ސިފައިންގެ އިސް ރޭންކަކަށް ފުރަތަމަ ފަހަރަށް އަންހެންނުން، ރައީސްގެ މަރުހަބާ!

ސިފައިންނަށް މަގާމުގެ ކުރިއެރުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ -- ފޮޓޯ/ އެމްއެންޑިއެފް

ސިފައިންގެ އިސް ރޭންކަކަށް ފުރަތަމަ ފަހަރަށް އަންހެނުންނަށް މަގާމުގެ ކުރިއެރުން ލިބުމުން އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ މަރުހަބާ ވިދާޅުވެއްޖެ އެވެ.

ސިފައިންނަށް މަގާމުގެ ކުރިއެރުން ދިނުމަށް މިއަދު ބަންޑާރަ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ތިން އަންހެނަކަށް ވަނީ މޭޖާގެ ރޭންކުން ލެފްޓިނެންޓް ކާނަލްގެ ރޭންކަށް މަގާމުގެ ކުރިއެރުން ލިބިފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްވަން ފެއްޓެވުމުގެ ކުރިން މަގާމުގެ ކުރިއެރުން ލިބުނު ފަރާތްތަކަށް، އަދި ވަކީން ހާއްސަކޮށް އެ ހަތަރު އަންހެން ސިފައިނަށް ރައީސް ސޯލިހް މަރުހާބާ ދެންނެވި އެވެ.

"މިއީ ދިވެހި ސިފައިންގެ ތާރީހުގައިވެސް، އަދި ދިވެހި އަންހެނުންގެ އަސްކަރީ ހިދުމަތުގެ ތާރީހުގައިވެސް، މި ރޭންކަށް އަންހެން ސިފައިން ހަމަޖެހިގެންދިޔަ ފުރަތަމަ ފަހަރު. މިހާރު އެމްއެންޑީއެފްގެ ރޭންކުތަކަށް ބަލާއިރު، އެންމެ މަތިން ފެށިގެން މިއީ ހަތަރު ވަނަ ރޭންކު،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ސިފައިންގެ އިސް ރޭންކަށް ބަދަލުވި ތިން އަންހެނުންނަކީ، ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީން އާއި ލެފްޓިނެންޓް ކާނަލް ޑރ. ފާތިމަތު ތަޙްސީނާ އިބްރާހީމް އަދި ލެފްޓިނެންޓް ކާނަލް ޑރ. އައިމިނަތު ޝުމްރާ އެވެ.

ސިފައިނަށް މަގާމުގެ ކުރިއެރުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްއެންޑީއެފް

ރައީސް ވިދާޅުވީ، އަންހެނުންވެސް ސިފައިންގެ އިސް މަގާމުތަކަށް އައުމުން އެނގެނީ، ދިވެހި އަސްކަރިއްޔާގައިވެސް، އަންހެން ބޭފުޅުންނަށް ހަމަހަމަ ފުރުސަތު އެބައޮތްކަމެވެ. އަދި ސިފަވަންތަކަމުގެ ގޮތުންނާއި، ހިންގުންތެރިކަމުގެ ދާއިރާއިންވެސް، ގާބިލް އަންހެން ބޭފުޅުން އެބަ ތިއްބެވިކަން އެނގިގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރުން އަބަދުވެސް މަސައްކަތް މިކުރަނީ، ޤައުމީ ޚިދުމަތުގެ ކޮންމެ ދާއިރާއަކީވެސް، ގިންތީގެ ތަފާތުކުރުމެއްނެތި، ގައުމުގެ ކޮންމެ ފަރުދަކަށްވެސް، ކުރިއަށް ދިއުމުގެ ފުރުޞަތު ފަހިވެފައިވާ، އަދި ޒަމާނީ ފެންވަރަށް ތަރައްގީވެފައިވާ ދާއިރާއަކަށް ހެދުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދިވެހި އަސްކަރިއްޔާ ކުރިއަރުވައި ތަރައްގީކުރުމުގައިވެސް، ގިންތީގެ ހަަމަހަމަކަށް ވަރަށް ބޮޑަށް އިސްކަން ދެމުން އަންނަ ކަމަށެވެ.

އަންހެނުންނަށް މަގާމުގެ ކުރިއެރުން ލިބުމުން އެކަމަށް ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދުވެސް މަރުހާބާ ދެންނެވި އެެވެ. އެ ރަސްމިއްޔާތުގަިއ ވާހަކަ ދައްކަވަމުން މާރިއާ ވިދާޅުވީ، މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް މިސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން މިއަހަރު ރެކޯޑް އަދަދަކަށް އަންހެން ސިފައިން މަގާމުގެ ކުރިއެރުން ހާސިލްކުރައްވާފައިވާ ކަމަށެވެ.

comment ކޮމެންޓް