގައި އޮވެގެން ނިންމާލި އިރު، އައްޒާމް ވަނީ އެ ޓީމަށް މޮޅު ކުޅުމެއް ކުޅެދީފަ އެވެ.

އެގޮތުން ތިން މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމަކާއި، ތިން ގޯލެއް އެބުރުގައި ޖެހި އައްޒާމް ވަނީ ޓީސީން ލީގުގެ ރަނގަޅު މަގާމެއްގައި ހިފަހައްޓަން ގިނަ ޕޮޒިޝަންތަކަކަށް ވެސް ކުޅެފަ އެވެ.

ނިމިދިޔަ ބުރުގެ ޒުވާން އެންމެ މޮޅު ކުޅުންތެރިއަކަށް އެފްއޭއެމުން ހޮވާފައި ވަނީ ޔުނައިޓެޑް ވިކްޓަރީގެ ފޯވާޑް އަހުމަދު ބައްސާމް އެވެ. ލީގުގައި މިހާތަނަށް ޔޫވީން މޮޅެއް ލިބިފައި ނުވި ނަމަވެސް ބައްސާމް ވަނީ ގިނަ މެޗުތަކެއްގައި ކުޅެ، އޭނާގެ ހުނަރުވެރިކަން ދައްކާލައިފަ އެވެ.

އެ ބުރުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައި ވަނީ ވެލެންސިއާގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ. ލީގުގެ ފުރަތަމަ ހަތަރު މެޗުގައި ކްލީން ޝީޓް ހަދައި، ގައުމީ ރެކޯޑަކާ އެއްވަރު ކުރި ޗެކް މިފަހަރުގެ ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް ފަހަކަށް އައިސް ވެލެންސިއާއިން ފުރަތަމަ ކީޕަރަކަށް ކުޅުވަމުން އަންނަނީ ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް އެވެ.

މިފަހަރުގެ ފުރަތަމަ ބުރުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) އެވެ. މިދިޔަ ސީޒަނުގައި ޓީސީގެ ކޯޗަކަށް ހުރި އާތީ މި ސީޒަނުގައި ވެލެންސިއާއާ ގުޅި، އެ ޓީމު ތާވަލުގެ ރަނގަޅު ހިސާބެއްގައި ބާއްވަދޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް