ދިރިއުޅުމުގެ ހާލަތު ހާމަކުރާ ސަރުކާރު މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކާކަމުގެ ތުހުމަތު

ފޮޓޯ: އާންމުންގެ އެކުވެރި ގުޅުން

ދިރިއުޅުމުގެ ހާލަތު ބަޔާންކޮށް، ދިރިއުޅޭ ތަނުގެ ފޮޓޯ އާއި ވީޑިއޯ ހިއްސާނުކުރުމަށް ސަރުކާރުގައި އަދި ސަރުކާރުގެ ކުންފުނި ތަކުގައި އުޅޭ ބައެއް ފަރާތްތަކަށް އަންގާ ވަޒީފާގެ ބިރު ދައްކާކަމުގެ ތުހުމަތު ކޮށްފި އެވެ.

ހިޔާ ފްލެޓުތަކަށް ފޯމު ހުށަހެޅި މީހުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ އާންމުންގެ އެކުވެރި ގުޅުން ޖަމިއްޔާއިން އަންނަނީ ކުރީ ސަރުކާރުން ފްލެޓް ދިން ނަމަވެސް، މި ސަރުކާރުން ފްލެޓް އަތުލި މީހުން ދިރިއުޅޭ ތަންތަނަށް ޒިޔާރަތްކޮށް، އެމީހުންގެ ވާހަކަތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުންނެވެ.

އެ ޖަމިއްޔާއިން އަންނަނީ ފޮޓޯގެ އިތުރުން ވީޑިއޯއާއެކު، އެމީހުން ދިރިއުޅޭ ތަންތަނާއި އެމީހުންގެ ދިރިއުޅުމުގެ ހާލަތު ހާމަކުރަމުންނެވެ.

އެ ޖަމިއްޔާއިން މިއަދު ބުނީ، ސަރުކާރުގައި އަދި ސަރުކާރުގެ ކުންފުނި ތަކުގައި އުޅޭ ބައެއް ފަރާތްތަކަށް "އެއްވެސް ކަހަލަ ގޭގެ ފޮޓޯ ވީޑިއޯ ހަދާ ޕްރޮގްރާމުތަކުގައި" ބައިވެރި ނުވުމަށް އަންގާފައި ވާކަމަށް ވީޑިއޯ ސްޓޯރީ ހަދަން އެދުނު ބައެއް ފަރާތްތަކުން އަންގަމުންދާ ކަމަށެވެ.

ފްލެޓު އަތުލި މީހުންގެ މިހާތަނަށް ވާހަކަ ގެނެސްދިން އަދި ގެނެސްދޭން ބޭނުންވާ ގިނަ މީހުންނަކީ ސަރުކާރާއި ސަރުކާރު ކުންފުނި ތަކުގެ ވަރަށް ދަށް ފަންތީގެ ވަޒީފާ ތަކުގައި އުޅޭ މީހުން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެހެންކަމުން ވަޒީފާ ގެއްލިއްޖެ ނަމަ އެ އާއިލާ އިނދަޖެހޭނެތީ ވަޒީފާ ގެއްލިދާނެތީ އެންމެންވެސް ބިރުން ތިބި ކަމަށް ޖަމިއްޔާ އިން ބުންޏެވެ. އަދި ދިރިއުޅުމުގެ ހާލަތު ކިޔައިދީ ފްލެޓު ނިގުޅައިގަތްގޮތް ކިޔައި ދިނުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް އޮންނާނެ ކަމަށާއި ރައްޔިތުންގެ އެ މިނިވަންކަމަށް އަރައި ނުގަތުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ.

"އެމީހުން ވާހަކަ ގެނެސްދެނީ އެމީހުންގެ ފްލެޓު އަތުލީމަ. ސިޔާސީ ވާކަށެއް ނޫން. ދައްކަނީވެސް ތެދު ހަގީގަތް. ވީމާ ސީދާ އަދި ނުސީދާ ގޮތުން ވެސް ނިކަމެތިންނަށް ވަޒީފާގެ ބިރުދެއްކުން ހުއްޓާލުމަށް އަޅުގަނޑުމެން ގޮވާލަން،" އެ ޖަމިއްޔާއިން ބުންޏެވެ.

އެ ޖަމިއްޔާގެ ވަގުތީ ރައީސް މިދުއަމް ސައުދު ވިދާޅުވެފައި ވަނީ ކުއްޔަށް އުޅޭ ތަނުގެ ގޭގެ ފޮޓޯ އާއި ވީޑިއޯ އާންމު ނުކުރަން، އެ ގޭގެ ވެރިފަރާތްތަކުން ވެސް އަންގަމުން އަންނަ ކަމަށެވެ. އަދި ހަފްތާއެއްގެ ތެރޭގައި ދާއިމީ ލިސްޓު ފައިނަލް ކުރަން ފްލެޓް ކޮމެޓީއަށް އަންގާފައިވާ ކަމަށް ވެސް މިދުއަމް ވަނީ ތުހުމަތުކޮށްފަ އެވެ.

