އައްޑޫ ސިޓީގައި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

އައްޑޫ ފޭދޫ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގައި މިއަދު އިރު އޮއްސުމަށް ފަހު ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އެކިވަރުގެ އަނިޔާތަކެއް ލިބި ފަރުވާ ދެމުން އެބަ ގެންދެއެވެ.

ފުލުހުން މިރޭ ބުނީ، އައްޑޫ ސިޓީ ލިންކް ރޯޑް، އަލަށް އިމާރާތްކުރާ ޕޮލިސް ޓްރެއިނިން ސްކޫލު ކައިރިން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިރޭ 18:37 ހާއިރު މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލަކާއި ބައިސިކަލެއްގެ އިތުރުން ކާރެއް ޖެހި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގާފައިވަނީ ގަމުން ހިތަދޫއަށް ދިޔަ ސައިކަލަކާއި ބައިސްކަލެއް ޖެހުނު ވަގުތު ގަމުން ހިތަދޫއަށް ދިޔަ ކާރެއް، އެ ސައިކަލުގައި ޖެހި ކަމަށެވެ. އަދި އެކްސެންޓުގައި އަނިޔާވެފައިވަނީ ބައިސްކަލު ދުއްވަން އިން މީހާއަށާއި ސައިކަލު ދުއްވަން އިން މީހާއަށް ކަމަށް ފުލުހުން ބުނެއެވެ.

އެ ހާދިސާގައި އަނިޔާ ލިބުނު މީހުންނަށް މިހާރު އައްޑޫގައި ހުންނަ އީކުއިޓޯރިއަލް ހޮސްޕިޓަލުން ފަރުވާދެމުން ގެންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

comment ކޮމެންޓް