ވެންޓިލޭޓަރު މައްސަލަ: ޕީޖީގެ ހުށަހެޅުންތަކަށް އޭސީސީގެ ޖަވާބު ފޮނުވަނީ

އޮކްޓޫބަރ 21، 2020: މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީގެ ބައްދަލުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވި ކަންކަމުގައި އެ ކޮމިޝަނުން ދެކޭގޮތް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ޕީޖީއަށް ފޮނުވާނެ ކަމަށް އޭސީސީ އިން ބުނެފި އެވެ.

ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އޭސީސީ އިން ތުހުމަތުވާ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމީ މިދިޔަ އޮކްޓޫބަރު މަހު 20 ވަނަ ދުވަހު އެވެ.

އެއާއެކު މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެ މައްސަލަ ބަލަން ފެށި އެވެ. އެ ކޮމިޓީން ނިންމީ، އެ މައްސަލައިގައި ޕީޖީގެ ނިންމުން ރިވިއު ކުރުމަށް ލަފާ އެރުވުމަށެވެ.

ކޮމިޓީން ތިން ހުށަހެޅުމަށް ހުށަހެޅުމަށް އޮތީ ފާސްކޮށްފައެވެ. މުރާޖައާ ކުރުމުގެ އިތުރުން ދެން ކޮމިޓީން ނިންމީ، މައްސަލަ އަލުން މުރާޖައާކުރުމާމެދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާ ގޮތް ޖުޑިޝަރީ ކޮމިޓީއަށް އެންގުމަށާއި ކަމާ ގުޅުންހުރި ތަހުގީގީ އިދާރާތަކުގައި ހުރި މައްސަލައާ ގުޅުންހުރި އިތުރު މައުލޫމާތުތައް ހޯއްދެވުމަށް ޕްރޮސެކިއުޓާ ޖެނެރަލްއަށް ލަފާއެރުވުމަށެވެ.

އެ މައްސަލައިގައި އޭސީސީގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ ޕީޖީ ޖުޑީޝަރީ ކޮމިޓީގެ ހުށަހެޅުންތަކާ ގުޅިގެން ޕީޖީ އޮފީހުން އެ މައްސަލައިގައި ފާހަގަވި ކަންކަން އޭސީސީއާ ހިއްސާކޮށްފައިވާ ކަމަށެވެ.

އަދި އެކަންކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން އޭސީސީ އާއި ފުލުހުން ގުޅިގެން ބަލަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން ޕީޖީއާ ވެސް ބައްދަލުކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޕީޖީން ފާހަގަކުރި ކަންކަމާ މެދު އޭސީސީން ދެކޭގޮތް ހިއްސާކުރާނެ ކަމަށެވެ.

ކޮވިޑް19ގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް އޯޑަރު ކުރި ވެންޓިލޭޓަރުތަކުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އޭސީސީން ފޮނުވިއެވެ.

ޕީޖީ އިން އެ މައްސަލާގައި އޭރު ބުނީ ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށްފަހު، މައްސަލާގައި ދައުވާ ނުކުރުމަށް ނިންމައި، މައްސަލަ ޑިކްލައިން ކުރަން ޖެހުނީ ކޯޓެއްގައި ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށެވެ.

comment ކޮމެންޓް