މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ތަކެއްޗާއި ހިދުމަތުގެ އަގު އުފުލުނު ކަމަށާއި މި ކުއާޓަރުގައި ތަކެތީގެ އަގުތައް އިތުރަށް އުފުލޭނެ ކަމަށް ލަފާކޮށްފި އެވެ.
އެމްއެމްއޭއިން ހިންގި ކުއާޓަލީ ބިޒްނަސް ސާވޭއަށް މައުލޫމާތު ދިން ހުރިހާ ސިނާއަތްތަކުގެ ވިޔަފާރިވެރިން ބުނި ގޮތުގައި ވިޔަފާރިތަކުން ވިއްކާ ތަކެއްޗާއި ހިދުމަތުގެ އަގުތަކާއި، ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ވަނީ މަތިވެފަ އެވެ.
ސާވޭގެ ބައިވެރިން މި ކުއާޓަރަށް ވެސް ލަފާކުރަނީ އަގުތައް އިތުރަށް އުފުލޭނެ ކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް އިތުރަށް މަތިވެގެންދާނެ ކަމަށް ވިޔަފާރިތަކުން ވަނީ ލަފާކޮށްފަ އެވެ.
އެހެން ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތާއި އިމާރާތްކުރުމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ މިފަދަ އަގުތައް އިތުރުވާ މިންވަރު މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު މި ކުއާޓަރުގައި މަޑުޖެހޭނެ ކަމަށް އެ ސިނާއަތްތަކުގެ ވިޔަފާރިތަކުން ލަފާކުރެ އެވެ.
ހަތަރުވަނަ ކުއާޓަރުގައި ވިޔަފާރިތަކުގެ މާލީ ހާލަތަށް ބަލާއިރު، އިމާރާތްކުރުމުގެ ސިނާއަތުގައި ހިމެނޭ ވިޔަފާރިތައް ފިޔަވާ ސާވޭގައި ބައިވެރިވި އެހެން ހުރިހާ ސިނާއަތްތަކުގެ ވިޔަފާރިތަކުގެ މާލީ ހާލަތާއި ވިޔަފާރީގެ ހާލަތު އެ މުއްދަތުގައި ވަނީ ރަނގަޅުވެފަ އެވެ.
އެ މުއްދަތުގައި މާލީ ހާލަތާއި ވިޔަފާރިއަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ފަތުރުވެރިކަމާއި ދަތުރުފަތުރު އަދި މުއާސަލާތީ ހިދުމަތް ފޯރުކޮށްދޭ ވިޔަފާރިތަކަށެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މާލީ ހާލާތު އިތުރަށް ރަނގަޅުވާނެ ކަމަށް އިމާރާތްކުރުމުގެ ސިނާއަތް ފިޔަވައި އެހެން ސިނާއަތްތަކުގެ ވިޔަފާރިތަކުން ލަފާކުރެ އެވެ.
އެމްއެމްއޭއިން މިދިޔަ ޑިސެމްބަރު 24އިން މި މަހުގެ 16އާ ހަމައަށް ކުރިއަށްގެންދިޔަ ކުއާޓަލީ ބިޒްނަސް ސާވޭގައި ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރު އަދި މުއާސަލާތީ ޚިދުމަތްތަކާއި ހޯލްސޭލް އަދި ރީޓެއިލް ހިމެނޭ ގޮތަށް ހަތަރު ސިނާއަތަކުން ޖުމްލަ 121 ކުންފުންޏަކުން ވަނީ ބައިވެރިވެފަ އެވެ.