މެޗަށް ދަނިކޮށް ފްލައިޓް ވެއްޓި ހަތަރު ކުޅުންތެރިންނާއި ޓީމުގެ ރައީސް މަރުވެއްޖެ

ބްރެޒިލްގެ ލަސް ޕަލްމަސް ކުޅުންތެރިން ދަތުރު ކުރި ފްލައިޓް ވެއްޓިފައި ---

ބްރެޒިލްގެ ކްލަބް ޕަލްމަސްގެ ކުޅުންތެރިންތަކަކާއި، އެކުލަބުގެ ރައީސް ގޮވައިގެން މެޗަކަށް ދަތުރު ކުރި ފްލައިޓެއް ވެއްޓި އޭގެން ދަތުރުކުރި ހަ މީހުން މަރުވެއްޖެ އެވެ.

އިއްޔެގެ ވަގުތެއްގައި މި ހާދިސާ ހިނގާފައި ވަނީ ބްރެޒިލުގެ ހަތަރު ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ލަސް ޕަލްމަސްގެ ކުޅުންތެރިންތަކެއް ލީގު ކަޕުގެ މެޗެއް ކުޅެން ގޮއިއާނިއާއަށް ދަތުރު ކުރަމުންދަނިކޮށެވެ. މި ހާދިސާގައި އެ ޓީމުގެ ހަތަރު ކުޅުންތެރިއަކާއި، ކުލަބުގެ ރައީސް ލޫކަސް މެއިރާގެ އިތުރުން ފްލައިޓް ދުއްވި ޕައިލޮޓް ވަނީ މަރުވެފަ އެވެ.

މިއަދު ވިލަ ނޮވާއާ ދެކޮޅަށް ކުޅެން އޮތް ކުއާރޓާ ފައިނަލް މެޗަށް ލަސް ޕަލްމަސް ކުޅުންތެރިން ދަތުރު ކުރީ، މިދިޔަ ބުދަ ދުވަހު ގަދަ 16 ގެ މެޗުން މޮޅުވެގެންނެވެ.

އެ ކުލަބުން ރޭ ޓްވިޓާގައި އާއްމު ކުރި ބަޔާނެއްގައި ބުނީ، މި ހާދިސާ ހިނގީ ދަތުރު ކުރި ފްލައިޓް ރަންވޭއިން ނައްޓާލުމަށްފަހު އެކަށީގެންވާ ވަރަށް މައްޗަށް ނޭރިގެން އުޅެނިކޮށް ވެއްޓިގެން ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކު ސަލާމަތްވެފައި ނުވާ ކަމަށާއި، މި ހިތާމަވެރި ވަގުތު މަރުވި ކުޅުންތެރިންނާއި، ކުލަބުގެ ރައީސްގެ އިތުރުން ޕައިލޮޓްގެ އާއިލާއަށް ތައުޒިއްޔާ ފޮނުވާ ކަމަށެވެ.

ބްރެޒިލްްގެ މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި ޕްރައިވެޓް ފްލައިޓެއްގައި މި ހަތަރު ކުޅުންތެރިން ދަތުރު ކުރީ އެ ކުޅުންތެރިން ކުރިން ކޮވިޑަށް ޕޮޮޒިޓިވްވުމާ ގުޅިގެން އައިސޮލޭޝަން ފުރިހަމަ ކުރުމަށްފަހު ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަނުން ވެސް ވަނީ ތައުޒިއްޔާގެ މެސެޖްތައް މަރުވި މީހުންގެ އާއިލާތަކަށް ފޮނުވައިފަ އެވެ. އަދި ކުރިއަށް އޮތް މެޗުތަކުގެ ކުރިން ހިމޭން ވަގުތުކޮޅެއް މި ހާދިސާގައި މަރުވި އެންމެންނަށް ހާއްސަ ކުރާނެ ކަމަށާއި، ލަސް ޕާލްމަސްއިން ކުޅެން އޮތް މެޗު ފަހުގެ ތާރީކަށް ފަސްކުރާނެ ކަމަށް ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ވެސް ބްރެޒިލްގެ ފުޓުބޯޅަ ޓީމެއް ދަތުރު ކުރި ފްލައިޓެއް ވެއްޓި ގިނަ ބަޔަކު ވަނީ އެ ހާދިސާގައި ވެސް މަރުވެފަ އެވެ.

comment ކޮމެންޓް