ތިމަރަފުށީގައި ލެބޯޓްރީ ގޮއްވާލަން ރޭވި ކަމުގެ ތުހުމަތުގައި އަށް މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކުރި އަށް މީހުން -- ފޮޓޯ/ ފުލުހުން

މިދިޔަ އަހަރު ފަހުކޮޅު ތ. ތިމަރަފުށީގައި ފުލުހުން ހިންގި ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުން އުޅުނީ އޯލެވެލް އިމްތިހާނާ ދިމާކޮށް އެ ރަށު ސްކޫލުގެ ލެބޯޓްރީ ގޮއްވާލަން ކަމަށް ފުލުހުން ތުހުމަތުކޮށް އެ މީހުންގެ ވަނަވަރު މިއަދު އާންމުކޮށްފި އެވެ.

ހައްޔަރުކުރި އަށް މީހުންގެ ވަނަވަރު އާންމު ކުރަމުން ފުލުހުން މިއަދު ބުނީ އެ އެންމެންގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އެ މައްސަލަ އިއްޔެގެ ވަގުތެއްގައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ޓެރަރިސްޓު ޖަމާއަތް އައިސްއެސްއާ ގުޅިގެން ޓެރަރިޒަމްގެ ހަމަލާ ދިނުމަށް ރޭވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންނަކީ؛

1. އަބްދުﷲ ޝަރީފް (34އ)، ތ. ތިމަރަފުށި، ފެހިވިދުވަރު

2. އަހްސަން މުހައްމަދު (32އ)، ތ. ތިމަރަފުށި، އަސްރަފީވިލާ

3. އަލީ މުނީޒު (28އ)، ތ. ތިމަރަފުށި، ކެނެރީގެ

4. މުހައްމަދު އާސިރު (، ތ. ތިމަރަފުށި، އަސުރުމާގެ

5. އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ، ފެހިވިލާ

6. ޝަމާހް ޝަރީފް، ތ. ތިމަރަފުށި،ސައިމާ

7. އިބްރާހިމް ލޫތު (21އ)، ނ. ކުޑަފަރި، ރޯޒްްމީޑު

8. އަބްދުﷲ އިމާދު (29އ)، ރ. މަޑުއްވަރީ، ބީޗުހައުސް

ފުލުހުން އެ އޮޕަރޭޝަން ހިންގާފައި ވަނީ، އައިސިސް ޖަމާއަތުގެ ހޮރާސަން ޕޮރޮވިންސްގެ ފަރާތުން އަމީރެއްގެ ގޮތުގައި އަބްދުﷲ ޝަރީފު އައްޔަންކޮށްފައިވާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ އަދި ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުން އޮޕަރޭޓް ކުރާ "ނަސާހް-3" ނަމަކަށް ކިޔާ ދޯންޏެއްގައި އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) ތައްޔާރުކޮށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބިގެންނެވެ. އެގޮތުން އެެދޯނިން ހައްޔަރުކުރި މީހަކު އައިސިސް ޖަމާއަތާ ގުޅިގެން ހަނގުރާމަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް އިންޓަނެޓުން ސާޗުކުރަމުންދާކަމަށް ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާއަކުން ވެސް ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.

ފުލުހުން ބުނީ، އެމީހުން އީއައިޑީ ގޮއްވާލަން މަސައްކަތް ކުރީ، ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާން ހަދަމުންދާ ވަގުތާ ދިމާކޮށް އެ ސްކޫލުގެ ލެބޯޓަރީގައި ކަމަށެވެ. އަދި އެ ދުވަސްވަރު އެ ސްކޫލުގެ ލެބޯޓަރީގެ ކެމިކަލް ރައްކާކުރާ ގުދަން ފަޅާލާފައިވާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅުގެން "ނަސާހް3" ދޯންޏާ ތިމަރަފުށިން އިތުރު ތިންތަނެއް ބަލައި ފާސްކޮށްފައިވެ އެވެ. އަދި ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ފޯނު އައިސް ޖަމާއަތުގެ ހޮރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއްގެ ގޮތުގައި އަބްދުﷲ ޝަރީފު އައްޔަންކޮށްފައިވާ ކަމަށް ދޭހަވާ ލިޔުމެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަސާހް3 ދޯނި ބަލައި ފާސްކުރި އިރު، އައިއީޑީއެއް ތައްޔާރު ކުރުމަށް ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ ބައެއް އާލާތްތައް އެ ދޯނިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ދޯނި އަޅާފާފައިވާ ސަރަހައްދު މޫދު އަޑި ބަލާ ފާސްކުރި އިރު 10 މީޓަރުގެ އަޑިން، ބަޑި ބޭސް އެކުލެވޭ ކަމަށް ބެލެވޭ ކާޓްރިޖްތަކެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރު ކުރި މީހުން ގެންގުޅުނު ޓިޖިޓަލް ޑިވައިސްތަކުން ލިބުނު މައުލޫމާތުތަކުން އެމީން މަސައްކަތް ކުރަމުން ދިޔައީ އައިއީޑީއެއް ތައްޔާރުކޮށް، ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށްކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރު ފުޅާމިނުގައި!

