ތިން ހަފްތާ ތެރޭ އާމްދަނީ އަށް 446 މިލިއަން

ބަޖެޓު ދިރާސާކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ފުރަތަމަ ތިން ހަފްތާ ތެރޭ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 446.1 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ހިސާބުތަކަށް ބަލާއިރު މި ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުތައް ހުރީ 644 މިލިއަނުގަ އެވެ.

އެ ހިސާބުތަކަށް ބަލާއިރު ދައުލަތަށް ލިބުނު އާމްދަނީގެ73 ޕަސެންޓަކީ ޓެކްސް އާމްދަނީ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނީ ޖުމްލަ އާމްދަނީގެ 27 ޕަސެންޓެވެ.

ޓެކްސް އާމްދަނީ އަށް ޖުމްލަ 325.3 މިލިއަން ރުފިޔާ ލިބުނު އިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 117.5 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެ މުއްދަތުގައި ގްރާންޓުގެ ގޮތުގައި 2.5 މިލިއަން ރުފިޔާ ލިިބިފައިވާ ކަމަށްވެސް ހިސާބުތައް ދައްކަ އެވެ.

ފިނޭންސްގެ ހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަހުގެ 21ގެ ނިޔަލަށް ލޯނު ދެއްކުމަށް ދައުލަތުނން ވަނީ 96.8 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. 2020 ވަނަ އަހަރުގެ އެ މުއްދަތުގައި ލޯނު ދެއްލުމަށް 89 މިލިއަން ރުފިޔާ ހޭދަކުރި ކަމަށްވެސް ހިސާބުތައް ދައްކަ އެވެ.

މި ހިނގާ 2021 ވަނަ އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައިވަނީ 34 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21 ބިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް