ވާދަވެރި ލިވަޕޫލް ކަޓުވާލައި ޔުނައިޓެޑް އެފްއޭކަޕުގައި ކުރިއަށް

ލިވަޕޫލް ކޮޅަށް ގޯލު ޖެހުމަށްފަހު ބްރޫނޯ ފަނަންޑޭޒްއާ އެކު ޔުނައިޓެޑް ކުޅުންތެރިން އުފާފާޅު ކުރަނީ ---

އިނގިރޭސި އެފްއޭ ކަޕުގައި ވާދަވެރި ލިވަޕޫލް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ކުރިއަށް އޮތް ބުރަށް ދަތުރުކޮށްފި އެވެ.

ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ލިވަޕޫލުގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 2-3 ގެ ނަތީޖާއަކުންނެވެ. މިދިޔަ ހަފުތާގައި ވެސް ލީގުގައި މި ދެ ޓީމުގެ ކުރިމަތިލުމެއް އޮތް އިރު، އެ މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެމެޗުގައި ދެ ޓީމުންވެސް ކުޅުނު ޓީމަށް ރޭގެ މެޗުގައި ދެ ޓީމުން ވެސް މާބޮޑު ބަދަލެއް ގެނެސްފައި ނުވާ އިރު، ޔުނައިޓެޑުން ރޭގެ މެޗު ފެށީ އެ ޓީމުގެ މިޑްފީލްޑަރު ބްރޫނޯ ފަނަންޑޭޒް ބެންޗުގައި ބައިންދައިގެންނެވެ.

ރޭގެ މެޗު ފަށައިގެން ދެ ޓީމުން ވެސް ވަރުގަދައަށް ކުޅެ، ގޯލެއް ޖަހަން މަސައްކަތް ކުރި އިރު މެޗުގެ 16 ވަނަ މިނަޓުގައި ލިވަޕޫލުގެ ފޯވާޑް މުހައްމަދު ސަލާހް ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އެހެން ނަމަވެސް އެ ގޯލަށް މާގިނައިރުތަކެއް ނުވަނީސް ޔުނައިޓެޑްގެ ވިންގަށް ކުޅުނު މާކަސް ރަޝްފޯޑް ދިން ހިތްގައިމު ޕާހަކުން މޭސަން ގްރީންވޫޑް ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އެއަށްފަހު ވެސް އެ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު އިރު، ދެވަނަ ހާފުގެ ކުރީކޮޅު ޔުނައިޓެޑަށް ލީޑު ނަގައިދިނީ ރަޝްފޯޑް އެވެ. ރަޝްފޯޑުގެ ގޯލާ އެކު ރަނގަޅަށް ޔުނައިޓެޑުން އެ ހާފު ފަށައިގެން ކުޅެންފެށިތަނާ ލިވަޕޫލުން ވަނީ އިތުރު ގޯލެއް ޖަހައި އެއްވަރު ކޮށްފަ އެވެ. އެ ގޯލަކީ ވެސް ސަލާހު އެ ޓީމަށް ޖަހައިދިން ގޯލެކެވެ.

ރޭގެ މެޗުގައި ޔުނައިޓެޑަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން ފަނަންޑޭޒް އެވެ. މި ސީޒަނުގައި އާދަޔާ ޙިލާފު ގިނަ ޕެނަލްޓީތަކެއް އޭނާ ޖަހަމުން އަންނަކަން ފާހަގަކޮށް، ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް މިފަހުން މައްލަވަ ކޮށްފައިވާ ފަނަންޑޭޒް ރޭގެ މެޗުގައި ޖެހި ގޯލަކީ ހިލޭ ޖެހުމަކުން އޭނާ ޖެހި ގޯލެކެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޮލްޝެއާ ބުނީ، މެޗުން ލިބުނީ ހައްގު މޮޅެއް ކަމަށާއި، މިއީ މުޅި ޓީމު ވަކި އަމާޒެއް ހިފައިގެން މިކަން ވާނޭކަން ގަބޫލުކޮށްގެން ކުޅެގެން ލިބުނު މޮޅެއް ކަމަށެވެ. އަދި ދުވަހަށް ވުރެން ދުވަހެއް ޓީމު ދަނީ ވަރުގަދަ ވަމުންކަން އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން އެފްއޭކަޕުގައި ރޭ ޗެލްސީން ވަނީ ލޫޓޮން ޓައުން އަތުން ފަސޭހަކަމާ އެކު މޮޅުވެ ދެން އޮތް ބުރަށް ދަތުރު ކޮށްފަ އެވެ. ޗެލްސީން އެ މެޗު ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއަކުންނެވެ. ޓެމީ އަބްރަހަމްގެ ހެޓްރިކެއް ފެނިގެން ދިޔަ އެ މެޗުގައި ޗެލްސީއަށް ލީޑު ފުޅާ ކުރަން ގިނަ ފުރުސަތުތަކެއް ލިބުނު އިރު އިދިކޮޅު ޓީމުން މެޗުގައި ޖެހި ހަމައެކަނި ގޯލަކީ 30 ވަނަ މިނަޓުގައި ޖޯޑަން ކްލާކް ޖެހި ގޯލެކެވެ.

comment ކޮމެންޓް