ކައުންސިލް އިންތިހާބު އޭޕްރީލް 10 ގައި ބާއްވަން ނިންމައިފި

ޑިސެމްބަރ 10، 2020: އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ސަންއަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

މިހާރު ކުރިއަށްދާ އިލެކްޝަންސް ކޮމިޝަންގެ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން އިންތިހާބުގެ މަސައްކަތް ފަށާނެ އެވެ.

މިއަދު އިންތިހާބު ބާއްވާނެ ތާރިހު އާންމުކޮށްފައި ވާއިރު، މެއި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން އިންތިހާބު ބާއްވާނެ ތާރީހު ކަނޑައެޅުމުގެ ބާރު އިލެކްޝަނަށް ގެއްލޭނެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އިންތިހާބުގެ ހާއްސަ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވީ މި މަހުގެ 21 ވަނަ ދުވަހު އެވެ.

އެއާއެކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކައުންސިލް އިންތިހާބު ބޭއްވާނަމަ އަމަލުކުރަންޖެހޭނެ ގޮތުގެ ގައިޑްލައިން ޑްރާފްޓްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްކްޝަންސް ކޮމިޝަނާ ހިއްސާކޮށްފަ އެވެ.

މިއަދު ޝަރީފް ވިދާޅުވީ ގައިޑްލައިންގައި ހުރި ބައެއް ކަހަލަ ކަންބޮޑުވުންތަކާ ގުޅިގެން ސިޔާސި ޕާޓީތަކާއެކު މަޝްވަރާކުރަން އީސީން އެދުނު ނަމަވެސް، ޕާޓީތަކުން އެދެވޭ ޖަވާބެއް ދީފައި ނުވާ ކަމަށެވެ. އަދި ކަންބޮޑުވުންތަކުގެ ސަބަބުން އިންތިހާބު ފަސްކުރުމަށް ޕާޓީތަކުގެ މަޝްވަރާއަށް އެދުމުން ޕާޓީތަކުން އެ މަޝްވަރާއަށް އެއްބަސްވެފައި ނުވާ ކަމަށެވެ.

"އެހެންކަމުން ގާނޫނުގައި އެވާ ގޮތުގެ މަތިން އަޅުގަނޑުމެން މިހާރު އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހަކީ އޭޕްރީލް މަހުގެ ދިހަ ވަނަ ދުވަސް،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެދުވަހު އިންތިހާބު ބޭއްވުމުގައި ހުރި ގޮންޖެހުންތަކާއި، އެ ތާރީހުގައި އިންތިހާބު ނުބޭއްވޭނެ ފަދަ ކަމެއް ދިމާވެދާނެ ކަމަށް އިލެކްޝަންސް އަށް ލަފާކުރެވޭ ނަމަ، ވަގުތު އޮއްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

އިންތިހާބު ބާއްވާނެ ތާރީހު ކަނޑައެޅުމާއެކު، ގާނޫނުން މަނާކޮށްފައި އޮތް އިންތިހާބަށް ކެމްޕޭނު ކުރުމާއި، އިންތިހާބުގެ އެހެން ކަންކަން މިއަދު ފެށޭނެ ކަމަށް ވެސް ޝަރީފް ވަނީ އިއުލާނުކުރައްވައިފަ އެވެ.

ޝަރީފް ވިދާޅުވީ ނަން އަނބުރާ ނެގުމަށް މިހާރު ހުޅުވާލާފައިވާ ފުރުސަތު ބަންދުވާނެ ދުވަހާއި އަދި އިންތިހާބުގައި ވާދަކުރާ ސިވިލް ސާވިސްގެ މުވައްޒަފުން ސަސްޕެންޑުވާނެ ތާރީހ ފަހުން އާންމުކުރާނެ ކަމަށެވެ.

މިދިޔަ އަހަރު ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސް ކުރީ، ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނެއް ވުޖޫދުކޮށްގެންނެވެ.

އެ ގާނޫނުގެ ދަށުން އިންތިހާބު ބޭއްވެން އޮތީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމާއެކު ކަމާ ބެހޭ ފަރާތްތަކުން އިންތިހާބު ބޭއްވުމަށް ސިއްހީ ނުރައްކަލެއް ނެތް ކަމަށް ކަނޑައެޅުމުންނެވެ.

އެކަމުގެ ސަބަބުން އިންތިހާބު ބާއްވަން ހުރަސް އެޅޭތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގަވެސް އިންތިހާބު ބޭއްވޭނެ ގޮތަށް ބޭވޭނެ ގޮތަށް ބިލު އިސްލާހު ކުރުމަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އެވެ.

މި މަހުގެ 19 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސް ކުރީ، ވޯޓުގައި ބައިވެރި 38 މެމްބަރުންގެ ވޯޓާއެކު އެވެ.

މިހާރު ބިލު އޮތް ގޮތުން، އަދިވެސް މެއި 10ގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނަމަ، 30 ދުވަހުގެ ތެރޭގައި އެކަން މަޖިލީހަށް އެންގުމަށް މިހާރު ބިލުގައި އޮތީ ހިމަނާފައެވެ.

ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި އިރު، އިންތިހާބާ ގުޅިގެން ކުރަން ޖެހޭ ކަން ކަމަށް ދީފައިވާ ބައެއް މުއްދަތުތައް ކުރު ކުރުމަށް އޮތީ ހިމަނާފައެވެ. އެގޮތުން އިންތިހާބުތަކާ ބެހޭ ގާނޫގައިވާ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި، އެ ޝަކުވާތަކަށް ޖަވާބު ދިނުމާއި ކޯޓަށް މައްސަލަ ހުށަހެޅުން ފަދަ ބައެއް މުއްދަތުތައް އޮތީ ކުރު ކޮށްފައެވެ.

އެހެން ނަމަވެސް ބިލު މަޖިލީހުން ފާސް ކުރީ އިލެކްޝަންސް ކޮމިޝަނުން އެދުނު ގޮތަށް އެ މުއްދަތުތައް ކުރު ނުކޮށެވެ. އެހެން ކަމުން ކޮމިޝަނުން ދެން އިންތިހާބު ބާއްވަން ޖެހޭނީ، އިންތިހާބުތަކާ ބެހޭ ގާނޫނުގައި މިހާރުވެސް ހުރި މުއްދަތުތަކަށެވެ.

ބިލު ފާސް ކުރި ގޮތުން އިންތިހާބު ބޭއްވެން އޮތީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅަންޖެހޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެ އުސޫލުތައް ހަތް ދުވަސް ތެރޭ ޑިރެކްޓާ ޖެނެރަލް އެކުކަވާލައި އާންމު ކުރަންޖެހެ އެވެ. އަދި އެސޫލުތައް އެކުލަވާލުމުގައި މިނިވަންކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިހާބު ބޭއްވޭނެކަން ކަށަވަރުކުރަންވާނެ ކަމަށް ބިލު ފާސް ކުރި އިރު ވަނީ ހިމަނާފަ އެވެ.

comment ކޮމެންޓް