ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި ނިޝާން ޢިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ހ. ޒޮނޭރިއާ، އިބްރާހިމް ރަޝީދު (ކަރަންކާ ރަޝީދު) އަވަހާރަވެއްޖެއެވެ.
ދައުލަތަށް 65 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ހިދުމަތްކުރެއްވި ކަރަންކާ ރަޝީދު އަވަހާރަވީ މިއަދު މެންދުރުފަހު މާލޭގައެވެ. އަވަހާރަވީއިރު ރަޝީދުގެ އުމުރުފުޅަކީ 92 އަހަރުފުޅެވެ.
އޭނާ ސަރުކާރަށް ހިދުމަތްކުރައްވަން ފެއްޓެވީ 1942 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެއީ ރައްޔިތުންގެ ބޮޑު އިސްޓޯރިގެ ކާތިބުކަމުގެ ވަޒީފާއިންނެވެ. އޭގެ ފަހުން އޭނާ ވަނީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ކާތިބުކަންވެސް ކުރައްވާފައެވެ.
ކަރަންކާ ރަޝީދު ދައުލަތަށް ހިދުމަތްކުރެއްވި ބައެއް އެހެނިހެން މަގާމުތަކުގެ ތެރޭގައި މާބަނޑޭރި އޮފީހުގައި ރަދުންގެ ކާތިބުއްސިރުކަމާއި، ވުޒާރަތުއްދާޚިލިއްޔާގެ ވަޒީރުގެ ނައިބުކަމާއި، ވުޒާރަތުލް މައާރިފުގެ ނައިބުކަމާއި، ވަޒީރުލްއައުޒަމްގެ ހާއްސަ ސެކްރެޓަރީކަމާއި ވަޒީރުލްއައުޒަމްގެ ނައިބުކަމާއި، މިނިސްޓަރ އޮފް ހެލްތުކަމާއި މިނިސްޓަރ އޮފް ހޯމްއެފެއާޒްކަން، އަދި ދައުލަތަށް ގިނަދުވަހު ހިދުމަތްކުރެއްވި އިއްޒަތްތެރޔާގެ މަގާމުވެސް ހިމެނެއެވެ.
މީގެ އިތުރުން ރަޝީދު ވަނީ ރައޔްިތުންގެ މަޖިލީހުގެ ޒައީމުކަމާއި، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައެވެ.
އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދެވުމަށް ކުރި މަސައްކަތުގައި ބޮޑުވަޒީރު އިބްރާހިމް ނާސިރުގެ އަރިހުގައި ރަޝީދު އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި 1962 ގައި ވޯރާ ވިޔަފާރިވެރިންގެ ކިބައިން ރާއްޖޭގެ އިގްތިސާދު މިނިވަންކުރުމުގެ މަސައްކަތުގައި ބޮޑުވަޒީރު ނާސިރު އަރިހުން އޭނާ މަސައްކަތްކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖޭައި އިނގިރޭސި މީޑިއަމަށް ތައުލީމުދޭން ފެށުމާއި، ސަރުކާރުގެ ހޮސްޕިޓަލް ހުޅުވުމާއި އަތޮޅުތަކުގައި ސިއްހީ މަރުކަޒު ހުޅުވުމާއި، އެއާޕޯޓު ބިނާކުރުމާއި ދަތުރުފަތުރާއި މުވާސަލާތުގެ ރޮނގުތަކުން އެދުވަސްވަރު ރާއްޖޭގައި ހިންގި ތަރައްގީގެ މަޝްރޫއުތަކުގައި އަމަލީ ގޮތުން ހިކުމަތްތެރި އަދި ހީވާގި ދައުރެއް އޭނާ އަދާކުރެއްވިއެވެ.
ކަރަންކާ ރަޝީދުގެ ގައުމީ ހިދުމަތްތައް ފާހަގަކުރައްވައި، އޭނާއަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނޢޢވ) ދައުލަތުން ދެއްވީ 2011 ވަނަ އަހަރުއެވެ.