ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗަށް ޓީސީން ނުކުންނާނީ މޮޅުވުމުގެ އަޒުމުގައި ކަމަށާއި، އެހެން ނަމަވެސް މިވަގުތު އިދިކޮޅު ޓީމަކީ މިވަގުތު ލީގުގައި އޮތް އެންމެ ވަރުގަދަ އެއް ސްކޮޑަށް ވުމުން މެޗުން މޮޅުވެވޭނީ ކުޅުންތެރިންގެ މަސައްކަތު ރޭޓް މަތިކޮށްގެން ކަމަށް ޓީސީއާ ދެވަނަ ފަހަރަށް ހަވާލުވި އެ ޓީމުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
މިފަހަރުގެ ސީޒަން ފަށައިގެން ޓީސީގެ ކޯޗެއްގެ ގޮތުގައި ފެނުނު މުހައްމަދު ޝާޒްލީ (ޝާޒް)، އެ މަގާމުން މިިދިޔަ ހަފުތާ އިސްތިއުފާ ދިން އިރު، އޭނާ މިހާރު ވަނީ އީގަލްސްގެ ކޯޗު ކަމާ ހަވާލުވެފަ އެވެ. އެއާ އެކު ކުރިން ޓީސީ އަށް 2018 ވަނަ އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ނިޒާމްބެ އަލުން އެ ކްލަބަށް އެނބުރި އައީ އިތުރު ތިން ޓީމެއްގައި މަސައްކަތްކޮށްފަ އެވެ.
އެއީ 16 އަހަރުން ދަށުގެ ގައުމީ ޓީމާއި ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބްގެ އިތުރުން މި ސީޒަނުގައި އޭނާ ފުރަތަމަ ފެނުނު މާޒިޔާ އެވެ. ނަމަވެސް އެ ޓީމަށް ސީޒަނުގެ ހަތަރު މެޗު ކޯޗުކަންކޮށްދިނުމަށްފަހު ނިޒާމްބެ ވަނީ އެކުލަބުން އިސްތިއުފާ ދީފަ އެވެ.
ޓީސީއާ ދެވަނަ ފަހަރަށް ހަވާލުވުމަށްފަހު ލީގުގެ ފުރަތަމަ މެޗަށް ނިޒާމްބެ މިއަދު ނުކުންނަ އިރު، ޓީސީގެ ފުރަތަމަ ސްކޮޑުގެ ތިން ކުޅުންތެރިއަކު މިވަގުތު އަނިޔާގައި ހުރިކަން އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ. އަދި މިހާތަނަށް ކުރެވުނު މަދު ޓްރެއިނިންގްތަކާ އެކު މާބޮޑ ބަދަލެއް ފުރަތަމަ މެޗުގައި ގެނެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ނިޒާމްބެ ވަނީ ބުނެފެ އެވެ.
"ބަދަލު ގެންނަން ޖެހޭ ކަންތައްތައް ކުރުމަށް ވަގުތު ބޭނުންވާނެ. މިހާރު މި އޮތް ސްކޮޑު އެ ވަރަށް މަސައްކަތް ކޮށްފިއްޔާ ނުކުރެވޭވަރުގެ ކަމެއް ނޫން،" އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނިޒާމްބެ ބުންޏެވެ.
"އެއާ އެކު އެކީގައި ރެސްޕެކްޓް ކުރަން ވެެލެންސިއާގެ އެ ސްކޮޑަށް. ވެލެންސިއާގައި އެ ތިބި ކުޅުންތެރިންނަށް. ވެލެންސިއާ ޕޮއިންޓް ޓޭބަލުގައި އެ އޮތް ހިސާބަށް ވެސް ރެސްޕެކްޓް ކުރަން. އެ ހުރިހާ ކަމަކަށް ތައްޔާރުވެގެން މެޗުން މޮޅުވާން އެ އަޒުމުގައި މަސައްކަތްކޮށްގެން އެކަން ހާސިލްކުރަން ނުކުންނާނީ،"
ނިޒާމްބެ ބުނީ، ކޮންމެ ޓީމެއްގެ ކޯޗުގެ މަގާމާ ހަވާލުވި ކަމުގައިވިޔަސް އެއީ ބޮޑު ޒިންމާއެއް ކަމަށާއި، ޓީސީން އަލުން އޭނާއަށް ހުށަހެޅުމުން އެއީ ލިބުނު ހިތްހަމަޖެހުމަކާއި ކާމިޔާބީއެއް ކަމަށެވެ.
"މީގެ ކޮންމެ ކްލަބެއްގެ ބެންޗުގައި އިށީނަސް އެއީ ޒިންމާތަކެއް. ހިތްހަމަޖެހިގެން އުފާފާޅުކުރުމަށް ވުރެ ޒިންމާތަކެއް އެއީ. ޓީސީއާ އެކު އެނބުރި އަންނަން ޓީސީ އިން އެ އޮފާ އައުމަކީ ލިބުނު ހިތްހަމަ ޖެހުމެއް ކުރިއެރުމެއް،" ނިޒާމްބެ ބުންޏެވެ.