އެ ޖަމިއްޔާއިން ބުނެފައި ވަނީ ފްލެޓު ކޮމެޓީން މުވައްޒަފުން ހަފްތާ ބަންދު ދުވަސްތަކާއި، ރޭގަނޑުވެސް ނެރެގެން އަވަހަށް ލިސްޓު ނެރެން މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި "މާގިނަ ސްޓޯރީތައް ފެންމަތި ވުމުގެ ކުރިން" ލިސްޓު ފައިނަލްކޮށް ނިންމަން "މަތިން" އޯޑަރެއް އައިސްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

"މިހާރު ހިތުހުރި ގޮތަކަށް އަތުރާފައި އޮތް ލިސްޓު އަވަސް އަރުވައި ނެރެލީމާއި އަޅުގަނޑުމެން މިވާހަކަ ދެއްކުން ހުއްޓާލާނެ ކަމަށް ހީކުރުމަކީ ކުށް ހީއެކެވެ. އަޅުގަނޑުމެން އެކަން ހުއްޓާނުލާނަމެވެ. ސިޔާސީ ގޮތުން އަތުރާފައިވާ އެ ލިސްޓު ނެރެލާފައި މިކަން ފަސްލައި ނިންމާލެވޭނެ ކަމަށް ހީކުރުމަކީވެސް ކުށް ހީއެކެވެ. އަޅުގަނޑުމެން ދާނީ ކުރިއަށެވެ." އެ ޖަމިއްޔާއިން ބުންޏެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތައް ލިބޭ މީހުންގެ ފައިނަލް ލިސްޓު މި މަސް ނިމުމުގެ ކުރިން އިއުލާނު ކުރާނެ ކަމަށް ފްލެޓުތަކުގެ މައްސަލަ ބެލުމަށް އެލުލަވާލާފައިވާ ކޮމެޓީ އިން މީގެކުރިން ވަނީ ބުނެފަ އެވެ.

ކުރިން ފްލެޓު ލިބުނު ކަމުގެ ލިޔުން ލިބުނު މީހުންނަށްވެސް، ފަހުން ކޮމެޓީ އިން ބެލި ބެލުމަށްފަހު ޕޮއިންޓު މަދުވެ ފްލެޓު ލިބޭ ޝަރުތު ހަމަނުވާކަމުގެ ޝަކުވާތައް ވަނީ ފެންމަތި ވެފައެވެ. އެގޮތުން ދިރިއުޅުމުގެ ހާލަތު ދަތިކޮށް ހުރި މީހުންނަށް ޕޮއިންޓު އުނިކުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ހިޔާ މަޝްރޫގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅި ފްލެޓުތަކުން ފްލެޓު ދޫކުރަނީ މާލޭ ރައްވެހިންނަށާއި، މާލޭ ދަފްތަރުގެ މީހުންނަށާއި، އުމުރުން 18 އަހަރާއި 41 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި އެކަނިވެރި މައިންނާއި ބަފައިންނާއި ޓީޗަރުންނަށް އަދި ޑޮކްޓަރުންނަށާއި ނަރުހުންނަށް އަދި ސިވިލް ސާވިސް މުވައްޒަފުންނަށެވެ.

މީގެ ކުރިން ފްލެޓު ކޮމެޓީ އިން ބުނީ ހިޔާ ފްލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު މިދިޔަ ޑިސެމްބަރުގެ ކުރިން އާންމު ކުރާނެ ކަމަށެވެ. ނަމަވެސް ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތު ނެތް ކަމަށް ބުނެ ފްލެޓަށް ކުރިމަތިލީ ގިނަ ބަޔެއްގެ އެދުމުގެ މަތިންނާއި ޝަކުވާތަކުގެ ސަބަބުން ލިސްޓު ފައިނަލް ކޮށް އާންމު ކުރުން ފަސްކުރީ އެވެ.

ފްލެޓް ލިބެން ޝަރުތު ހަމަވަނީ 50 ޕޮއިންޓަށް ވުރެ މަތިން ލިބުމުންނެވެ. އެއަށް ވުރެ ދަށް ޕޮއިންޓް ލިބުނު ފަރާތްތައް ވަނީ ޑިސްކޮލިފައިކޮށްފަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 25 ބުރީގެ 16 ޓަވަރު އަޅާފައިވާއިރު އެ މަޝްރޫއަށް 430 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.

comment ކޮމެންޓް