އެ މީހުންގެ ހަރުކަށި ފިކުރުގެ ނެޓްވޯކް ތިމަރަފުށީގައި ވަރަށް ބޮޑަށް ފުޅާކޮށްފައިވާ ކަމަށް ފުލުހުންގެ ބަޔާނުން އެނގެ އެވެ. އެގޮތުން އެ ފިކުރު އިތުރަށް ފުޅާ ކުރުމުގެ ގޮތުން އެ ފިކުރުގެ ތެރެއަށް ކުޑަކުދިންނަށް ދަތިހާލުގައި އުޅޭ މީހުންނާއި ކުށްކުރާ މީހުންގެ ތެރެއިން ފައިސާއަށް ހެއްލޭ މީހުން އެ ފިކުރުގެ ތެރެއަށް ލެންބުމަށް މަސައްކަތް ކުރާ ކަމަށް ފުލުހުން ބުންޏެވެ.

"ފުރަތަމަ މަރުހަލާގައި ދީނީ އަޅުކަންތައްތައް އާންމުކޮށް ކުރުމަށް ބާރު އަޅައި ވާހަކަ ދައްކައި ދީނީ ކަންކަންކަމަށް ޝައުގުވެރިކުރުވާކަން ފާހަގަ ކުރެވިފައިވެ އެވެ. އެގޮތުން ނަމާދު ކުރަން ދިއުމަށް ބާރުއަޅައި އެފަދައިން ނަމާދުކުރަން ދާން ފެށުމުން މިސްކިތުގެ ޖަމާއަތަށް އަރަން ނުޖެހޭނެ ކަމަށާއި ސަރުކާރުން ކަނޑައަޅާ އިމާމުންގެ ފަހަތުގައި ނަމާދުކުރުން ހުއްދަނުވާނެކަމަށް ބުނެ އެފަރާތައް ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރުވުމަށް ބާރުއަޅާކަން ފާހަގަކުރެވިފައިވެ އެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

"ހަމައެއާ އެކު މައިންބަފައިންގެ ބަސް ކޮންމެހެން ގަބޫލު ކުރަން ނުޖެހޭކަމަށް ބުނެ އެފިކުރު ގަބޫލުކުރާ މީހުން އެއީ އަހުންކަމަށް ދައްކައި އެގޮތަށް އުޅުމަށް ބާރު އަޅައި، އެހެން މީހުންނަކި އިސްލާމްދީން ބަލައިގަންނަ ބައެއް ނޫންކަމަށް ބުނެ އެމީހުންނާ ދުރުވުމަށް ބާރު އަޅާ،"

އެފަދައިން ހަލުވާލެވޭ ކުދިންނަށް އެކި ގޮތްގޮތުން ފައިސާ ނުވަތަ ތަކެތި ދީގެން އެހީތެރިވެދީ، އެކުދިންގެ ހިތް އަނބުރާލަން މަސައްކަތް ކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމުގެ ސަބަބުން ދަރިން މައިންބަފައިންނާ ވަކިވެ، ވަކިން އުޅެން ފަށައި، ބައެއް ފަހަރު މައިންބަފައިން ކާފަރުކޮށް، މައިންބަފައިން ގަތުލުކުރަން ޖެހޭކަމަށް ދެކި އެހުންގެ ގޮތުގައި ދައްކައި ދީފައިވާ ފަރާތްތަކަކީ، ރަށުގެ އާންމު އެހެން މީހުންނަށްވުރެ މުހިންމު ބައެއް ކަމުގައިދެކެން ފަށައި، އާންމުންނާއި އޮންނަ ގުޅުން ކުޑަވެގެން ގޮސްފައިވާ ކަން ވެސް ފާހަގަ ކުރެވިފައިވޭ." ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

comment ކޮމެންޓް