ވެލާގެ މުވައްޒަފުންނަށް ޑިސެމްބަރު ސާވިސްޗާޖަށް 62،000 ރުފިޔާ

ވެލާ ޕްރައިވެޓް އައިލެންޑް -- ފޮޓޯ: ވެލާ ޕްރައިވެޓް އައިލެންޑް

މިދިޔަ ޑިސެމްބަރު މަހު ވެލާ ޕްރައިވެޓް އައިލެންޑްގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 4،079.10 ޑޮލަރު (62،899.72 ރުފިޔާ) ދީފި އެވެ.

ރިސޯޓު މުވައްޒަފުންގެ ހައްގުގައި ވާހަކަ ދައްކާ، މުވައްޒަފުންނާ ގުޅުންހުރި ކަންތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރާ ރިސޯޓް ވޯކާސް މޯލްޑިވްސް އިން ހިއްސާ ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެންމެ ބޮޑު އަދަދެއްގެ ސާވިސް ޗާޖުގެ ގޮތުގައި ދީފައި ވަނީ ވެލާ އިންނެވެ.

ވެލާ އަކީ މީގެކުން ވެސް ބޮޑު އަދަދަކުން ސާވިސް ޗާޖު ދޭ ރިސޯޓެކެވެ.

މީގެ އިތުރުން ވޯލްޑޯފް އެސްޓޯރިއާ އިތާފުށިން ވަނީ އެ ރިސޯޓުގެ މުވައްޒަފުންނަށް ޑިސެމްބަރު ސާވިސް ޗާޖުގެ ގޮތުގައި 3،370 ޑޮލަރު (51،502.8 ރުފިޔާ) ދީފަ އެވެ.

މީގެ އިތުރުން ޝެވަލް ބްލަން ރަންދެލި ރިސޯޓުން، ސާވިސް ޗާޖަށް 3،315 ޑޮލަރު ދީފައިވެ އެވެ. އެއީ ރުފިޔާ އިން ބަލާނަމަ 51،117.3 ރުފިޔާ އެވެ.

ރިސޯޓު ވޯކާސް މޯލްޑިވްސް އިން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާ އިރު ވަން އެންޑް އޮންލީ އިން އެ ތަނުގެ މުވައްޒަފުންނަށް ޑިސެމްބަރު ސާވިސްޗާޖަށް 3007 ޑޮލަރު (46،367 ރުފިޔާ) ވަނީ ދީފަ އެވެ. ފޯ ސީޒަންސްގެ މުވައްޒަފުންނަށް ޑިސެމްބަރު ސާވިސް ޗާޖަށް 2،960.99 ޑޮލަރު، 45،658.4 ރުފިޔާ) ދީފައިވާ ކަމަށް ވެސް އެ ޕޭޖުން ހިއްސާ ކޮށްފައިވެ އެވެ.

މިއީ ކޮވިޑް19 އާ ގުޅިގެން ޓޫރިޒަމް ސިނާއަތަށް އައި ހީނަރުކަމާ އެކު ވެސް، ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ޑިސެމްބަރު މަހު އިތުރުވުމާ އެކު އައިސްފައިވާ ކުރިއެރުމެއް ކަމަށް ބެލެވެ އެވެ. މިދިޔަ ޑިސެމްބަރު މަހު ލައްކަ އަކާ ގާތްކުރާ އަދަދަކަށް ރާއްޖެ އަށް ޓޫރިސްޓުން އައިސްފައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން 10 ޕަސެންޓަށް ވުރެ މަދުނޫން އަދަދަކުން ސާވިސް ޗާޖު ނަގަން ޖެހޭ އިސްލާހަށް މި މަހުގެ އެއްވަނަ ދުވަހު ވަނީ އަމަލުކުރަން ފަށައިފަ އެވެ.

އެ އިސްލާހާ އެކު ސާވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާ، ވަޒީފާ ދޭ ފަރާތުގެ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ބަހަން ޖެހެ އެވެ.

ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ފައިސާ، ޖެހިގެން އަންނަ މަސް ނިމުމުގެ ކުރިން މުވައްޒަފުންނަށް ދޭން ޖެހެ އެވެ. އަދި ސާވިސްޗާޖް ބެހުމުގައި އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެ ކަމަށް ގާނޫނު ބުނެ އެވެ.

comment ކޮމެންޓް