ދަނޑުވެރިންގެ މުޒާހަރާތަކާ ހެދި އިންޑިއާއިން ދިއްލީގެ އެކި ހިސާބުތަކުން އިންޓަނެޓް ކަނޑާލައިފި

ދިއްލީގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން--

އިންޑިއާގެ ދަނޑުވެރިން މިހާރު ކުރަމުންދާ ވަރުގަދަ މުޒާހަރާތަކާހެދި އެގައުމުގެ ވެރިރަށް ދިއްލީގެ އެކި ހިސާބުތަކުގައި އިންޓަނެޓް ކަނޑާލައިފިއެވެ.

އިންޓަނެޓް ކަނޑާލިއިރު ދަނޑުވެރިން ވަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއްވެސް ފަށައިފައެވެ.

މުޒާހަރާތަކާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރަމުން ދާއިރު އެކަކު މަރުވެ އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެސް ވެފައެވެ.

އިންޑިއާއިން މީގެ ކުރިން އިންޓަނެޓްގެ ހިދުމަތް ކަނޑާލަނީ ހަމަނުޖެހުން އުފެދިދާނެ ހާލަތެއް މެދުވެރިވެދާނެތީވެއެވެ. ނަމަވެސް ވެރިރަށް ދިއްލީގައި އިންޓަނެޓްގެ ހިދުމަތް ކަނޑާލުމަކީ އާންމުކަމެއް ނޫނެވެ.

އިންޑިއާގެ ދަނޑުވެރިން މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ދިއްލީ ކައިރީގައި މުޒާހަރާ ކުރަމުން ދަނީ އެގައުމުން މިދިޔަ ސެޕްޓެމްބަރު މަހު ފާސް ކުރި ދަނޑުވެރިކަމާ ބެހޭ ގާނޫނުތަކާ ގުޅިގެންނެވެ.

އިންޑިއާގެ ޕާލިމެންޓުން ސެޕްޓެމްބަރު މަހު ފާސްކުރި ދަނޑުވެރިކަމާ ބެހޭ ގާނޫނުތަކުގެ ތެރެއިން ދަނޑުވެރިން އެންމެ ބޮޑަށް ނުރުހުން ފާޅު ކުރަނީ 'ފާމާސް އެގްރީމެންޓް އޮފް ޕްރައިސް އެޝުއަރެންސް އެންޑް ފާމް ސާވިސެސް' ކިޔާ ބިލަކާ ބެހޭ ގޮތުންނެވެ. އެއީ ދަނޑުވެރިންނަށް އެ ދާއިރާއާ ގުޅުން ހުރި ބޮޑެތި އެކްސްޕޯޓް، ހޯލްސޭލް އަދި ރީޓެއިލް ކުންފުނިތަކާ އެކު ކޮންޓްރެކްޓުތައް ހެދުމަށް މަގުފަހި ކުރާ ބިލެކެވެ.

މީގެ ކުރިން 1964ގައި އިންޑިއާއިން ފާސްކުރި ގާނޫނެއްގައި ވަނީ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް، ސްޓޭޓްތަކުގެ ސަރުކާރުން ބަލަހައްޓާ ބާޒާރުތަކުގައި ވިއްކަން މަޖުބޫރުކޮށްފަ އެވެ. އަދި އެ އުފެއްދުންތައް ދައުލަތުގެ ކުންފުނިތަކަށް ނުވަތަ ޕްރައިވެޓް ފަރާތްތަކަށް ވިއްކަން އެހީތެރި ވަނީ އެ ބާޒާރުތަކުގައި ތިބޭ މީހުންނެވެ.

އިންޑިއާގެ ސަރުކާރުން ބުނާ ގޮތުގައި އާ ގާނޫނުގެ ސަބަބުން ދަނޑުވެރިންނަށް ބޮޑެތި ކުންފުނިތަކާ އެކު އެއްބަސްވުންތައް ހަދާ އިރު މެދުވެރިން ބޭނުން ކުރަން ނުޖެހި، ފުރިހަމަ ފައިދާ ލިބޭ ގޮތް ވާނެ އެވެ. އަދި ދަނޑުވެރިންނަށް ޒަމާނީ ޓެކްނޮލޮޖީ ހޯދުން ފަސޭހަ ވާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް